ޕީސީއޯއެސް އަންހެނުން: މި ކިޔައިދެނީ ބަލީގެ ވޭނާއި ލަދާއި ތަދުގެ ވާހަކަ

ޕީސީއޯއެސް އަންހެނުން: މި ކިޔައިދެނީ ބަލީގެ ވޭނާއި ލަދާއި ތަދުގެ ވާހަކަ

ގްރޭޑް ފަހެއްގައި ކިޔަވަމުން އައި އަހަރެވެ. ޓާމް ޗުއްޓީއަށް ސްކޫލްތައް ބަންދުވި ދުވަހު އެނބުރި ގެއަށް އައިސް ފުރަތަމަ ވެސް ވަނީ ފާހާނާ ކޮށްލާށެވެ. އެދުވަސް ވެގެންދިޔައީ އާމިނަތު ހިޝްމާ (ބަލީގެ ގޮތުން ނަން ހާމަ ކުރަން ބޭނުން ނުވާތީ، އަސްލު ނަމެއް ނޫން)ގެ ހަޔާތުގައި މުޅިން އާ ތަޖުރިބާއެއް ފެށުނު ދުވަހަކަށެވެ. ފެނުނު ލެއާއެކު، ސުވާލުތަކުން ހިތް ފުރި ނުތަނަވަސްވި އެވެ. މަންމަ އައިސް ޕެޑެއް ޖަހާދިން ނަމަވެސް މިއީ ކިހިނެއް، ކޮން ގޮތަކަށް، އަދި ކީއްވެ ވާކަމެއް ކަމެއް އެއްވެސް ވަރަކަށް ބުނެއެއް ނުދެ އެވެ.

ކޮންމެ އަންހެން ކުއްޖެއްގެ ހަޔާތުގައި ވެސް ކޮންމެ ވެސް ހިސާބަކުން މައްސަރު ކަންތައްތައް ދިމާވާއިރު، އެންމެން ވެސް ވިސްނައިދެނީ އެއީ ބަނޑުގެ ރިހުމަކާއިއެކު، މަހަކު އެއް ފަހަރު ވާ އަދި އެކަމެއް ވުމުން ސާފުތާހިރުވެ ހިނައިގަންނަން ޖެހޭ ކަމެއް ގޮތަށެވެ.

ހިޝްމާ ވެސް އިންތިޒާރު ކުރަމުން އައީ ދެވަނަ ފަހަރަށް ޕީރިއަޑް ވާނެ އިރަކަށެވެ. މަސްތައް ދިގުލައިގެން ގޮސް އަހަރަކަށްވުރެ ގިނަ ދުވަސްވުމުން އެންމެ ފަހުން މަންމަ އޭނާ ޑޮކްޓަރަށް ދެއްކި އެވެ. މާ ބޮޑު ފަރުވާލެއް ނެތި ފުރަތަމަވެސް ޑޮކްޓަރު ބުނީ ތިއީ ބަރުދަން އިތުރުވަމުން ދާތީ ވެދާނެ ގޮތެއް ކަމަށެވެ. ނަމަވެސް ސްކޭނެއް ކުރުމަށްފަހު ފުރަތަމަ ފަހަރުންވެސް ހިޝްމާގެ ހުންނަނީ ޕޮލިސިސްޓިކް އޯވަރީއެއް ކަމަށް ޑޮކްޓަރު ބުންޏެވެ. އަދި ބޭހާއި އެކީގައި ބަރުދަނަށް ސަމާލުވުމަށް ބުންޏެވެ.

Advertisement

އުމުރުން އެންމެ 11 އަހަރުގެ ޅަ ސިކުނޑިއަކަށް ޕޮލިސިސްޓިކް އަކީ ކުޑަމިނުން އަޑުވެސް އެހި ލަފުޒަކަށް ނުވާއިރު، ވެގެން މިއުޅެނީ ކިހިނެއްކަމާއި ދެން ނަގަން މިއުޅޭ ބިޔަ ރާޅުގެ ބިޔަކަން ވިސްނާލަން ވެސް ނޭގުނެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ނަގަން ފެށިއިރު އަދި އަދަށް ދާން ދެންވެސް ޕީރިއަޑް ވަނީ ހަމަ ބޭހުގެ ބާރުގަ އެވެ.

އެއާއެކު އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އެއް ކަމަކީ ބަރުދަނަށް ކުއްލިއަކަށް އަންނަން ފެށި ބޮޑު ބަދަލެވެ. ކުޅިވަރެކޭ ބުނެފިނަމަ އެންމެ ކުރީގައި ހުންނަ ހިޝްމާގެ ކޮންފިޑެންސް ގެއްލި، އަމިއްލަ ނަފްސު ދެކެ ފޫހިކުރުވި އެވެ. "ކޭމާޓެއްގެ" ގޮތުގައި ލޭބަލް ވިޔަސް ފަލަވަނީ ބޭހުގެ ސަބަބުން ކަމެއްވެސް ކުޑަކުޑަ ހިޝްމާ އަކަށް އޭރު ނުވިސްނެ އެވެ.

އުމުރުން 18 ވަރަކަށް އަހަރުން ފެށިގެން ކައިވެނި އަވަސް ކުރުމަށް ޑޮކްޓަރުން ދެއްވަމުން ގެންދެވި އިރުޝާދުތަކާއި އެކު 20 އަހަރުގައި ހިޝްމާ ކައިވެނި ކުރި އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް މިވީ ހަ އަހަރު ދުވަހަކީ ބަނޑުބޮޑުވާނެ ދުވަހަކަށް ހިޝްމާގެ ދެމަފިރިން އިންތިޒާރުކުރަމުންދާ ދުވަސްތަކެވެ.

"މީގެ ދެ އަހަރެއްވަރު ކުރިން ފިރިމީހާ ވަރަށް ބޮޑަށް ބަނޑުގައި ރިއްސައިންގެން ޔޫރޮޮލޮޖިސްޓަކަށް ދައްކަން ޖެހުނު. ރެންޑޮމްލީ ޑޮކްޓަރު އަހައިފި ކުދިން ތިބޭހޭ. ދެން އަދި ނުލިބޭ ވާހަކަ ބުނީމަ ޑޮކްޓަރު ބުނީ އައި ސަޖެސްޓް ޔޫ ޓު ޑިވޯސް ހާ އޭ," ހިޝްމާ ބުންޏެވެ.

ފިރިމީހާގެ ފަރާތުން ކިތަންމެ ލޯތްބާއި އަޅާލުމެއް ލިބުނު ނަމަވެސް އެ ބަސްތައް ވެގެން ދިޔައީ އޭނާގެ ހިތަށް ހެރުނު ހަންޖަރަކަށެވެ. ނަފްސާނީ އެތައް މައްސަލައަކާއި އެކީ ޑިޕްރެޝަންއާ ވެސް ކުރިމަތިލާން ޖެހުނެވެ. ކިތަންމެ ގިނަ އަޑިގުޑަންތަކާއި އެކީ ނަމަވެސް ހިޝްމާ މިހާރު އިންތިޒާރު ކުރަމުންދަނީ މި އަހަރު ފަހުކޮޅަށް ތާވަލު ކުރެވިފައިވާ އޭނާގެ އޯވެރިއަން ޑްރިލިން އަށެވެ.

ޕީސީއޯއެސްގެ ކޮންމެ މީހަކީ އަދި ދަރިން ނުލިބޭނެ މީހެއް ނޫން!

މަރިޔަމް ޝާނީޒް (ބަބާ) ހަނދާން ހުންނަން ފެށީއްސުރެވެސް މައްސަރުގެ ކަންތައްތައް ދިމާވާން ފަށާއިރަށް ބަނޑުގައި ރިއްސަ އެވެ. ފުރަތަމަ ޕީރިއަޑް ވިތާ އަހަރެއްހާ ދުވަސް ފަހުން މާ ބޮޑަށް ރިއްސާތީ ޑޮކްޓަރަށް ދެއްކިއިރު ބަނޑުގައި ސިސްޓްތަކެއް ހުއްޓެވެ. އޮޕަރޭޝަންއަކަށް ފަހު އެ ސިސްޓްތައް ނެގުނު އިރު ދެވަނަ ފަހަރަށް ސިސްޓްތައް އުފެދި ބޭހުގެ ބާރުން ނައްތާލެވުނެވެ.

އޭގެ ފަހުން ޕީސީއޯއެސްގެ ހިތްދަތި އުނދަގުލާ ކުރިމަތިލާން ޖެހުނީ މީހަކާ އިނދެ ދަރިއެއް ހޯދުމުގެ މަސައްކަތް ފެށުމުންނެވެ. ފިރިމީހާއާ އެކު އޭރު މެލޭޝިޔާގައި ބަބާ ދިރިއުޅެމުން ދިޔައިރު ޑޮކްޓަރަކަށް ދައްކާލީ ދަރިއެއް ހޯދުމުގެ ހިޔާލު ހުރުމާއެކު، ގަވާއިދުން މައްސަރު ކަންތައް ނުޖެހޭތީ އެވެ. ޓެސްޓްތަކުގެ ނަތީޖާތަކުން އެނގުނު ގޮތުގައި ބަބާގެ ހުރި މައްސަލައަކީވެސް ޕީސީއޯއެސް އެވެ.

ކުޑަ ނުތަނަވަސްކަމަކާއި އެކު، ބޭހުން ޕީރިއަޑް ރެގިއުލާ ކުރުމަށްފަހު ދަރިއަކު ހޯދާނީއޭ ހިތައި ފަރުޖައްސާލެވުނީ ޕީސީއޯއެސްއަކީ ކިހާ ބޮޑު ބައްޔެއްކަން އޭރު ނުވިސްނޭތީ ކަމަށް ބަބާ ބުންޏެވެ.

މާލެއިންނާއި އިންޑިއާއިންވެސް ތަފާތު އެކި ޑޮކްޓަރުންނަށް ދެއްކުނެވެ. ނަމަވެސް ލިބުނީ އެއް ޖަވާބެކެވެ. ބަބާ އާއި އޭނާގެ ފިރިމީހާގެ ކިބައިގައިވެސް ދަރިއެއް ހޯދުމަށް އުނދަގޫވާ ފަދަ މައްސަލަތަކެއް ހުރިކަމެވެ.

"ޕީރިއަޑް ނުވެ ލަސްވެގެންދާ ފަހަރުތަކުގަ ހީވާނެ ދެން މި ބަނޑު ބޮޑުވީއޭ ވެސް، އެކަމަކު ނުވޭ. ކަސްރަތުކޮށް ހަދާލީމަ އާންމުކޮށް ރެގިއުލާވޭ. އެކަމަކު މެއިންޓެއިންކުރަން އެއީ އުނދަގޫ ކަމެއް. އެއަށްވުރެ މާބޮޑަށް ދެރަވެފައި ހުންނަނީ، މިހެން ޓްރައިކޮށްފައި ނުވާތީވެ،" ބަބާ ކިޔައިދިނެވެ.

އޭގެފަހުންވެސް މާލެއިންނާއި މެލޭޝިޔާއިން އެކި ތެރަޕީތައް ހެދި އަދި ބޭސްވެސް ކުރެވުނެވެ. ނަމަވެސް އިންތިޒާރު ކުރެވެމުން ދިޔަ "ގުޑް ނިއުސް" އެއްގެ މަލަމަތިވެސް ނުފެނެ އެވެ. ނުވިތާކަށް ޑޮކްޓަރުންގެ ލަފާވެސް ހުރީ އައިޔޫއައި އެއް ނުވަތަ އައިވީއެފް އަކަށް ދިއުމަށެވެ. އެހެންނަމަވެސް ވަގުތާއި ހާލަތަށް ބަލާ އިތުރު އެއް އަހަރު މަޑުކޮށްލުމަށް ބަބާގެ ދެމަފިރިން ނިންމި އެވެ.

އެއަށްފަހު ދައްތަގެ އެދުމުގެ މަތީން ހިޖާމާގެ އަޖުމަ ބެލުމަށްފަހު ހެދި ސްކޭނުން ބަބާގެ އޯވަރީގައި ހުރި ސިސްޓްތައް މުޅިން ސާފުވެފައިހުރިކަން ފާހަގަވި އެވެ. އަވަސް އަވަހަށް ޑޮކްޓަރަށް ދައްކާލުމުން އަނެއްކާވެސް ދިނީ ބާތު ކޮންޓްރޯލް ޕިލްސް ތަކެކެވެ. އެހެންނަމަވެސް ބޭސް ބޭނުންކުރުމުގެ ބަދަލުގައި ބަބާގެ ދެމަފިރިން އިހުތިޔާރުކުރީ މުޅިން އެހެން ގޮތެކެވެ.

"ހިތަށް އެރީ މިހާރު މާ ބޮޑަށް މިކަމާ މިހެން އުޅެވޭތީވެ، ވަރަށް ވޮރީ ކުރެވޭތިވެ، މިދުވަސްކޮޅަށް ޓްރައިކުރުން ހުއްޓާލާނީ އޭ. ކަމާކަންފަށާ ކުއްޖެއް ހޯދަން ދެން ޓްރައި ނުކުރާނީއޭ. ދެމީހުންގެ ވެސް ލައިފްސްޓައިލް ބަދަލުކޮށް މާ ބޮޑަށް ސްޓްރެސް ނުވެ، ދަތުރުގޮސްލާ ތަންކޮޅެއް މަޖާ ކޮށްލާ މިހެން އުޅޭނީއޭ،"

އޭގެ ތިންމަސްފަހުން ލިބުނު އެންމެ އުފާވެރި ހަބަރަކީ އަލަތު ދަރިފުޅަށް ބަބާ ބަލިވެ އިންކައެވެ. އެ އުފާވެރި ހަނދާންތަކަށް ތިން އަހަރު ވާން ކައިރިވެފައިވީއިރު، އަނެއްކާވެސް ބަބާގެ ހިތަށްވެރިވަނީ ޕީސީއޯއެސްގެ ނުތަނަވަސް ހިޔާލުތަކެވެ. އެ ހިތްދަތިކަން އަނެއްކާ އަލުން ތަޖުރިބާ ކުރަން ޖެހޭނެ ބާވަ އެވެ.

ޕީސީއޯއެސްއަކީ ކޮބާ؟

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާއެކެވެ. ޕީސީއޯއެސް ހުންނަ ނަމަ މައްސަރުކަންތައް ގަވާއިދުން ނުޖެހުމާއި، މައްސަރުކަންތައް ދިގުލައިގެން ދިއުމުގެ އިތުރުން ފިރިހެން ހޯމޯން ކަމުގައިވާ "އެންޑްރޯޖެން" ހަށިގަނޑުގައި އިތުރު ވެއެވެ. އަދި ހަށިގަނޑުގައި ދަރިމައިވުމަށް ބޭނުންވާ ބިސް އުފެއްދި ނަމަވެސް އެކަށީގެންވާ ވަރަށް ބިސް ބޮޑު ނުވެއެވެ.

އެންޑޯކްރޮނޯލޮޖިސްޓް މުހައްމަދު ޝިރުހާން ވިދާޅުވިގޮތުގައި ޕީސީއޯއެސްއަކީ އާބާދީގެ 5-10 އިންސައްތައާ ދެމެދުގެ އަންހެނުންނަށް މެދުވެރިވާ އަދި އެންމެ އާންމު އެއް އެންޑޯކްރައިން ބައްޔެވެ.

ޕީސީއޯއެސްގެ ބައެއް އަލާމާތްތައް

  • ގަވާއިދުން ޕީރިއަޑް ނުވުން
  • ޕީރިއަޑް މުއްދަތު ދިގުލައިގެން ދިއުން
  • މޫނުމަތީގައި އިސްތަށި ގިނަވުން
  • އާދަޔާ ހިލާފަށް މޫނުމަތިން ބިހިނެގުން

ޕީސީއޯއެސް އާއި އިންސުލިން ރެސިސްޓަންސް

ޕީސީއޯއެސްއަކީ މުޅި ހަށިގަނޑުގެ މެޓަބޯލިޒަމް އަށް އަސަރުކުރާ ބައްޔެއްގެ ގޮތުގައި ސިފަކޮށް ޑރ.ޝިރުހާން ވިދާޅުވީ އޭގެ މައިގަނޑު ސަބަބަކީ އިންސުލިން ރެސިސްޓަންސް ކަމުގަ އެވެ. އިންސުލިން އަކީ ހަށިގަނޑުގައި ވަކިވަރަކަށް ހަކުރުގެ މިންވަރު ހިފެހެއްޓުމަށްޓަކައި އުފައްދާ ހޯމޯނަކަށްވާއިރު އިންސުލިން ރެސިސްޓަންޓް އޭ ބުނެވެނީ ހަށިގަނޑުގައި އާންމުކޮށް އިންސުލިން މަސައްކަތް ކުރާ ވަރަށްވުރެ އޭގެ ބާރު ކުޑަވުމުންނެވެ.

އެހެންކަމުން ހަށިގަނޑުގައި ހަކުރު ކޮންޓްރޯލްކުރުމަށް ވަރަށް ގިނަ އަދަދަކަށް އިންސުލިން އުފައްދަން ޖެހެ އެވެ. އަދި މިއީ މަސްކިއުލިން ހޯމޯންތައް އިތުރުވާ ސަބަބުވެސްމެ އެވެ. ޕީސީއޯއެސްއަކީ ހަކުރު ބައްޔާއި، މާ ބޮޑަށް ފަލަވުން ފަދަ އެތައް ބަލިތަކާއި ގުޅިފައިވާ އަދި އެ ބަލިތަކުގެ ސަބަބުން ދިމާވާ އެހެން މައްސަލަތައް ކަމުގައިވާ ސްލީޕް އެބްނިއާ، ކޮލެސްޓްރޯލް މައްޗަށް ދިއުން، ތައިރޮއިޑް އަދި ބައެއް ފަހަރު ހިތުގެ ބަލިތައްވެސް މެދުވެރިވާ ސަބަބެކެވެ.

ޕީސީއޯއެސްއަކީ ފުރާވަރު އުމުރުން ފެށިގެންގޮސް ދަރިމައިވާ އުމުރު ފަހަނައަޅާ ދިއުމުންވެސް އޭގެ ނުރައްކާތަކާއި ކުރިމަތިލާންޖެހޭ ބައްޔެއް ކަމުން ބަލީގެ އަލާމާތްތައް ފެނުނުހާ އަވަހަކަށް ބަލި ދެނެގަނެވި އޭގެ އަސަރު ކުޑަކުރުމަށް މަސައްކަތްކުރަން ޖެހެ އެވެ.

"ޕީސީއޯއެސް އަކީ އޭގެ ޒާތުގައި އެއްކޮށް ރަނގަޅު ކުރެވޭ ބައްޔަކަށް ނުވިއަސް، ގިނަ ފަހަރު އެދެވިގެންވާ ފަރުވާ ހޯދިއްޖެނަމަ ދިރިއުޅުމުގައި ކުރިއަށް ދެވޭނެ،" ޑރ. ޝިރުހާން ވިދާޅުވި އެވެ.

ޕީސީއޯއެސް އާއި ބަރުދަން

ޕީސީއޯއެސްއަކީ ދާއިމީ ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށް ވާއިރު، އެންމެ ގިނައިން އަޑުއިވޭ އެއް ވާހަކައަކީ މި ބަލި ހުންނަ ފަރާތްތަކުން ވަރަށް ބޮޑަށް ބަރުދަނަށް ބަލައިގެން އުޅެންޖެހޭ ވާހަކަ އެވެ.

ރާއްޖޭގައި 2017 ގައި ހެދި ޑިމޮގްރަފިކް ސާވޭ އަކުން ދައްކާ ގޮތުގައި ދިވެހި އަންހެނުންގެ 50 އިންސައްތަ މީހުންނަކީ އޮބީސް ނުވަތަ ހުންނަންޖެހޭ ވަރަށްވުރެ ބަރުދަން އިތުރު މީހުންނެވެ. ޕީސީއޯއެސް ހުރެފައި ބަރުދަން އިތުރުނަމަ ގާތްގަނޑަކަށް 5-10 އިންސައްތަ ބަރުދަން ލުއިކުރުމުންވެސް މި ބަލީގެ އަލާމާތްތައް ބޮޑުތަނުން ކުޑަ ކޮށްދެ އެވެ.

ޑައިޓީޝަން އިއާޝާ ވިދާޅުވާ ގޮތުގައި ޕީސީއޯއެސް ހުންނަ ކޮންމެ މީހަކީ ކޮންމެހެން މިފަދައިން ބަރުދަން އިތުރު މީހެއްވެސް ނޫނެވެ. ހިކިކޮށް ތިބޭ ބައެއް އަންހެނުންނަށްވެސް މިއީ ކުރިމަތިވާ މައްސަލަ އެކެވެ.

އަދި ހަމައެޔާއެކު ޕީސީއޯއެސް ހުންނަ ފަރާތެއްނަމަ ބަރުދަން ލުއިކުރުމުގައި އިތުރު އުނދަގޫތަކެއް ކުރިމަތިވާކަން ފާހަގަކޮށް އިއާޝާވަނީ ހަމައެކަނި ބަރުދަން ލުއިކުރުމުގެ ބަދަލުގައި ދުޅަހެޔޮ ވައްޓަފާޅިއަކަށް ދިރިއުޅުން ބަދަލުކުރުމަށް އެދިފަ އެވެ.

ރާއްޖޭގައި ޕީސީއޯއެސްގެ ހާލަތު އެނގޭބާ؟

ރާއްޖޭގައި ޕީސީއޯއެސް ކިތަންމެހާވެސް އާންމު އެވެ. މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ޕީސީއޯއެސް އަށް އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ ކަމުގައިވާ ފާޓިލިޓީ ސަޕޯޓް ގްރޫޕްގެ 146 މެންބަރުންގެ ތެރެއިން 65 އިންސައްތަ އަކީ ޕީސީއޯއެސްގެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކެވެ.

ރާއްޖޭގައި މިފަދަ ބައްޔެއްގެ ހާލަތު ދެނެގަތުމުގެ މާބޮޑު ދިރާސާއެއް ހެދިފައި ނުވާއިރު ސިއްހީ ދާއިރާއިންވެސް މިފަދަ ބަލިތަކަށް ހާއްސަ އަހައްމިއްޔަތުކަން ނެތްކަމީ ބަލީގެ އުނދަގޫތައް ތަހައްމަލުކުރާ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުމެކެވެ. ހަމައެޔާއެކު ބަލީގެ ގިނަ ކަންކަމަށް ހޯދަންޖެހޭ ފަރުވާތަކަކީ އާސަންދައިން ކަވަރު ނުކުރާ ފަދަ ފަރުވާތަކަށްވާއިރު، ގިނަ ބޭސްތަކާއި ހިދުމަތްތައް ރާއްޖެއިން ލިބުމުގައިވެސް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox