ދައުލަތުގެ މާލިއްޔާތުން މިހާތަނަށް އެއްފަހަރާ އެންމެ ގިނައިން ވައްކަން ކުރި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މުހިންމު ބައެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާތީ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބެލުމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އެމްއެމްޕީއާރްސީގެ 1.3 ބިލިއަނެއްހާ ރުފިޔާ ވަގަށް ނެގީ، ރިސޯޓު ވިއްކުމަށްފަހު ލިބޭ ފައިސާ މިޔުޒިކް ކުޅޭ ބޭންޑެއް ހިންގަމުން އައި އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްގެނެވެ. އެ ކުންފުނީގެ ވެރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަން އިއްޔެ ހާމަވީ އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތުގައި ފަނޑިޔާރުން ކުރިމަތި ކުރުވި ސުވާލުތަކެއްގެ ސަބަބުންނެވެ.
އިއްޔެ ސުޕްރީމް ކޯޓުގައި ޕީޖީ ހުސެއިން ޝަމީމްގެ ފަރާތުން ބުނެފައި ވަނީ އެސްއޯއެފްގެ ވެރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ފައިސާ ލިބުނު ގޮތާއި ލިބުނު މީހުން އަދި ގެއްލިފައި ހުރި ފައިސާ ހޯދުމުގެ އެމީހުންގެ އެއްބާރުލުން ބޭނުންވާތީ ކަމަށެވެ.
އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރަން ނިންމި މައްސަލައިގައި "އަދަދު" އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި މައިގަނޑު ކުށްވެރިންނަކީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ކުންފުނީގެ އެމްޑީ އަބްދުﷲ ޒިޔަތު ކަމަށްވާއިރު ދައުވާ ނުކުރުމުގެ ޑީލު ހެދީ "ކާކު ކުރި، ކޮން ކުށެއް, ކޮން ފައިސާއެއް ހޯދަން" ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"ކަމުގެ މައިގަނޑު ކުށްވެރިން ނުވަތަ އެންމެ ބޮޑު ކުށްވެރިޔާ ހޯދުމަށްޓަކައި ބައެއް ތަންތަނުގައި ގެންގުޅޭ އުސޫލެއް އެކަމުގައި ކޮންމެވެސް މިންވަރަކަށް ޝާމިލުވާ މީހުންނަށް ދައުވާ ނުކުރުން. އެހެންވީމަ، މީގަ، މިފަހަރު، އަޅުގަނޑުގެ ސުވާލަކީ ކާކު ކުރި ކޮން ކުށެއް، ކޮން ފައިސާއެއް ހޯދަން ހަދައިގެން އުޅޭ ޑީލެއްތޯ މިއީ އަދި ޑީލު ހަދައިގެން މި އުޅެނީ. އެކަމުގެ އެންމެ އަޑީގައި ތިއްބެވީ އަދީބާއި ޒިޔަތު،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ވަރަށް ބޮޑު ޖަރީމާއަކަށްވާއިރު އެކަމުގައި ހިމެނޭ ބައެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމަކީ ސީރިއަސް އަދި ބޮޑު ނިންމުމެއް ކަމަށެވެ. އެހެންކަމުން އެކަމުގައި ދެ ފުށް ފެނި، ކަންތައް ހިނގާފައިވާ ގޮތް ރައްޔިތުންނަށް ސާފުވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި އެއްބަސްވި ކަމަކާއި އޭގެ ފަހަތުގައި ހުރި ވިސްނުމެއް ރައްޔިތުންނަށް އެބަ އެނގެންޖެހޭ. މިކަމުގައި ޑީލު ހެއްދެވީ ކާކުތޯ، [ކުރީގެ] ޕީޖީ އައިޝަތު ބިޝާމްތޯ؟ ޕީޖީ ޝަމީމްތޯ؟ މިކަންތައްތައް އަޅުގަނޑެންނަކަށް ސާފެއް ނުވޭ. އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާ ނުކުރަން ނިންމައިގެން މިއުޅެނީ ކީއްވެގެންތޯ އާއި އޭގެ ގާނޫނީ އަސާސަކީ ކޮބައިތޯ އެނގެންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމުން އެއީ "ހެޔޮ ނިޔަތުގައި ކޮށްގެން އުޅޭ މުއާމަލާތެއް" ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ތިޔައީ ބޮޑު ތަހުގީގެއް ކުރަންޖެހޭ މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. މިއީ ބަޔަކު ޖަވާބުދާރީވާންޖެހޭ ބޮޑު މައްސަލައެއް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ ރަނގަޅު ނިޔަތުގައި ކޮށްގެން އުޅޭ މުއާމަލާތެއް ކަމެއް އަދި މީގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރި ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ރިޔާސީ ޔޮޓުކޮޅު "ފިނިފެންމާ" ގައި ބޮން ގޮއްވި މައްސަލަ އާއި ސިފައިންގެއިން ވަގަށް ނަގާފައިވާ ހަތިޔާރު ހިބަޅިދޫއިން ފެނުނު މައްސަލައިގައި ދައުވާ ނުކުރާތީ އެކަމާ ވެސް މުއިއްޒު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތް ސާބިތުވެ އަދީބާއީ ޒިޔަތުގެ މައްޗަށް ވަނީ ދިގު މުއްދަތެއްގެ ޖަލު ހުކުމްތަކެއް އިއްވައިފަ އެވެ. ނަމަވެސް އޭގެން އިތުރަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ. އެހެންކަމުން އެ މައްސަލައިގައި މިހާރު ދައުވާ ކުރަނީ ރައީސް ޔާމީން އަދި ކުރީގެ މެމްބަރު އަހުމަދު ނިހާނުގެ މައްޗަށް އެކަންޏެވެ.













