މައުލޫމާތުގެ ހައްގާ ގުޅޭ ހައިކޯޓުގެ ހުކުމް ގޯސްކަމަށް އެންމެން އެއްބަސް

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން: ހައިކޯޓުގެ ހުކުމް ގޯސްކޮށް ކަމަށް އެންމެން އެއްބަސް

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން: ހައިކޯޓުގެ ހުކުމް ގޯސްކޮށް ކަމަށް އެންމެން އެއްބަސް

މައުލޫމާތު ހޯދާ ލިބިގަތުމުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ހައިކޯޓުން ނެރެފައިވާ ހުކުމް ގޯސް ކަމަށް އެ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި އޮޑިޓް ރިޕޯޓަކަށް ހަވާލާދީފައިވާތީ، އެ ރިޕޯޓް ހޯދުމަށް އޭނާ އެ ކުންފުނީގައި އެދުމުން ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެންވެ, އޭނާ އެ މައުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން އެންގެވީ އެ މައުލޫމާތު ދޫކުރުމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން އެމްޑަބްލިއުއެސްސީން ހައިކޯޓަށް ދިޔައީ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބުނަނީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ.

އެމްޑަބްލިއުއެއްސީން ހުށަހެޅި މައްސަލާގައި ހުކުމަށް ދިޔުމަށް ހައިކޯޓުން ބަހުސްކުރީ އެ ކޯޓުގެ އިހްތިސޯސްއާ ގުޅޭ ގޮތުންނެވެ. ހައިކޯޓުން މާނަކުރި ގޮތުގައި, މައުލޫމާތު ހޯދުމުގެ ގާނޫނުގައި އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ހައިކޯޓަށް ބަޔާންކޮށްފައި ނުވެ އެވެ. އެހެންވެ, ދެން އެ ކޯޓުން ބެލީ އެ ކޯޓަށް އިހްތިސޯސް އޮތް މައްސަލަތަކަށެވެ.

ކޯޓުތަކުގެ ގާނޫނުން ހައިކޯޓަށް ބާރު ދެނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު ބެލުމަށެވެ. ހުށަހަޅާފައި މި އޮތީ ދަށު ކޯޓަކުން ނިންމި މައްސަލައެއް ނޫނެވެ. ހަމަ އެގޮތަށް, "އިންފޮމޭޝަން ކޮމިޝަނަރު", ޓްރައިބިއުނަލްއަކަށް ވެސް ނުވަދެ އެވެ.

ހައިކޯޓުން މާނަ ކުރާ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރަކީ ފަރުދެކެވެ. މުއައްސަސާއެއް ނޫނީ އިދާރާއެއް ނޫނެވެ. އެހެންވެ, އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އެ ކޯޓަށް ނުބެލޭނެ ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

ހައިކޯޓުން ގާނޫނު މާނަކުރި ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު ގެއްލި, ކޮމިޝަނަރުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމަށް ވެގެން ދިޔަ އެވެ. އެއީ, އަސާސީ ހައްގެއް ހަނިކުރުން ކަމަށް ދެކެ, މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އޭގެއިތުރުން އެމްޑަބްލިއުއެސްސީން ވެސް ހަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދި އެވެ. ދެން މި މައްސަލާގައި ހިމެނެނީ އިންފޮމޭޝަން ކޮމިޝަންގެ އޮފީހެވެ.

ސުޕްރީމް ކޯޓުން މިއަދު މި ދެ މައްސަލައިގެ އަޑުއެހުން އެއް ފަހަރާ ތާވަލުކޮށް, ކުރިއަށް ގެންދިޔަ އެވެ.

އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް ހައްވާ ސަނާ ވިދާޅުވި ގޮތުގައި, މައްސަލައިގެ ތެރެއަށް ވަދެ, ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން އައީ ހައިކޯޓުން އަސާސީ ހައްގެއް އުނިކޮށްފައިވާތީ އެކަމުގައި ވަކާލާތު ކުރުމަކީ އެ އޮފީހުގެ ޒިންމާއަކަށް ވާތީ އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ހައިކޯޓުން މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ މާނަކޮށްފައިވަނީ ގޯސްކޮށް, އޭގެ މަގުސަދު ގެއްލޭ ގޮތަށެވެ.

ސަނާ ވިދާޅުވި ގޮތުގައި, އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ވަރަށް ސާފުކޮށް ގާނޫނުގައި ލިޔެފައި އެބަ އޮތެވެ. ނަމަވެސް, ހައިކޯޓުން އެއީ މުއައްސަސާއެއް ނޫން ކަމާއި އެފަދަ ނިންމުންތައް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ބުނީ ގޯސްކޮށް މާނަކޮށްގެން ކަމަށެވެ.

ގާނޫނެއް މާނަކުރާއިރު އެ ގާނޫނެއްގެ ނިޔަތާއި މަގުސަދަށް ބަލަން ޖެހޭނެ ކަމަށާއި މައުލޫމާތުގެ ގާނޫނުގެ މަގުސަދަކީ އެ ހައްގު ފުޅާ ގޮތެއްގައި ލިބިދިނުންކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އެގޮތުން, އިސްތިއުނާފު ކުރުމަކީ މައުލޫމާތުގެ ހައްގާ ވެސް ގުޅިފައިވާ ކަމެއްކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

އަދި, އަސާސީ ހައްގަކާ ގުޅޭ ކަމެއް މާނަ ކުރަން ވަނީ އެ ހައްގެއް އެންމެ ފުޅާ ގޮތެއްގައި ލިބިދެވޭ ގޮތަށްކަން މީގެކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ވެސް ވަކީލް ސަނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި, ފަނޑިޔާރުން ވެސް އަމަލު ކުރަން ވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. އެ ނޫން ގޮތަކަށް އަމަލު ކުރާނަމަ އޮޅުންބޮޅުން އަރައި, އާންމުން އެކި ކޯޓުތަކަށް ދުވަން ޖެހޭނެކަން ސުޕްރީމް ކޯޓުން މީގެކުރިން ފާހަގަކޮށްފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އެހެންވެ, އޭނާ ދައުލަތުގެ ފަރާތުން އެދުނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށެވެ. އެކަމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ވެސް ތާއިދުކޮށް ވާހަކަ ދެއްކި އެވެ.

އެ އޮފީހުގެ ވަކީލް މަރިޔަމް ޝުނާނާ ވެސް ފާހަގަ ކުރެއްވި ގޮތުގައި, ހައިކޯޓުން ގާނޫނު މާނަކޮށްފައިވަނީ ގޯސްކޮށް ކަމާއި ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ބަލާފައި ވެސް ނުވެ އެވެ. އެގޮތުން, ގާނޫނުގެ ނިޔަތާއި ގާނޫނުން ހާސިލު ކުރަން ބޭނުންވާ މަގުސަދަށް ބަލާފައި ނެތް ކަމަށެވެ. މައުލޫމާތުގެ ގާނޫނުގެ ނިޔަތަކީ އެ ހައްގު ވީއެންމެ ބޮޑަށް ހޯދައިދިނުން ކަމާއި އަދި އެ ގާނޫނު ވުޖޫދު ކުރުމުގެ ބޭނުމަކީ މައުލޫމާތު ހޯދުމަށް އޮތް ހުރަސްތައް ނައްތާލުން ކަމަށް ޝުނާނާ ވިދާޅުވި އެވެ.

އެހެންވެ, އެއާ ހިލާފުވާ ގޮތަށް ގާނޫނު މާނަކޮށް ހައްގު ހަނި ކުރުމަކީ ހައިކޯޓުން ގޯސްކޮށް ކޮށްފައިވާ ކަމަށް ވިދާޅުވެ, އެ ހުކުމް ބާތިލް ކުރުމަށް ޝުނާނާ ވެސް އެދުނެވެ.

މި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ ހިޔާލު ތަފާތުވެފައިވާ އެމްޑަބްލިއުއެސްސީން ވެސް އެއްބަސްވީ އެ ކޮމިޝަނާއި ބަންޑާރަ ނައިބުގެ އޮފީހުން ދެއްކި ވާހަކަތަކަށެވެ. އެގޮތުން, ހައިކޯޓުން ގާނޫނު މާނަކުރި ގޮތް ގޯސް ކަމަށް އެއްބަހެވެ.

އެމްޑަބްލިއުއެސްސީގެ ވަކީލް މުހައްމަދު ޝަހުދީ އަންވަރު ވިދާޅުވި ގޮތުގައި, މައުލޫމާތު ދިނުމާ ގުޅޭ ގޮތުން ނިންމާ ނިންމުމަކީ އިންފޮމޭޝަން އޮފިސަރު އަމިއްލަ ހައިސިއްޔަތުން ނިންމާ ނިންމުމެއް ނޫނެވެ. އެއީ, އެ މުއައްސާސާއިން ނިންމާ ނިންމުމެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ, އެ ނިންމުމާ ގުޅޭ އިސްތިއުނާފު ނުބެލެވެންވީ ގާނޫނީ ހުރަހެއް ހައިކޯޓަށް ނެތް ކަމަށެވެ.

ޝަހުދީ ވިދާޅުވި ގޮތުގައި, މައުލޫމާތު ލިބިދިނުމުގެ ހައްގާއެކު, އިސްތިއުނާފު ކުރުމުގެ ހައްގު ވެސް ގާނޫނުގެ ދަށުން ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެ އެވެ. އެހެންވެ, އެއީ އޮޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެހެން ނުކުތާއެއް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން, ވިދާޅުވީ ކޯޓުތަކުގެ ގާނޫނުގައި ވަކި މައްސަލަތަކެއްގެ އިހުތިސޯސް ހައިކޯޓަށް ކަނޑައަޅާފައި އޮވެ, ވަކި ގާނޫނެއްގައި ހައިކޯޓަށް ވަކި އިހްތިސޯސެއް ކަނޑައަޅައިފިނަމަ, އެއީ ކޯޓުގެ އިހްތިސޯސް ކަމަށް ބެލުމަށް ކޯޓުތަކުގެ ގާނޫނުގެ ހުރަސް ނާޅާ ކަމަށެވެ.

އެހެންވެ, އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެކަން ވަރަށް ސާފު ކަމަށް ޝަހުދީ ވިދާޅުވި އެވެ. އޭނާ ވެސް އެދުނީ ހައިކޯޓުގެ ހުކުމް ބާތިލްކުރުމަށެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒު އަލީ އިންނެވި ބެންޗުން މިއަދު ވަނީ މައްސަލާގެ އަޑުއެހުންތައް ނިންމާލާފަ އެވެ. ދެން އޮންނާނީ މައްސަލާގައި ހުކުމް އިއްވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox