ޔާމީނުގެ ދިފާއުގައި އަލީ ވަހީދު ވާހަކަދައްކަވައިފި

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ. -ފައިލް ފޮޓޯ: އަހުމަދު ޝުރާއު

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ. -ފައިލް ފޮޓޯ: އަހުމަދު ޝުރާއު

ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން އިނގިރޭސި ވިލާތުގައި އުޅެނިކޮށް ހައްޔަރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއު ކުރައްވައި ޓްވީޓުތަކެއް ކުރައްވައިފި އެވެ.

ޔާމީންގެ ދިފާއުގައި އަލީ ވަހީދު މި ނުކުންނެވީ އިނގިރޭސި ވިލާތުން ހައްޔަރުކުރުމުން "ދައްކަން އުޅުނު ވާހަކަ ދައްކާނަން،" ކަމަށް އިއްޔެ ވިދާޅުވުމަށްފަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާމެދު ޖިންސީ ކުށުގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވި، ދައުވާ އުފުލާފައިވާ އަލީ އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ހައްޔަރުކުރީ މިދިޔަ އޯގަސްޓް 25 ގަ އެވެ.

ހައްޔަރުކުރި ފަހުން ފުރަތަމަ ކުރެއްވި ޓްވީޓްގައި "އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން" ކަމަށް ވިދާޅުވެފައި ވާއިރު، އޭނާގެ މައްޗަށް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހުގެ ޖަލު ހުކުމެއް އެބަ އޮތެވެ.

"ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނަން. އިންސާފުވެރި ޢަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން. އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން މިއަދު ހެނދުނު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށެވެ.

އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެ ސަބަބާހެދި ކަމަށާއި، ޔާމީން މިނިވަންކުރަންޖެހޭކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ސައްހަ ލިސްޓު ފެށެނީ އަދުގެ ޕްރޮސިކިއުޓާ ޖެނެރަލާ ހަމައިން. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ،" އެންމެ ފަހުން ކުރެއްވި ޓްވީޓުގައި އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އެ އިޝާރާތްކުރެއްވި ފޯނުތަކާއި ލެޕްޓޮޕަކީ ބޮޑު ހިޔާނާތުގެ މޭސްތެރިކަމުގެ ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު ގެންގުޅުއްވި ތަކެއްޗެވެ.

އެ ތަކެތިން އެ ހިޔާނާތުގެ ބައިވެރިވި އަދި ފައިސާ ލިބުނު މީހުންގެ މައުލޫމާތު ތަހުގީގަށް ވަނީ ހޯދައިފަ އެވެ.

އަލީ ވަހީދުގެ މައްސަލައިގެ ހުލާސާ

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަލީ އިނގިރޭސި ވިލާތުން ހައްޔަރުކޮށް، ގެޓްވިކް އެއާޕޯޓުގައި ހުންނަ ޓިންސްލޭ ހައުސް ޑިޓެންޝަން ސެންޓަރުގައި ބަންދުކުރީ، އޭނާ ނޫސްވެރިންގެ ބައްދަލުވުމަށް ބޭއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެއަށް ފަހު އަލީގެ ދިފާއީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކު އޭރު "އަދަދު" އަށް ވިދާޅުވީ ރާއްޖެ ވަޑައިނުގަތުމަށް އެއްވެސް އިރަކު އޭނާ ނުނިންމަވާ ކަމަށެވެ.

"އަލީ ވަހީދު ވާނީ ކްރިމިނަލް ކޯޓުން އޭނާއަށް ބޭސްފަރުވާ ކުރުމަށް ދީފައި އޮތް މުއްދަތު އިތުރު ކުރުމަށް. އަލީ ވަހީދަށް ކޯޓުން ދެ ވަނަ ފަހަރަށް ދިން މުއްދަތު ހަމަވަނީ ސެޕްޓެމްބަރު 26 އަށް. އަދި އޭގެ ކުރިން މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭތޯ ނޫންތޯ ކަނޑައަޅާނެ. ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް އެއަށްފަހު ކަނޑައަޅާނެ،" ވަކީލު ވިދާޅުވި އެވެ.

ހައްޔަރުކުރުމުގެ ކުރިން ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލީގެ މައްޗަށް ދައުވާ އުފުލައި، އޭނާއާމެދު ދައުލަތުން އަމަލު ކުރަމުން ދަނީ ބޭއިންސާފުން ކަމަށެވެ.

އަލީ ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވީ، އެ ކޯޓަށް ހާޒިރުވާން އެންގި ޗިޓަށް ގޮންޖަހައި، ރާއްޖެ ވަޑައިނުގަތުމުންނެވެ. އަލީ އަށް ސުޕްރީމް ކޯޓުން ޗިޓް ފޮނުވީ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކާ ގުޅޭ ޝަރީއަތުގައި އަލީ ވަހީދަށް އިނގިރޭސި ވިލާތުގައި ހުރެގެން ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖެއްސި ނިންމުން އިސްތިއުނާފުކޮށް އެ ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައަށް ހާޒިރުވުމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވާން އަލީ އަށް ޗިޓް ފޮނުވީ އީމެއިލް މެދުވެރިކޮށެވެ. އޭނާ ވަނީ އީމެއިލް މެދުވެރިކޮށް ކުރިމިނަލް ކޯޓާ މުއާމަލާތްކޮށްފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓާ އޭނާ މުއާމަލާތް ކޮށްފައެއް ނުވެ އެވެ.

އަލީ ވަހީދު ވަނީ އޭނާ މިހާރު ދިރިއުޅޭ އެޑްރެހާއި އީމެއިލް އެޑްރެސް އަދި ވަޓްސްއެޕް ނަންބަރުގެ މައުލޫމާތު ވެސް މީގެކުރިން ކުރިމިނަލް ކޯޓާ ހިއްސާކޮށްފަ އެވެ. އެ މައުލޫމާތުތައް ކުރިމިނަލް ކޯޓުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ ވެސް ހިއްސާކުރި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޗިޓް ރައްދުވުމަށްފަހު، އޭގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ އެމީހަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބެ އެވެ. އަދި، ޗިޓް ރައްދުވީ ދައުވާ ލިބޭ މީހާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ވެސް ކޯޓަށް ހާޒިރުކުރެވިދާނެ އެވެ.

ފިޔަވަޅެއްގެ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދެ މަހާއި 12 ދުވަހަށް ޖަލަށްލާންށެވެ. އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގައި، ކޯޓުތަކުން އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ އެވެ. ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ އަދި އެންމެންގެ މައްޗަށް ހަމަހަމަ ނިޒާމެއްކަން ކަށަވަރު ކުރުމަށް އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖެހޭ ކަަމަށެވެ.

އަލީ އިނގިރޭސި ވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ.

އެ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެ ވަޑައިނުގެންނެވި އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.

އެފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.

އަލީ މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

މި ތުހްމަތުތައް އޭނާގެ މައްޗަށް ކުރެވުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox