މި އަހަރުގެ އ.ދ ގެ އާއްމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރުކުރައްވާނީ ދިވެހި ބަހުން ކަން "އަދަދު" އަށް އެނގިއްޖެ އެވެ.
މީގެ ކުރިން އެ ޖަލްސާގައި ދިވެހި ބަހުން ތަގުރީރު ކުރެއްވި ރައީސަކީ، 2006 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
ރައީސް ދިވެހިން ތަގުރީރުކުރައްވާކަން ރަސްމީކޮށް ކަށަވަރުކުރަން ރައީސް އޮފީހަށް ގުޅުމުން އެ އޮފީހުން އެކަން ދޮގެއް ނުކުރެ އެވެ.
ރައީސް ސޯލިހު ވަނީ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން، ތަގުރީރުކުރައްވަން އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގެންފަ އެވެ.
އާންމު މަޖިލީހުގައި މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބަހުސްތައް އޮންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ.

އދ. ގެ އިދާރާއިން އާންމުކޮށްފައިވާ ވަގުތީ އެޖެންޑާގައިވާ ގޮތުންނަމަ ރައީސް ސޯލިހު ތަގުރީރުކުރެއްވަން ތާވަލުކުރެވިފައިވަނީ ފުރަތަމަ ދުވަހުގެ ސެޝަންގައި ތިން ވަނަ އަށެވެ. އޭގެ ކުރިއަށް ތިއްބެވީ، ބްރެޒިލް އާއި އެމެރިކާގެ އިސްވެރިންނެވެ.
ރައީސް އދ. ގައި ދިވެހި ބަހުން ތަގުރީރުކުރައްވާއިރު، ރިޔާސަތުގައި އިންނަވާނީ އދ. މިއަހަރުގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެފައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ. ގެ މި އަހަރުގެ އާންމު މަޖިލީހުގެ ރިއާސަތަށް ޝާހިދު އިންތިހާބުވެފައިވާއިރު، އާންމު މަޖިލިސް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
މިއީ ރައީސް ސޯލިހު އާންމު މަޖިލީހުގައި ތަގުރީރުކުރައްވާނެ ދެވަނަ ފަހަރެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ތަގުރީރެއް ދެއްވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު އޭގެ ޖެހިގެން އައި އަހަރު އެވެ. އެހެންނަމަވެސް އެފަހަރުގެ ތަގުރީރު ދެއްވީ އިނގިރޭސި ބަހުންނެވެ.
އޭގެ ފަހުން ކޮވިޑްގެ ބަލިމަޑުކަމާހެދި އޮންލައިންކޮށް އޮތް މިދިޔަ އަހަރުގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރެއްވީ މިހާރު އެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޝާހިދެވެ.
ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. ގައި ތަގުރީރުކުރައްވާފައިވަނީ، ރާއްޖޭގެ އެންމެ އިސްވެރިޔާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުންނެވެ.
އެމަނިކުފާނު 2019 ވަނަ އަހަރު ތަގުރީރުކުރެއްވިއިރު ވެސް، ބައެއް ފަރާތްތަކުން ވަނީ ދިވެހި ބަހުން ތަގުރީރުކުރައްވަން އެދި ގޮވާލައްވާފަ އެވެ.
އދ. ގައި ޖުމްލަ ހަ ބަހެއް ރަސްމީކޮށް ބޭނުންކުރެ އެވެ. އެއީ އަރަބި، އިނގިރޭސި، ޗައިނީޒް، ފްރެންޗް، ރަޝިއަން އަދި ސްޕެނިޝް އެވެ. އެ ބަސްތަކަކީ ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ މީހުން މުއާސަލާތުކުރާ ބަސްތަކެވެ.
އެހެންނަމަވެސް ބައެއް ފަހަރު އދ. ގައި ތަގުރީރުކުރައްވާ ޑިޕްލޮމެޓުންނާއި ޑެލިގޭޓުން އެހެން ބަސްތަކުން ވެސް ތަގުރީރު ދިނުމަށް ފުރުސަތު ދެ އެވެ. އެ ހާލަތުގައި އެ ތަގުރީރެއްގެ ޓްރާންސްލޭޓްކޮށްފައިވާ ލިޔުމެއް އަދި ޓްރާންސްލޭޝަނެއް އދ. ގެ އިދާރާއަށް ފޯރުކޮށްދޭން ޖެހެ އެވެ.













