ސަސްޕެންޝަނުގައި ހުއްޓަސް މަހުލޫފު "މަސައްކަތުގައި"

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހުލޫފު. --އަދަދު ފައިލް ފޮޓޯ

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހުލޫފު. --އަދަދު ފައިލް ފޮޓޯ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިނިސްޓަރުކަމުން ސަސްޕެންޑްކޮށްފައި ހުއްޓަސް، މަސައްކަތްނުކުރާ އެންމެ ދުވަހެއް ވެސް ނުދާ ކަމަށާއި އޭނާ މަސައްކަތްނުކުރާ ނަމަ ވަރަށް ގިނަ ކަންކަން ބޮއްސުންލައިގެންދިޔައީސް ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވި ހިސާބުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު ވަޒީފާއިން ސަސްޕެންޑް ކުރައްވައިފަ އެވެ.

އެހިސާބުން ފެށިގެން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުން ގެންދަވަނީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެވެ. މަހުލޫފާ މެދު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ގޮތެއް ނުނިންމާތީ، މިނިސްޓްރީ އަށް ދާއިމީ ވަޒީރެއް ލެވޭނެ ގޮތެއް ނެތި އެ މިނިސްޓްރީގެ މަސައްކަތް ހުއްޓުމަކަށް އަތުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އައީ ފާޅުކުރަމުންނެވެ.

ހާއްސަކޮށް އަންނަ މަހުގެ 1 ވަނަ ދުވަހު ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ފަށާއިރު މިނިސްޓްރީން ނިންމަން ޖެހޭ ގިނަ ކަންކަން ހުރުމުންނެވެ. އަނެއްކޮޅުން މިނިސްޓްރީގެ ސްޕޯޓްސް ބަޔާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެ މުބާރާތުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭތީ އޭނާގެ އެހީ ވެސް މިވަގުތު މިނިސްޓްރީގެ ހިންގުމަށް ނުލިބޭނެ އެވެ.

އަދި މަހުލޫފު ސަސްޕެންޝަނުގައި ހުންނެވި ނަމަވެސް ގަވާއިދުން މުސާރަ ލިބޭތީވެ، އޭނާއާ މެދު ގޮތެއް ނުނިމި އޮތުމަކީ ދައުލަތުގެ މާލިއްޔާ އަށް ދެވޭނެ ބުރައެއް ކަމަށް ވެސް އެއް ބަޔަކު ފާހަގަކުރެ އެވެ.

ރޭ "ރާއްޖެޓީވީ" ގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ސަސްޕެންޝަނުގައި ހުރެގެން ވިޔަސް، ލިބޭ މުސާރަ ހަލާލުވާ ވަރަށް މަސައްކަތްކުރައްވާ ކަމަށެވެ. އޭގެ ތަފްސީލް ދެމުން "އަދަދު" އާ މިއަދު ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ މިނިސްޓްރީގެ މަސައްކަތުގައި ރަސްމީކޮށް ހަރަކާތްތެރިނުވާ ކަމަށާއި އޮފީހަށް ވެސް ނުނުކުންނަ ކަމަށާއި އަދި ލިޔުމެއްގައި ސޮއިވެސް ނުކުރައްވާ ކަމަށެވެ. އެކަމަކު މިނިސްޓްރީގައި ދިމާވާ ކޮންމެ މައްސަލައެއްގައި މުވައްޒަފުން ގުޅަނީ އޭނާއަށް ކަމަށާއި އޭނާއާ ނުލާ މިނިސްޓްރީ ހިންގަން ދަތިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ސަސްޕެންޝަންގައި ހުއްޓަސް މިނިސްޓްރީގެ މަސައްކަތްތައް ނުކުރާ އެންމެ ދުވަހެއް ވެސް ނުދާނެ. އަޅުގަނޑު އެ މަސައްކަތް ނުކުރާ ނަމަ ވަރަށް ގިނަ ކަންކަން ބޮއްސުން ލައިގެން ދިޔައީސް. ކޮންމެ ކަމެއްގައިވެސް މިނިސްޓްރީން ގުޅަނީ އަޅުގަނޑަށް. މިކަންކަމުގައި އަޅުގަނޑު ނޫޅޭނަމަ މިނިސްޓްރީ ނުހިންގޭނެ. ގިނަ ކަންކަން ބޮއްސުންލާނެ،" މަހުލޫފް ވިދާޅުވި އެވެ.

މައްސަލާގައި ގޮތެއް ނުނިމި ލަސްވެފައިވުމުން މަހުލޫފް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްއާ މެދު ހިތްހަމަނުޖުން ފާޅުކުރައްވައިފަ އެވެ. ރައީސް ވެސް ވަނީ މައްސަލަ ލަސްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މަހުލޫފަށް ދައުވާ ކުރެވޭނީ ހިތްހަމަޖެހޭ މިންވަރަށް ހެކި ލިބިގެން ކަމަށާއި ފުލުހުންނާ އެކު އެކަމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އެކަމަކު އިތުރު ހެކިތަކެއް ހޯދުމުގެ މަސައްކަތް ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންވިޔަސް ޕްރޮސިކިއުޓާ ޖެނަރަލްގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދާފައިހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން އެދިފައިވާތީ އެކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރިޔާސީ ކޮމިޝަން (ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ހިންގި ތަހުގީގަށް ފަހު މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ފޮނުވުން މިދިޔަ ފެބުރުއަރީ މަހާ ހިސާބުން ފެށިގެން ފުލުސް އޮފީހުގައި މަޑުޖެހުނެވެ. ފަހުން މުއައްސަސާތަކަށް އެއްބަސްވެވުނީ އޭސީސީ މެދުވެރިކޮށް އެ މައްސަލަ ޕީޖީއަށް ފޮނުވުމަށެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox