ޓިއުނީޝިއާގެ ރައީސް ވިދާޅުވީ ގައުމުގައި ވެރިކަން ކުރަނީ މާފިއާ ކަމަށް!

ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު.-- ފޮޓޯ: އޭއެފްޕީ

ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު.-- ފޮޓޯ: އޭއެފްޕީ

ތޫނިސް، ޓިއުނީޝިއާ (ސެޕްޓެމްބަރު 15) - ޓިއުނީޝިއާގައި ވެރިކަން ކުރަމުން ދަނީ މާފިއާ އިން ކަމަށް ވިދާޅުވެ, ފަސާދަވެފައިވާ ސިޔާސީ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ގައުމުގެ ރައީސް ކައިސް ސައީދު ވައުދުވެވަޑައިގެންފި އެވެ.

"މިއީ ދެ ސަރުކާރު އޮތް ދައުލަތެއް. ހާމައަށް ފެންނަން އޮތް ސަރުކާރަކީ މުއައްސަސާތަކަކާ އެކު ހިނގަމުންދާ ސަރުކާރު. އެކަމަކު ފިލައި ތިބެ ހަގީގަތުގައި ވެރިކަން ކުރަމުން ދަނީ މާފިއާ ސަރުކާރު،" ޓިއުނީޝިއާގެ ރައީސް އޮފީހުން ފޭސްބުކްގައި ޕޯސްޓު ކުރި ވީޑިއޯއެއްގައި ސައީދު ވިދާޅުވި އެވެ.

"ވަގުންނާއެކު މަޝްވަރާ ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން."

އުމުރުން 63 އަހަރުގެ ރައީސް ސައީދަކީ 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތަކުން ވެރިކަމަށް ވަޑައިގެންނެވި ސިޔާސީ ދާއިރާއަށް މުޅިން އާ ބޭފުޅެކެވެ. އޭގެ ކުރިން ސައީދަކީ ގާނޫނު ކިޔަވައިދެއްވި ލެކްޗަރާ އެކެވެ.

ގާނޫނު އަސާސީން ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ބޮޑު ވަޒީރު މަގާމުން ވަކިކޮށް، ޕާލިމެންޓު ސަސްޕެންޑު ކުރީ ޖުލައި 25 ވަނަ ދުވަހު އެވެ.

އެގޮތަށް އަމަލު ކުރެއްވީ ޕާލިމެންޓު ތެރޭގައި އޮތް ސިޔާސީ ޒުވާބުތަކާ ހެދި ވެރިކަން ހިންގުމަށް ދަތިވެފައި ވަނިކޮށެވެ. އޭގެ ފަހުން ކޮރަޕްޝަނާ ދެކޮޅަށް ފެށި ބޮޑު ކެމްޕެއިނެއްގެ ދަށުން ގިނަ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ޖުޑިޝަރީއާ ގުޅޭ މީހުން ހައްޔަރުކޮށް، ގޭބަންދުކޮށް، ގައުމުން ފުރުން ވަނީ މަނާކޮށްފަ އެވެ.

އާ ސަރުކާރެއް އެކުލަވާލުމަށް ސިޔާސީ ޕާޓީތަކުން ސައީދަށް ޕްރެޝަރު ކުރަމުން ދިޔަ ނަމަވެސް، އެކަން ކުރާނެ ގޮތުގެ މަގުޗާޓެއް އަދިވެސް އިއުލާނެއް ނުކުރައްވަ އެވެ.

ފާއިތުވި ހަފުތާ ބަންދުގައި ސައީދު ވިދާޅުވީ އާ ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ނަންތައް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށާއި ގާނޫނު އަސާސީ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

"އާ ސަރުކާރެއް ވަރަށް އަވަހަށް އަންނާނެ. އެކަމަކު އެ ސަރުކާރުން ތަންފީޒު ކުރާނީ ކޮން ސިޔާސަތުތަކެއްކަން ރައްޔިތުންނަށް އެބަ އިނގެން ޖެހޭ. އަމާޒަކަށް ވާން ވާނީ ޓިއުނީޝިއާ ރައްޔިތުން އެދޭ ކަންކަން ހާސިލްކޮށްދިނުން."

ބޮޑު ވަޒީރު ވަކިކޮށް، ޕާލިމެންޓު އުވާލުމަކީ ބަގާވާތެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. ނަމަވެސް ޓިއުނީޝިއާގެ ބައެއް ރައްޔިތުން ދެކޭ ގޮތުގައި ރައީސް އެޅުއްވި ފިޔަވަޅަކީ ސިޔާސީ ހަމަޖެހުން ގެނައުމަށް މަޖުބޫރު ފިޔަވަޅެކެވެ.

ޓިއުނީޝިއާގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި ވަގުތީ ސަރުކާރެއް އިއުލާނު ކުރުމަށް ފަހު ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ އާ އިންތިހާބެއް އޮންނާނީ އޭގެ ފަހުންނެވެ.

ސައީދު ވިދާޅުވެފައި ވަނީ މި ވަގުތު އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީގެ 80 ވަނަ މާއްދާގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި ރައީސްއަށް ލިބިދޭ ހާއްސަ ބާރުގެ ބޭނުންކުރައްވައިގެން ކަމަށެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގައި 2010 ވަނަ އަހަރު ހިނގި "އަރަބް ސްޕްރިންގް" އިންގިލާބުތަކަށް ފަހު ކާމިޔާބުކަމާއެކު ޑިމޮކްރެސީ ހިނގަމުންދާ ހަމައެކަނި ގައުމަކީ ޓިއުނީޝިއާގެ ގޮތުގައި މީގެ ކުރިން އޮތީ ބެލެވިފަ އެވެ.

ނަމަވެސް ޑިމޮކްރަސީ ގެނެވުނާ 10 އަހަރު ފަހުން، އެ ގައުމުގެ 12 މިލިއަން މީހުން ދެކޭ ގޮތުގައި މާ ބޮޑު ތަފާތެއް ފެނިފައެއް ނުވެ އެވެ. އެގޮތުން ދިރިއުޅުމުގެ ފެންވަރަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށާއި ސިޔާސީ ތަޅާފޮޅުމުގެ ސަބަބުން ހިތްހަމަނުޖެހޭ ކަމަށް ރައްޔިތުން ބުނެ އެވެ.

އޭގެ އިތުރުން އެންމެ ފަހުން އުވާލި ސަރުކާރުން ވަނީ ގިނަ ކަންކަމުގައި ފެއިލްވެފައި ކަމަށާއި އޭގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުން ހިމެނޭ ކަމަށް ރައްޔިތުން ދެކެ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ދުނިޔޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ އެއް ގައުމަކީ ޓިއުނީޝިއާ އެވެ.

މީގެ 10 އަހަރު ކުރިން ހިންގި އިންގިލާބަށް ފަހު ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް އޮންނަ ޓިއުނީޝިއާގައި ނުވަ ސަރުކާރު މަސައްކަތް ކޮށްފައި ވެ އެވެ. ސިޔާސީ ކޯޅުމާ ހެދި ބައެއް ސަރުކާރުތައް އުވުނީ އެންމެ ދެ ތިން މަސް ތެރޭގަ އެވެ.

ނަމަވެސް ޕާލިމެންޓުގައި ހިމެނޭ އެންމެ ބޮޑު ކޯލިޝަންގެ މައި ޕާޓީ، އިނަހްދާއިން ބުނީ ގާނޫނު އަސާސީ އަށް ބަދަލު ގެނައުން ބަލައިނުގަންނާނެ ކަމަށާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ވެސް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުން ބަލައިނުގަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox