ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އާއިލާގެ އިތުރުން ދެ ރަހުމަތްތެރިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތް ލިބޭ ގޮތަށް ފާސް ކުރި ކޮމެޓީ ބައްދަލުވުން ސިއްރު ކުރީ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅަށް ހިނގާނެ ކަމަށް ބެލެވޭ ހަރަދުތަކެއް ވެސް ފާސް ކުރަން ހަމަޖެހިފައި އޮތުމުން ކަމަށް އެނގިއްޖެ އެވެ.
މެމްބަރުންގެ ދެ ރަހުމަތްތެރިއަކަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ސަރުކާރުގެ ހަރަދުގައި ލިބޭ ގޮތަށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީއިން ފާސްކުރުމާއެކު އެ ނިންމުމަށް އާންމުންގެ ވަރަށް ގިނަ ބައެއްގެ ފަރާތުން އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
ވީއައިޕީ ލައުންޖާ ގުޅޭ ގޮތުން އާންމު ކޮމެޓީގެ ފަރާތުން އެ ނިންމުން ފާސް ކުރި ބައްދަލުވުން ސިއްރު ކުރުމުން އެކަމަށް ވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި އެ ބައްދަލުވުން ސިއްރު ކުރުމުން އެކަމާ ވިއްދައިގެން ސިޔާސީ ބައެއް ފަރާތްތަކުން ކޮމެޓީ މެމްބަރުންނަށް ބައެއް ތުހުމަތުތައް ވެސް އަމާޒު ކުރި އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި ބުދަ ދުވަހުގެ ކޮމެޓީ ސިއްރު ކުރީ ޓެރަރިސްޓު ހަމަލާއެއްގައި މިދިޔަ މެއި 6، ގައި ޒަހަމްވެވަޑައިގެންނެވި ނަޝީދަށް އަލަށް ހަމަޖައްސާ ގެކޮޅަށް ހިނގާނެ ކަމަށް ބެލެވޭ ހަރަދުތައް ވެސް ފާސް ކުރުމަށް ހަމަޖެހިފައި އޮތުމުންނެވެ.
ރައީސް ނަޝީދަަށް ހަމަޖައްސަވާ ގެކޮޅުގެ ހަރަދުތަކުގެ ތެރޭގައި އެމަނިކުފާނުގެ ސެކިއުރިޓީގެ ހަރަދުތައް ވެސް ހިމެނެ އެވެ. އަދި އެ ހަރަދުތައް ކަނޑައަޅަނީ ސެކިއުރީޓީ ހަމަޖައްސައިދޭ ގޮތާއި މިންވަރަށް ބެލުމަށްފަހު އެވެ. ބުދަ ދުވަހު ބޭއްވި ކޮމެޓީ ސިއްރު ކުރީ އެ ސަބަބައްޓަކަ އެވެ.

ކޮމެޓީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެ ނިންމުން ފާސް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ އިދާރީ ކަންކަން އެއީ ވޯޓު ނަގައިގެން ފާސް ކުރަންޖެހޭ ނިންމުންތަކެއް ނޫނެވެ. އެހެންކަމުން ނަޝީދުގެ ޣައިރު ހާޒިރުގައި މަޖިލީހުގައި ރިޔާސަތާ ހަވާލުވެވަޑައިގެން އިންނެވި އީވާއަށް އެ ނިންމުން ބަލައިނުގަތުމުގެ ބާރު އެބަ އޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއާޕޯޓުގެ ވީއައިޕީ ލައުންޖު ބޭނުން ކުރުމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެ ހިދުމަތަކީ މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް ވެސް ލިބޭ ހިދުމަތެކެވެ.












