ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގައި މިވަގުތު ރަޖިސްޓާ ނުވެ ތިބި ގޭބިސީތަކުން ރަޖިސްޓާ ވުމަށް މި މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފި އެވެ.
ވެމްކޯ އިން ކުރިން ވަނީ އެ ކުންފުނީގައި ރަޖިސްޓާ ވާން ޖެހޭ ގޮތް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފަ އެވެ. އެގޮތުން މިހާރު ރަޖިސްޓާ ކުރެވޭނީ ގޭގެ ވެރިފަރާތުގެ ނަމުގައި ކަމަށް ނިންމާފަ އެވެ. މިގޮތަށް ނިންމި ނަމަވެސް ކުރިން ރަޖިސްޓާ ކޮށްފައިވާ ގޭބިސީތަކުން އަލުން ރަޖިސްޓާ ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކުރިން ރަޖިސްޓާ ކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދައްކައި ހަލާސް ކުރުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މާލޭގެ ކުނި ނެގުމުގެ މައްސަލައާ ގުޅިގެން މިއަދު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ ރޭ މާލޭ މަގުތަކަށް ރަޖިސްޓާ ނުކުރާ ފަރާތްތަކުން ގިނަ އަދަދަކަށް ކުނި ނެރުމުން ދިމާވި މައްސަލަތަކާ ގުޅިގެން ބައެއް ކަންތައްތައް ބަދަލު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ރަޖިސްޓްރޭޝަނަށް މާލޭގައި ދިރިއުޅޭ މުއްދަތު އިތުރުކޮށްދޭން ވަނީ ނިންމާފަ އެވެ.

"މި މަހުގެ ނިޔަލަށް ރަޖިސްޓާ ކުރާ މުއްދަތު އިތުރު ކުރަން ނިންމައިފިން. ސަބަބަކީ ވަރަށް ގިނަ އަދަދެއްގެ ގޭބިސީ ތަކުން ކުނި ނެރުމުން އޭގެ ތެރޭގައި މައުލޫމާތު ރަނގަޅަށް ފުރިހަމައަށް ނޭނގޭ ނުވަތަ ނުލިބޭ ގޭބިސީތައް ހުންނާނެ ކަމަށް ގަބޫލު ކުރެވޭތީ. އަދި ގަސްތުގަ ނަމަވެސް ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ތެރެއިން މިހާރު ރަޖިސްޓްރީ ކޮށްފައި ހުރި ގޭބިސީތައް 50 ޕަސެންޓުވެސް ހަމަ ނުވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ކުނި ނެގުމުގެ ހިދުމަތް ދޭން ނިންމާފައި ވަނީ މާލޭގައި އިރުއޮއްސި 6:00 އިން ރޭގަނޑު 11:00 އަށް ކުނި ނެގުމުގެ ހިދުމަތް ދޭއިރު، ވިލިމާލެ އާއި ހުޅުމާލޭގައި މި ހިދުމަތް ދޭނީ ރޭގނަޑު 8:00 އިން 11:00 އަށެވެ.













