ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމުން މާލެ މަގުމަތީ ގިނަވެފައި ހުރި ކުނިތައް މާލޭ ސިޓީ ކައުންސިލުން ނަގަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކައުންސިލްގެ ޕިކަޕުގައި ކުނި ނަގާ ގެންގޮސް އޮއްސާލަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯ ސައިޓުގެ ދޮރުމައްޗަށެވެ.
ކޮވިޑާ ގުޅިގެން އެޕާޓްމެންޓުން ކުނި ނެގުން ވެމްކޯއިން މެދުކަނޑާލި އެވެ. އެއާއެކު މާލެ ސިޓީގެ މަގުމަތީގައި ކުނި ބަހައްޓައިގެން ނަގަމުން ދިޔަ އެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ގޭގެ އެޕާޓުމެންޓު ދޮރުމަތިން ކުނި ނަގާގޮތަށް ވެމްކޯއިން ހަމަޖައްސާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު އެވެ.
އެއާއެކު ކުނި މަގުމައްޗަށާއި ގޭގެ ތިރިއަށް ކުނި ނުބާލަން ވެމްކޯއިން ވަނީ އަންގާފަ އެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް ވެމްކޯ އިން ކުނި ނުނަގާތީ އެކަން އިސްލާހުކުރަން މަސައްކަތްކުރާނެ ކަމަށެވެ.

ވެމްކޯގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ސިޓީ ކައުންސިލުން ކުނި ނަގަނީ އެ ކުންފުނިން އަންގައިގެން ނޫން ކަމަށެވެ.

ގެ އެއްގެ ކައިރީ ކުނި އެއްކޮށްފައި-- ފޮޓޯ: އަދަދު
އިއްޔެ އިން ފެށިގެން އެޕާޓްމެންޓުން ކުނި ނަގަން ފަށަފައި ވާއިރު ވެމްކޯ ގައި ރަޖިސްޓާ ކޮށްފައި ހުރި ބައެއް ގޭގެއަށް ކުނި ނަގަން ނުވަންނަ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.
މިހާރު ވެމްކޯގައި ރަޖިސްޓާ ކުރެވޭނީ ގޭގެ ވެރިފަރާތުގެ ނަމުގަ އެވެ. އެގޮތަށް ނިންމި ނަމަވެސް ކުރިން ރަޖިސްޓާ ކޮށްފައިވާ ގޭބިސީތަކުން އަލުން ރަޖިސްޓާ ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކުރިން ރަޖިސްޓާ ކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދެއްކުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކުނި ނެގުމުގެ ހިދުމަތް ދެމުން ގެންދާނީ އެ ކުންފުނީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ކުނި ނަގަން ފަށާނީ އިރުއޮއްސި 6:00 ޖަހާއިރު އެވެ. އަދި ރޭގަނޑު 11:00 އާ ހަމައަށް ވެމްކޯއިން ކުނި ނަގާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.













