ދީބާޖާ މައްސަލަ ތިން ވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި ފަށަނީ

ސުޕްރީމް ކޯޓު: ދީބާޖާ މައްސަލާގެ އަޑުއެހުންތައް ފެށުމަށް ވަނީ ތާވަލުކޮށްފައި

ސުޕްރީމް ކޯޓު: ދީބާޖާ މައްސަލާގެ އަޑުއެހުންތައް ފެށުމަށް ވަނީ ތާވަލުކޮށްފައި

ހައްލު ނުލިބި ދިގުލައިގެން ގޮސްފައިވާ, ދީބާޖާ ކުންފުންޏަށް ބަދަލު ނަގައިނުދިނުމުގެ މައްސަލައިގެ އަޑުއެހުންތައް އަނެއްކާވެސް ސުޕްރީމް ކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ, ސުޕްރީމް ކޯޓުގައި ދީބާޖާގެ މައްސަލަ ކުރިއަށްދާ ތިންވަނަ ފަހަރެވެ.

މީގެކުރިން ސުޕްރީމް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައިވަނިކޮށް, ހަމަ އެ ކޯޓުން ވަނީ މައްސަލަ ރިވިއުކޮށް އެ ހުކުމް ބާތިލްކޮށްފަ އެވެ. ނަމަވެސް, އެ ހުކުމް ބާތިލްކުރީ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު, ދީބާޖާއަށް ދީފަ އެވެ.

އެގޮތުގެ މަތިން ދީބާޖާއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް ފެށުމަށް މި މަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށް, މިހާރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާގެ ވަކީލް މުހައްމަދު ހަލީމަށް ޗިޓް ފޮނުވާފަ އެވެ.

ދީބާޖާ މައްސަލައިގެ ފަސް ފަހަތް

ދީބާޖާއަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ، އިޖުރާއީ ނުކުތާއެއްގެ މައްޗަށް ސުޕްރީމް ކޯޓުން ބޮޑު އަދަދެއްގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް ހުކުމް ކުރުމާއެކު އެވެ. އެ ހުކުމް ނެރުއްވީ ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗުންނެވެ.

އެ ހުކުމްގައި ސުޕްރީމް ކޯޓުން، ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ނިންމާފައި އޮތީ އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ހައިކޯޓުން މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައި އޮތުމުންނެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 ގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް، 12، 2015 އެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ބަދަލު ދޭން ސުޕްރީމް ކޯޓުން ނެރުނު ހުކުމާމެދު ކަންބޮޑުވުން އޮތުމުން ރައްޔިތުންގެ މަޖިލީހުން މައްސަލަ ބެލި އެވެ. އެއަށްފަހު ފާސްކުރީ ދީބާޖާގެ ހުކުމް ރިވިއުކުރުމަށް ބަންޑާރަ ނައިބަށް ދަންނަވާށެވެ. އެގޮތަށް ފާސްކުރީ، މައްސަލަ ރިވިއުކޮށްގެން ވެސް ކާމިޔާބު ނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވަނިކޮށެވެ.

ނަމަވެސް، ބަންޑާރަ ނައިބު ސްޓޭންޑް ބަދަލުކޮށް، ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.

ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ އެ ހުކުމް، ރިވިއު ކުރަން ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އިސްތިއުނާފުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތެއް ނަމަވެސް، ބައެއް ހާލަތްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ވެސް އެ ހުއްދަ ދިނުމަކީ ހައިކޯޓަށް ލިބިގެންވާ އިހްތިޔާރީ ބާރެއް ކަމަށް އެ ހުކުމްގައި ކަނޑައެޅި އެވެ.

މި މައްސަލައިގައި ހައިކޯޓަށް ދައުލަތުން އިސްތިއުނާފު ހުށަހެޅުމަށް ލަސްވެގެން ދިޔަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލައާ ހަވާލުވެ ހުންނެވި ވަކީލްގެ އިހުމާލުން ކަމެވެ. މައްސަލައިގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް، ސިވިލް ކޯޓުން ދޫކުރީ 72 ދުވަސް ފަހުންނެވެ. އެއީ 14 ދުވަސް ތެރޭގައި ދޫކުރަން ޖެހޭ އެއްޗެކެވެ.

ހުކުމް ފާހަގަކުރި ގޮތުގައި، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަކީ ވަރަށް އަސާސީ ހައްގެއް ކަމަށްވާ އިސްތިއުނާފު ކުރުމުގެ ހައްގާ ގުޅިފައިވާ އެއްޗަކަށްވާއިރު އެ ދޫނުކުރުން ލަސްކުރުމަކީ އިންސާފަށް ދަތި ކުރުން ކަމުގަ އެވެ. ހަގީގަތުގައި އިސްތިއުނާފު މުއްދަތު ގުނަން ޖެހޭނީ ވެސް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދޫކުރާ ދުވަހުން ފެށިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ވެސް މައްސަލަ ބަލައިގަނެ، ހައިކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ސަބަބެއް އެ ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިނުވީ ނަމަވެސް، ސުޕްރީމް ކޯޓުން ގަބޫލު ކުރެއްވި ގޮތުގައި ހައިކޯޓުގައި އެ މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ގެންދިޔުން ރަނގަޅެވެ. އަދި ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ނުކުތާގައި ހިފައި، މައްސަލައިގެ މައުލޫއީ ގޮތެއްގައި ނުބަލައި ހުކުމް އިއްވުން ގޯސް ކަމަށް ބުނެފައިވެ އެވެ.

އެހެންވެ، ހައިކޯޓުގެ ހުކުމަށް ރުޖޫއަވުމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ، ދީބާޖާ ކުންފުންޏަށް ބަދަލު ދޭން ނުޖެހުމެވެ. ނަމަވެސް އެ ހުކުމަށް އަހަރުތަކެއްވެފައިވާތީ އެންމެ އިންސާފުވެރި ގޮތަކީ، މައްސަލަ އަލުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުން ކަމުގައި ކަމަށް ހުކުމްގައިވެ އެވެ.

އަލުން އިސްތިއުނާފުކޮށްފި ނަމަ، މައްސަލަ މައުލޫއީ ގޮތެއްގައި އެ ކޯޓުން ބަލައި ހުކުމެއް ނެރޭނެ ކަމަށް ވެސް އެ ހުކުމްގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް, އެ ހުއްދައިގެ މަތިން ސުޕްރީމް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުމުން ރަޖިސްޓްރާ އިސްތިއުނާފަށް ހުއްދަ ނުދިނެވެ.

ރަޖިސްޓްރާގެ އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެއްދި އެވެ. އެ މަޖިލީހުން ނިންމާފައިވަނީ މައްސަލާގެ އިސްތިއުނާފަށް ހުއްދަ ދިނުމަށެވެ. އެހެންވެ, މި މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ފަށަނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox