އަމީން ދޫކޮށްލި މައްސަލަ: ސުޕްރީމް ކޯޓުގައި ބޮޑު ބަހުސަކަށް

ޕީޖީ ޝަމީމް މިއަދު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ: މައްސަލަ ވަނީ ހުކުމާ ހަމައަށް ގޮސްފައި

ޕީޖީ ޝަމީމް މިއަދު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ: މައްސަލަ ވަނީ ހުކުމާ ހަމައަށް ގޮސްފައި

ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ދައުލަތުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް އޮތް ދައުވާތައް ބާތިލްކުރި ހައިކޯޓުގެ ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ބޮޑު ބަހުސެއް ހިނގައިފި އެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ އަގުލަބިއްޔަތުން އަމީން ދޫކޮށްލަން ދެއްކެވި ސަބަބަކީ, އޭނާގެ މައްޗަށް ދެ ގާނޫނެއްގެ ދަށުން އިޖުރާއަތް ހިންގާފައިވުމެވެ. އެއީ ހާއްސަ ގާނޫނެއް ކަމަށްވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ޖިނާއީ އަދުލުގެ ނިޒާމުގެ އާންމު އިޖުރާއަތުތައް ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ.

އަމީންގެ މައްޗަށް ބަންދު ޖަހާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް, ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. ހައިކޯޓުން ކަނޑައެޅީ, ބަންދު ޖެހުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކޮށްފައިވާނަމަ, ދައުވާ ކުރުމުގައި ވެސް ގުނަން ޖެހޭނީ އެ ގާނޫނުގައިވާ މުއްދަތުތައް ކަމަށެވެ.

އެގޮތުގެ މަތިން އަމީންގެ މައްޗަށް ހައްޔަރުކުރިތާ 30 ދުވަސް ތެރޭ ދައުވާ ކުރަން ޖެހެ އެވެ. ނަމަވެސް, އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ 30 ދުވަސް ހަމަވިފަހުންނެވެ. ދައުވާކޮށްފައިވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބޭ 45 ދުވަސްވުމުގެ ކުރިންނެވެ.

އެހެންވެ, ދައުލަތުން އަމީންގެ މައްޗަށް ކުރި ދައުވާތަކަކީ ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އުފުލާފައިވާ ދައުވާތަކެއް ކަމުގައި ބެލެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައި އެ ދައުވާތައް ބާތިލުކުރީ އެވެ.

އެ ހުކުމް ގަބޫލު ނުކުރާތީ, މައްސަލަ ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އިސްތިއުނާފު ކުރުމުން މިއަދު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ.

titledesc

ބަންދު މުއްދަތު ގުނުމުގައި ގާނޫނީ ބަހުސެއް

ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވާހަކަ ދެއްކި ގޮތުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ)ގެ އިބާރާތް އޮތް ގޮތުން މުޅި މާއްދާގައި ބުނާ ބަންދާ ގުޅޭ އިޖުރާއަތުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިޖުރާއަތްތައް ޓެރަރިޒަމް ގާނޫނުގެ ދަށުން ހައްޔަރުކުރާ މީހަކަށް ހިންގުމަށް ހުރަހެއް ނެތެވެ.

ނަމަވެސް, ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިޖުރާއަތްތައް ހިންގޭނެ ކަމަށް އެ މާއްދާއިން ސާފު ވަނީ ހަމައެކަނި ބަންދުގެ އިޖުރާއަތުގެ ބަދަލުގައި ކަމާއި ދައުވާކުރުމުގެ މުއްދަތާ ގުޅޭ އިޖުރާއަތް ހިންގަން ޖެހޭނީ ޓެރަރިޒަމް ގާނޫނުގެ ދަށުންކަން ދައުލަތް ތަމްސީލުކުރައްވައި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުޝާދު ވިދާޅުވި އެވެ.

ދައުލަތުން ބުނާ ގޮތުގައި ޖިނާއީ އިޖުރާއަތަށް އަމަލުކުރަން ފަށައިފިނަމަ، ދެން އޭގެ ފަހުން އަމަލުކުރަންޖެހޭނީ ޖިނާއީ އިޖުރާއަތަށެވެ. ނަމަވެސް، އެއީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގަ އެވެ. ދައުވާކުރުމުގެ މުއްދަތާ ގުޅޭ މާއްދާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވިދާނެ ކަމަށް ތަކުރާރުވެފައި ނެތުމުން އެކަމުގައި ގުނަން އޮތް މުއްދަތަކީ ޓެރަރިޒަމްގެ ގާނޫނުގައި އޮތް މުއްދަތުކަން ނައުޝާދު ފާހަގަ ކުރެއްވި އެވެ.

އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހާއްސަ ގާނޫނެއްގައި ވަކި ގޮތެއް އޮތް ނަމަ އަމަލު ކުރަން ޖެހޭނީ އެ ހާއްސަ ގާނޫނަކަށެވެ. ޖިނާއީ އިޖުރާއަތަށް ބަލަން ޖެހޭނީ ހާއްސަ ގާނޫނެއްގައި ވަކި ގޮތެއް ނެތިއްޔާ އެވެ.

ހައިކޯޓުން ގާނޫނު މާނަކޮށްފައިވާ ގޮތުން ޓެރަރިޒަމްގެ ތުހުމަތުވާ މީހަކު ބަންދުގައި ބެހެއްޓޭނީ އެންމެ 14 ދުވަހަށް ކަމާއި ނަމަވެސް, އެއީ އެ ގާނޫނުގެ މަގުސަދު ނޫން ކަމަށް ފާހަގަ ކުރެއްވި އެވެ.

ވަކީލް ނައުޝާދު މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ސްޓޭންޑް ހާމަކުރައްވަނީ
ވަކީލް ނައުޝާދު މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ސްޓޭންޑް ހާމަކުރައްވަނީ

ވަކީލް ނައުޝާދު މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ސްޓޭންޑް ހާމަކުރައްވަނީ

ވަކީލް ނައުޝާދު ވިދާޅުވި ގޮތުގައި, ޓެރަރިޒަމް ގާނޫނުގައި ވެސް ބަންދު ކުރެވޭ ގޮތަށް އިޖުރާއަތެއް ބަޔާން ކޮށްފައިވަނީ އެ ކުށުގެ ސީރިއަސް ކަމުން ކިރިޔާ ވެސް ޝައްކެއް އުފެދިއްޖެނަމަ އެމީހަކު ހައްޔަރުކޮށް ބަންދު ކުރުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް, ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މީހުން ބަންދު ކުރެވޭނީ ތުހުމަތު ކުރެވޭ މިންވަރަށް ސަބަބުތަކެއް ހުރެގެން ކަމަށް އޭނާ ފާހަގަަ ކުރެއްވި އެވެ.

ނަމަވެސް, ޕްރޮސިކިއުޓާ ޖެނަރަލްގެ އެ ވިސްނުމާ އަމީންގެ ވަކީލުން ދެކޮޅު ހެއްދެވި އެވެ.

އަމީންގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވި ގޮތުގައި, ޓެރަރިޒަމް ގާނޫނުގައިވާ މުއްދަތުގައި ދައުވާ ކުރެވޭނީ އެ ގާނޫނުގެ ދަށުން ބަންދު ކުރާ މީހުންނަށް އެކަންޏެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށައިފިނަމަ, އެމީހެއްގެ މައްޗަށް ދެން އަންނަ ހުރިހާ ކަމެއް ވެސް ތަރުތީބު ވެގެން އަންނަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެހެން ވިދާޅުވުމާއެކު, ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވީ އެހެން މާނަ ކުރާ ސަބަބެވެ.

ވަކީލް ޔާމީން ވިދާޅުވި ގޮތުގައި, އެކަން ޓެރަރިޒަމް ގާނޫނުގައި ބަންދު ޖެހުމަށް ޖިނާއީ އިޖުރާއަތަށް ދެވޭނެ ކަމަށް އޮތް މާއްދާގެ އިބާރާތުން ސާފުވެ އެވެ. އަދި ބަންދު ކުރުމުގެ ބޭނުމަކީ ދައުވާ ކުރުން ކަމަށްވާތީ އެ އުސޫލުން ބަލާ ނަމަވެސް, ދައުވާ ކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުންކަން ސާފުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ދެން އެއްސެވީ, ބަންދާ ގުޅޭ މާއްދާގައި އެކަނި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވޭނެ ކަމަށް ލިޔެފައި އެހެން މާއްދާތަކުގެ އެކަން ބަޔާންކޮށްފައި ނެތް ސަބަބާ ގުޅޭ ގޮތުންނެވެ. އެއީ އޮޅުމަކުން އޮތް ގޮތެއްތޯ އެއްސެވި އެވެ.

ވަކީލް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ 26 ވަނަ މާއްދާ އޮތް ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބަންދުކޮށްފިނަމަ, އެމީހެއްގެ މައްޗަށް ބަންދާއި ދައުވާ ކުރުމުގެ އިޖުރާއަތްތައް ހިނގަން ވާނީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުން އެ ގާނޫނުގައި އޮތް ދައުވާ ކުރުމުގެ މުއްދަތު ހިނގާނީ, އެ ގާނޫނުގެ ދަށުން ބަންދު ކުރެވޭ މީހުންގެ މައްޗަށް އެކަނިކަން ސާފުވާ ކަމަށެވެ.

އެހެންވެ, އަމީންގެ ފަރާތުން އެދިފައިވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިދިނުމަށެވެ.

ވަކީލް ޔާމީން މިއަދުގެ އަޑުއެހުމުގައި އަމީންގެ ދިފާއުގައި ވަކާލާތު ކުރައްވަނީ
ވަކީލް ޔާމީން މިއަދުގެ އަޑުއެހުމުގައި އަމީންގެ ދިފާއުގައި ވަކާލާތު ކުރައްވަނީ

ވަކީލް ޔާމީން މިއަދުގެ އަޑުއެހުމުގައި އަމީންގެ ދިފާއުގައި ވަކާލާތު ކުރައްވަނީ

މި މައްސަލާގައި ހައިކޯޓުގެ ހުކުމް އޮތް ގޮތުން, ޓެރަރިޒަމްގެ އެހެން މައްސަލަތަކަށް ވެސް އަސަރު ކުރަމުންދާ ކަމަށާއި, ދައުލަތަށް އޭގެ ސަބަބުން ގެއްލުންވާކަން ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފާހަގަ ކޮށްފަ އެވެ.

އެކަމާ ގުޅިގެން އަމީންގެ ވަކީލެއް ކަމަށްވާ އިސްމާއިލް ވިޝާމް ވިދާޅުވި ގޮތުގައި, ޓެރަރިޒަމްގެ އެހެން މައްސަލަތަކަށް އަސަރު ކުރުމަކީ އަމީންގެ މައްސަލަ ގާނޫނާ ހިލާފަށް ނިންމަން ޖެހޭ ސަބަބެއް ނޫނެވެ. އަމީން ހައްޔަރުކުރިއިރު ވެސް އޭނާގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ދައުލަތުން ބުނާއިރު ދައުވާ ކުރަން ލަސްކުރި ސަބަބެއް ނުވިސްނޭ ކަމަށެވެ.

އަދި, ޓެރަރިޒަމްގެ ގާނޫނުން ހަމައެކަނި ފައިދާވާން ޖެހެނީ ދައުލަތަށް ނޫން ކަމަށާއި އެ ގާނޫނުގެ ދަށުން ތުހުމަތުވާ މީހާގެ ވެސް ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭކަން ވިޝާމް ފާހަގަ ކުރެއްވި އެވެ.

މި މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލިއިރު ދެން އޮންނާނީ ހުކުމް އިއްވުމެވެ. މިއީ ހަތް ދުވަސް ތެރޭ ނިންމަން ޖެހޭ މައްސަލައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox