ދިވެހިރާއްޖެ އާއި ބަންގްލަދޭޝް 2016 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ފެނުނީ އެއްވެސް ދިވެއްސެއް ހިތްހަމަޖެހޭނެ މަންޒަރެއް ނޫނެވެ. ގަލޮޅު ރަސްމީ ދަނޑު އެރޭ ފުރާލީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރީންނެވެ.
ދިވެހި ފަސްގަނޑުގައި، ދިވެހި ސަޕޯޓަރުންނަށްވުރެ ބޮޑަށް، ދަނޑުގައި އަޑު ހިތްޕާލީ ބަންގްލަދޭޝްގެ ސަޕޯޓަރުންނެވެ. އެރޭ ދިވެހި ޓީމަށް ސަޕޯޓްކުރުމަށް ދަނޑަށް ވަދެ ތިބި ޒުވާން ގުރޫޕަަކަށް އެއީ "ހަޖަމް" ކުރަން ދަތި މަންޒަރެކެވެ.
އޭރު ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ތައުލީމް ހާސިލްކުރަމުން ދިޔަ މި ޒުވާނުންތައް އެރޭ ނިންމީ، ދެން ގައުމީ ޓީމު މާލޭގައި ކުޅޭ ކޮންމެ މެޗަކަށް ވެސް ސަޕޯޓަރުންގެ ގުރޫޕެއް ވެއްދުމަށެވެ. ދިވެހި ފަސްގަނޑުގައި ގައުމީ ޓީމު ކުޅޭ މެޗުތަކުގައި، ދިވެހި ސަޕޯޓަރުންގެ އަޑު ގަދަކުރުމަށެވެ. މިއީ މިހާރު މާލޭގައި ގައުމީ ޓީމު ކުޅޭ ކޮންމެ މެޗެއްގައި ވެސް، ފޯރިނަގައި ޓީމަށް ސަޕޯޓު ދިނުމުގައި ހަރަކާތްތެރިވާ "ސަހަރާފަޅި" ސަޕޯޓަރުންގެ ގުރޫޕްގެ ފެށުމެވެ.
"އެ ދުވަހު ވަރަށް ހިތްހަމަނުޖެހުނު. ހިތަށް އެރީ އަމިއްލަ ދަނޑުގައި ކުޅޭއިރު، ގަލޮޅު ދަނޑަށް އިދިކޮޅު ޓީމުގެ ސަޕޯޓަރުން ގަދަވުމަކީ އަސްލު މިކަން ވާންޖެހޭ ގޮތެއް ނޫނޭ،" ސަހަރާފަޅި ގުރޫޕްގައި އިސްކޮށް ހަރަކާތްތެރިވާ ތޯލިބް މުހައްމަދު ބުންޏެވެ.
"އެހެންވެ އަސްލު އޭރު ސީއެޗްއެސްއީ އާއި ވިލާގައި ކިޔަވަމުންދިޔަ ސްޓޫޑަންޓްސް (ދަރިވަރުން)ތަކެއް އެއްވެގެން ގައުމީ ޓީމުގެ މެޗުތަކަށް ވަންނަން ފެށީ."

ސަހަރާފަޅި ސަޕޯޓަރުންގެ ގްރޫޕްގެ މަސައްކަތް ފެށުނު ގޮތް ރަމްޒު ކޮށްދޭ ލޯގޯއެއް ޖަހާފައިވާ ބެނާއެއް ދައްކާލަނީ.
ސަހަރާފަޅި އަކީ މިހާރު ގައުމީ ޓީމު މާލޭގައި ކުޅޭ ހުރިހާ މެޗެއްގައި ވެސް އަޑުހިތްޕާލާ ގުރޫޕެކެވެ. އަދި ސޯޝަލް މީޑިއާގައި ވެސް "ސަހަރާފަޅި.އެމްވީ"ގެ ނަމުގައި ޕޭޖުތައް ހަދައި، މި ސަޕޯޓަރުންގެ ގުރޫޕުން ދަނީ އިތުުރު ސަޕޯޓަރުން ގުރޫޕަށް ވެއްދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް 100 އަށްވުރެ ގިނަ ޒުވާނުން، ސަހަރާފަޅިއާއެކު އެބަތިއްބެވެ.
"ބައެއް ކުދިން ހަމަ އަމިއްލަ އަށް ވެސް ރިކުއެސްޓްކުރޭ. އަސްލު، ވަރަށް ގިނަ ކުދިން ބޭނުންވޭ ދަނޑަށް އަންނަން. އެކަމަކު އެކި ސަބަބުތަކާހެދި ބައެއް ފަހަރު ނާދެވެނީ. އެކަމަކު އަޅުގަނޑުމެން މިތިބީ ހަމަ މިކަމުގައި ބައިވެރިވާން ބޭނުންވާ އެންމެނަށް ވެސް އެ ފުރުސަތު ހުޅުވާލައިގެން."
ސާފް ޗެމްޕިއަންޝިޕަށް ސަހަރާފަޅިން ވަނީ ކޮން ތައްޔާރީތަކެއް؟
ދިވެހިރާއްޖޭގައި އޮކްޓޯބަރު މަހު 1-16 އަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް، ސަހަރާފަޅިން ވަނީ މިހާރު ވެސް ތައްޔާރީތައް ފަށައިފަ އެވެ. އެގޮތުން، ސަޕޯޓަރުންނަށް ހާއްސަ ޖޯޒީއެއް ތައްޔާރުކޮށް މިހާރު ވަނީ އާންމުކޮށްފަ އެވެ.
"ދެން ޓީޝާޓްތައް ވެސް ހަމަ ތައްޔާރުކުރަމުން މިދަނީ. މިހާރު އެމްއެންޔޫ އިން ވަނީ އަޅުގަނޑުމެން މެޓީރިއަލްސް ތައްޔާރުކުުރުމުގެ މަސައްކަތް ކުރަން ތަނެއް ވެސް ހަމަޖައްސައިދީފަ،" ތޯލިބް ބުންޏެވެ.
ސަހަރާފަޅި ގުރޫޕްގައި ހަރަކާތްތެރިވާ ޒުވާނުން، ގައުމީ ޓީމަށް ސަޕޯޓުކުރުމަށް ދަނީ ހިލޭ ސާބަަހަށެވެ. އާމްދަނީއެއް ހޯދުމުގެ ވިސްނުމެއް ނެތެވެ. އެކަމަކު ސަޕޯޓުކުރަން ދާއިރު، ބޭނުންކުރާ މެޓީރިއަލް ހެދުމަކީ ހަރަދުތަކެއް ދާ ކަމެކެވެ. މީގެ ކުރިން އެކަންކުރަމުން ދިޔައީ ޗަންދާ ނަގައިގެނެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕަކީ ބޮޑު މުބާރާތަކަށްވާތީ، ސަހަރާފަޅިން ވެސް އިތުރު މަސައްކަތްތަކެއް ކުރެ އެވެ.
އެހެންކަމުން، މި ވަގުތު ސަހަރާފަޅި ގުރޫޕަށް ދިމާވެފައިވާ މައްސަލައަކީ މެޓީރިއަލް ހެދުމަށް ބޭނުންވާ ބަޖެޓެއް ނެތުމެވެ.
"އަޅުގަނޑުމެން އަމިއްލަ އަށް މީގެ ކުރިން ކުރަނީ. ދެން އެފްއޭއެމް އިން އެހީތެރިވޭ. މި ފަހަރު ވެސް އެފްއޭއެމް އިން އެހީތެރިވާނެ ކަމަށް ބުނެފައިވަނީ. މީގައި މައްސަލައަކީ ސްޕޮންސަރުން ހޯދަން އުނދަގޫވުން. މިއީ އަޅުގަނޑުމެން އާމްދަނީއެއް ހޯދަންކުރާ ކަމެއް ނޫން. މިއި ގައުމީ ރޫހުގައި ކުރާކަމެއް،" ތޯލިބް ބުންޏެވެ.
ތޯލިބް ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް، ސަހަރާފަޅީގެ ގުރޫޕްގައި 200 އަށްވުރެ ގިނަ ސަޕޯޓަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ސަޕޯޓަރުން ފޯރިނެގުމަށް، ކޮންމެ މެޗަކަށް ވެސް ޕްރޮގްރާމެއް ހަދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ހަދަނީ ޕްރޮގްރާމެއް. ދަނޑަށް ވަންނަން ކޮންމެ މީހެއް އަތައް މި ދެނީ ޕްރޮގްރާމް. އޭގައި ހުންނާނީ އަޅުގަނޑުމެން މި މެޗަށް ރާވާފައި ހުރި ކަންތައްތައް. މިސާލަކަށް، މެޗުގެ 30 ވަނަ މިނިޓުގައި އަޅުގަނޑުމެން ވައިކިން ކްލެޕެއް ހަދަންޏާ، އެ ޕްރޮގްރާމުން އެކަން އެނގޭނެ. އޭރުން އެންމެނަށް އޭގައި ޖޮއިންކުރެވޭނެ،" ތޯލިބް ބުންޏެވެ.
ގައުމީ ޓީމާމެދު ކުރާ އުންމީދުތައް ބޮޑު
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ނުކުންނަނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. އަދި އަމިއްލަ ދަނޑުގައި މި މުބާރާތް ބާއްވާތީ ރާއްޖެ އަކީ މި މުބާރާތުގެ ފޭވަރިޓުންނެވެ. ސަހަރާފަޅީގައި ހަރަކާތްތެރިވާ އެންމެން ވެސް ގައުމީ ޓީމާމެދު ބޮޑު އުންމީދެއް ކުރެ އެވެ.
"މިއީ ވަރަށް ވާދަވެރި ފަހަރަކަށް ވާނެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން ހުނަރުގެ ގޮތުން މާ ރަނގަޅު. ހަމްޕު (ހަމްޒާ މުހައްމަދު)، ދާދު (ނާއިޒް ހަސަން) އާއި ފޭދު އިއްބެ (އިބްރާހިމް މަހުދީ) ފޯމުގައި ކުޅެފިއްޔާ، ރާއްޖެ ރަނގަޅު ހިސާބަކަށް ދާނެ. އުންމީދަކީ ތަށި." ތޯލިބް ބުންޏެވެ.
ސާފްގެ މެޗުތަކަށް ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ވަނުމަކީ ސަހަރާފަޅިން ވެސް ބޭނުންވާ ގޮތެވެ. އެ ގުރޫޕުން އޮތީ ދަނޑުގައި ފޯރިގަދަކޮށް، ސަޕޯޓަރުންނަށް ކަމުދާނެ މާހައުލެއް ގާއިމްކުރަން ތައްޔާރަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ މި ގޮތުގައި، ދެގޮތެއްނުވެ ފޯރިނަގާނަން. ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ވަނީމަ، ޓީމަށް ވަރަށް ބޮޑު މޯޓިވޭޝަނަކަށް ވާނެ،" ތޯލިބް ބުންޏެވެ.
ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމަ ގޮތުގައި ކުރަން ބޭނުންވަނީ ވީހާވެސް ގިނަ ބަޔެއްގެ އެހީތެރިކަމެވެ. ސާފް ޗެމްޕިއަންޝިޕް ފަށަން މިހާރު ހަފްތާ އަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ސަހަރާފަޅި ސަޕޯޓަރުންގެ ގްރޫޕްގެ ޒުވާނުންނަށް އެހީވާނެ ސަޕޯޓަރުން ތިބިނަމަ އެ ގްރޫޕް އޮތީ އަންނަ ކޮންމެ ސަޕޯޓަރަކަށް ވެސް ހުޅުވާލެވިފަ އެވެ.












