ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ހިނގާލުމުގައި، ގެކޮޅުގައި ހުންނަވައިގެން "ނުސީދާ" ކޮށް އެ ހަރަކާތުގައި ބައިވެރިވި ބައިވެރިވުމަކީ ބަންދުގެ އިގުރާރާ ހިލާފްކަމެއްކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން ބުނުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ރައްދުދީފި އެވެ.
އިދިކޮޅުން މިއަދު ބޭއްވި "އިންސާފު ކޮބާ؟" ހިނގާލުން ނިންމާލުމުގެ ތެރެއިން ސަޕޯޓަރުން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތުކޮޅުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު މިހާރު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްގެ ދިދައެއް ނަންގައިވައިގެން ހޫރުވައިފަ އެވެ.
އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެފައިވަނީ ޔާމީން މިއަދު އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގުރާރާ ހިލާފު ކަމެއް ކަމަށެވެ. އަދި އެހެންކަމުން އެ މައްސަލަ ބަލާ، ފިޔަވަޅު އަޅާނެކަމަށެވެ.
ނަމަވެސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް އާސިފް "އަދަދު"އަށް ވިދާޅުވީ އެމައްސަލައިގައި "ސްޓޭންޑް ވަރަށް ސާފު" ކަމަށެވެ. އަދި އެ މައްސަލައިގައި ކޮމިޝަނާ އަހުމަދު މުހައްމަދުފުޅު އެގޮތަށް ޓްވީޓެއް ކުރެއްވިޔަސް، ގާނޫނީ ގޮތުން އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

"އަޅަންޏާ އަޅަން ޖެހޭނީ ސިޔާސީ ފިޔަވަޅެއް މި ދަނޑިވަޅުގައި، ގާނޫނީ ގޮތުން އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް އެބޭފުޅުންނަށް. ކޮމިޝަނަރު އެހެން ޓްވީޓު ކުރެއްވިއިރު، އެއްވެސް ގާނޫނެއް ނެތް ދައްކަވާފަ އެއް. އެހެންވީމާ އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިގުރާރާ ހިލާފްވެފައިވާކަމަށް،" އާސިފް ވިދާޅުވި އެވެ.
އާސިފް ވަނީ މި ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރައްވާ ޝެއިހް އިމްރާން އަބްދުﷲ ވެސް ގޭ ބަންދުގައި ހުންނެވި ދުވަސްވަރު، އީދު ކުޅިވަރުގައި ބައިވެރިވެ، ވަރި ކައިވެނީގެ ކަންކަންވެސް ކުރެއްވިކަން ވެސް ފާހަގަކުރައްވައިފަ އެވެ. އަދި އެކަމަށްވެސް ފިޔަވަޅު އަޅަން ޖެހޭނެކަމަށް ވިދާޅުވެފަ އެވެ.
"އެއީ އަދި އެ ހިނގާލުމުގައި ބައިވެރިވީކީއެއްނޫންދޯ، ކުޑަދޮރުން ބޯ ދިއްކުރުމަކީ. އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި ރައީސް ޔާމީން އެގޮތަށް ނުކުންނެވީވެސް އެ ހިނގާލުން ނިންމާލުމުން. އެމަނިކުފާނު ނުކުތުމުން ނިންމާވާލީ ހިނގާލުން، އެހެން އަދި އިޝާރާތެއް ކުރުމުން ބައިވެރިވިކަމަށް ގަބޫލެއް ނުކުރަން،" އާސިފް ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގެ އިތުރުން އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސް ޔާމީން ބަންދުގެ އިގުރާރާ ހިލާފްވެފައިނުވާކަމަށާއި އެމަނިކުފާނަށް އަމާޒުވާ ކަންކަމަކީ އިންސާފު ހޯދަން ރައްޔިތުން ނިކުތުމުން ސަރުކާރަށް "ހަޖަމް" ނުވުން ކަމަށް ވިދާޅުވެ ޓްވީޓުކުރައްވާފަ އެވެ.
"އެކަމުގެ އަމާޒުފަތްގަނޑަކަށް ރައީސް ޔާމީން ނުހެއްދެވުމަށް ސަރުކާރަށް ގޮވާލަން،" އަދުރޭ ޓްވިޓާގައި ވިދާޅުވި އެވެ.
ކަރެކްޝަންސްއިން އެ މައްސަލަ ބެލުމަށް ނިންމާފައިވީނަމަވެސް، ރާއްޖޭގެ ޖަލުތަކުގައި ކޮވިޑް-19ގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ހައި ރިސްކު ގައިދީން ގޭ ބަންދަށް ބަދަލުކުރި އުސޫލުގެ ތެރެއިން މިވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީނަށް ކަރެކްޝަންސްއިން އަޅާނެ ފިޔަވަޅެއް އަދި އަނބުރާ ޖަލަށް ގެންދާނެކަމެއް އަދި ސާފެއް ނުވެ އެވެ.
ރައީސް ޔާމީން މިވަގުތު ތަންފީޒުކުރަމުން ގެންދަވަނީީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި، މަނީ ލޯންޑާކުރިކަމުގެ މައްސަލައިގައި އެމަނިކުފާނަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އިސްތިއުނާފުގައި އޮތް އެ ހުކުމުގައި ހިމެނޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެމަނިކުފާނު ނުދައްކަވާތީ އެ މައްސަލަވެސް ދައުލަތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
ވޮޑަމުލާގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައިވެސް އެމަނިކުފާނާއި ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ. އަދި ވ. އާރަށުގެ މައްސަލައިގައިވެސް އެމަނިކުފާނާ ދެކޮޅަށް ދައުވާ ކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.












