ސުއަރޭޒްގެ ގޯލާ އެކު އެތުލެޓިކޯ އިން ބާސެލޯނާ ބަލިކޮށްފި

Oct 2, 2021, 8:57 PM
ލަނޑު ޖެހުމަށް ފަހު ސުއަރޭޒް (ކ) އާއި ޔާއޯ ފެލިކްސް.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސުއަރޭޒް (ކ) އާއި ޔާއޯ ފެލިކްސް.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޮކްޓޫބަރު 2) - ސްޕެނިޝް ލީގުގައި ރޭ ލުއިސް ސުއަރޭޒްގެ ގޯލާ އެކު އެތުލެޓިކޯ މެޑްރިޑުން 2-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

ސުއަރޭޒަކީ މިދިޔަ އަހަރު ބާސެލޯނާ އިން އެތުލެޓިކޯ އަށް ވިއްކާލި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އެތުލެޓިކޯ އަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވި ސުއަރޭޒް މިރޭ ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށް ފަހު އެހާ ބޮޑަށް އުފާފާޅެއް ނުކުރެ އެވެ. އެއީ ކުރީގެ ކްލަބަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

އެކަމަކު، ސުއަރޭޒް ވަނީ ލަނޑު ޖެހުމަށް ފަހު ފަހުން ކަންފަތް ކައިރީގައި އިނގިލިތައް ޖެއްސުމަށް ފަހު އިޝާރާތުން ކޯލެއް ނަގާ މަންޒަރު ދައްކާލައިފަ އެވެ. ބާސެލޯނާގައި ސުއަރޭޒަށް މުސްތަގުބަލެއް ނެތްކަން އެންގީ އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ކުރި ފޯނުކޯލަކަށް ފަހު އެވެ. އެ އިޝާރާތަކީ ސުއަރޭޒްގެ ފަރާތުން ކޫމަން އަށް ދިން މެސެޖަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ ވަނީ އެއް މެޗު އިތުރަށް ކުޅެފަ އެވެ. މާދަމާރޭ އެސްޕަންޔޯލް ބަލިކޮށްގެން ރެއާލަށް އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ. މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި ބާސެލޯނާ ނުވަ ވަނައިގައި 12 ޕޮއިންޓާ އެކު އެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން 23 ވަނަ މިނިޓްގައި އެތުލެޓިކޯ އަށް ލީޑުނަގައިދިނީ ފްރާންސްގެ މިޑްފީލްޑަރު ތޯމަސް ލެމާ އެވެ. ސުއަރޭޒް ހުސްކޮށްލާފައި ދިން ބޯޅަ ލެމާ ވަނީ ގޯލުގެ މަތީ ކަަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ބާސެލޯނާ އަށް އެއްވަރުކޮށްދޭން ފިލިއްޕޭ ކުޓީނިއޯ އޭރިއާ ކައިރިން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ގްރީޒްމަން (ކ) މިރޭގެ މެޗުގައި ސުއަރޭޒްގެ ބަދަލުގައި ކުޅެން އަރަނީ: ދެ ކުޅުންތެރިން ވެސް އެތުލެޓިކޯއާ ގުޅުނީ ބާސެލޯނާ ދޫކޮށް.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ސުއަރޭޒް އެތުލެޓިކޯގެ ލީޑުފުޅާކޮށްދިނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލަކުންނެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފުރަތަމަ ގޯލު ޖެހި ލެމާ އެވެ.

ބާސެލޯނާ އިން ފުރަތަަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފްގައި ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ބާސެލޯނާ މެޗުގެ ތެރެއަށް ގެންނަން ކުޓީނިއޯ އޭރިއާތެރެއިން ހުސްކޮށް ހުރެފައި ޖެހި ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

އެންމެ ފަހުން ބާސެލޯނާ ލީގުގައި ކުޅުނު މެޗުގައި ބަދަލެއްގެ ގޮތުގައި އަރައި ތަފާތު ދެއްކި ޒުވާން ތަރި އަންސޫ ފާޓީ ވަނީ މިރޭގެ މެޗުގެ ދެ ވަނަ ހާފްގައި ކުޅެން އަރުވައިފަ އެވެ. ފާޓީ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހުރަސްދަނޑި މަތިން ގޮސްފަ އެވެ.

މި މެޗުގައި ބާސެލޯނާއާ ދެކޮޅަށް އެންޓޮއިން ގްރީޒްމަން ވެސް ކުޅުނެވެ. މި ސީޒަނުގައި ގްރީޒްމަން ބާސެލޯނާ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

މިއީ ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ. ކޫމަން މި މެޗުގައި ހުންނަން ޖެހުނީ ބާސެލޯނާގެ ބެންޗާ ދުރުގަ އެވެ. އެއީ ކުރިން މެޗުގައި އޭނާ އަށް ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލާފައިވާތީ ބެންޗަށް ނާދެވޭ ގޮތަށް އައިސްފައިވާ ސަސްޕެންޝަނެކެވެ.

ދަށް ނަތީޖާތަކުގެ ސަބަބުން ކޫމަން އަށް ވަޒީފާގެ ޕްރެޝަރު ބޮޑުވެފައިވީ ނަމަވެސް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ ކޫމަން މަގާމުން ވަކިކުރަން އަދި ނުނިންމާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox