އަހްމަދު ޝާހް މަސްއޫދު: އަފްގާން ޝަހްސިއްޔަތެއްގެ މަރަށް 20 އަހަރު!

އަފްގާނިސްތާނުގެ ކުރީގެ ކޮމާންޑަރު އަހްމަދު ޝާހް މަސްއޫދުގެ ޕޯސްޓަރެއް.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ކުރީގެ ކޮމާންޑަރު އަހްމަދު ޝާހް މަސްއޫދުގެ ޕޯސްޓަރެއް.-- ފޮޓޯ: އޭއެފްޕީ

ސެޕްޓެމްބަރު 11 ހަމަލާ ދިނުމުގެ ދެ ދުވަސް ކުރިން، އަލް ގައިދާގެ ހަނގުރާމަވެރިންތަކެއް ނޫސްވެރިން ކަމަށް ހެދިގެން، އަފްގާނިސްތާނުގެ އަސްކަރީ ކޮމާންޑަރު އަހްމަދު ޝާހް މަސްއޫދުގެ އިންޓަވިއުއެއް ނަގަން ބައްދަލުކުރި އެވެ.

އެ މީހުން މަސްއޫދާ ކުރި ސުވާލަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ގޮއްވާލީ ބޮމެކެވެ. ތަހުގީގުން އެނގުނު ގޮތުގައި ގޮވާ ތަކެތި މޮޅު ގޮތަކަށް ފޮރުވާފައި ހުރީ އެ މީހުން ގެންދިޔަ ކެމެރާ ތެރޭގަ އެވެ.

އޭގެ ވިހި އަހަރު ފަހެވެ. މަސްއޫދު މަރާލުމާއި ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާ އަށް ދިން ހަމަލާއަކީ މިއަދު އަފްގާން ރައްޔިތުންނަށް ދިމާވެގެން އުޅޭ ނުތަނަވަސްކަމާއި ލޭއޮހޮރުވުމުގެ ފެށުމެވެ. ތާލިބާނުން އަލުން ވެރިކަމަށް އައިސްފައި ވާތީ އެކަންކަން އަދިވެސް ދާނީ ކުރިއަށް ކަމަށް ރައްޔިތުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދި މަސްއޫދު މަޝްހޫރުވީ އޭނާ ނިސްބަތްވާ ޕަންޖްޝީރުގެ ސިންގާގެ ގޮތުގަ އެވެ. އެ ލަގަބު އޭނާއަށް ލިބުނީ 1980 ގެ އަހަރުތަކުގައި ސޯވިއެޓް ޔޫނިއަންގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރި ކޮމާންޑާރެއްގެ ގޮތުގައި އުޅެގެންނެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހުކޮޅަށް ދިޔައިރު، މަސްއޫދު ހަނގުރާމަ ކުރަމުން ދިޔައީ ތާލިބާނުންނާއި، ތާލިބާނުންގެ ތާއީދާއެކު އުޅުނު އަލް ގައިދާއާ ދެކޮޅަށެވެ. ތާލިބާނުން އަދި އަލް ގައިދާ އިން ވެސް މަސައްކަތް ކުރީ އޭނާ މަރާލުމަށެވެ.

ނޫސްވެރިން ކަމަށް ހެދިގެން ގޮސް، އަމިއްލަ އަށް މަރުވެގެން ހަމަލާ ދިނީ، އަލް ގައިދާގެ އުސާމާ ބިން ލާދިންގެ ސީދާ އޯޑަރަށެވެ. ހަމަލާ ދިން މީހުން މަސްއޫދާ ހަމައަށް ދިޔައީ ޑޮކިޔުމެންޓްރީ ފިލްމެއް ތައްޔާރު ކުރާ ކަމަށް ބުނެ އެވެ. އިނގިރޭސިވިލާތުން ފުރައިގެން، ބެލްޖިއަމްގެ ވަގު ޕާސްޕޯޓުގައި އަފްގާނިސްތާނާ ހަމައަށް އެ މީހުން ދިޔަ އެވެ.

ނަމަވެސް އޯގަސްޓު 2001 ގައި ހްވާޖާ ބަހާއުއްދީން އަވަށަށް ދިޔައިރު، މަސްއޫދުގެ މަސައްކަތް ގިނަ ކަމުން އިންޓަވިއު ދެވޭ ގޮތެއް ނުވި އެވެ.

"އެ މީހުން އަހަރުމެންނާއެކު 10 ދުވަސް ހޭދަކުރި. ވަރަށް ހަމަޖެހިގެން، މަސްއޫދުގެ ވަގުތު ހުސްވާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔެއީ. ބޭކާރުކޮށް ޝަކުވާ ކުރި ތަނެއް ވެސް ނުފެނޭ،" މަސްއޫދުގެ ގާތް ނޫސްވެރިޔެއް ކަމަށްވާ ފަހީމް ދާޝްތީ އެ ހަމަލާ ދިންތާ އެއް ހަފުތާ ފަހުން އޭއެފްޕީ އަށް ބުންޏެވެ.

ނޫސްވެރިން ކަމަށް ހެދިގެން އައި އަލް ގައިދާގެ ހަނގުރާމަވެރިން މަސްއޫދާ އަރަބި ބަހުން ސުވާލު ކުރަމުން ދިޔައިރު ދާޝްތީ ހުރީ އިންޓަވިއު ރިކޯޑު ކުރަން އޭނާގެ އަމިއްލަ ކެމެރާގެ ސެޓްއަޕް ހަދާށެވެ. އަރަބި ބަހުން ސުވާލު ކުރުމުން ތަރުޖަމާކޮށްދެމުން ދިޔެއީ މަސްއޫދުގެ ގާތް މީހެއް ކަމަށްވާ، މަސްއޫދު ހަލީލީ އެވެ.

"އަހަރުމެން ތިބީ ވަރަށް ނުތަނަވަސްވެފައި. އެއީ އުސާމާ ބިން ލާދިންއާ ގުޅޭ ސުވާލުތަކެއް ކުރުމުން،" އޮކްޓޯބަރު 2001 ގައި ހަލީލީ އޭއެފްޕީ އަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކެމެރާމަނު ހުރީ "ނުލަފާ ގޮތަކަށް" ހިނި އައިސްފަ އެވެ. އަދި ނޫސްވެރިޔާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. އެ މީހުން ކުރި ސުވާލު ތަރުޖަމާކޮށް ނިމުމާއެކު ބޮން ގޮއްވާލި އެވެ.

"ކަލޭމެންގެ ލީޑަރު މަރުވެއްޖެ"

މަސްއޫދުގެ މަރާއެކު މުޅި އަފްގާނިސްތާނާއި ދުނިޔެއަށް ވެސް ލޮޅުންތައް އެރި އެވެ.

އޭރު އަފްގާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ކުރި މަސައްކަތުގެ އެންމެ ބޮޑު އުއްމީދުގެ ހުޅުކޮޅަކީ މަސްއޫޑު ކަމަށް ރައްޔިތުން ދެކުނެވެ. ހުޅަނގުގެ ގައުމުތަކުން ވެސް ދެކުނީ މަސްއޫދަކީ ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް "އެކުވެރިއެއް" ކަމަށެވެ.

މަސްއޫދުގެ ނޮދަން އެލަޔަންސް ޖަމާއަތުން ތާލިބާނުންނާ ދެކޮޅަށް އޭރު ކުރި ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ދިޔައީ ވަމުންނެވެ. އެހެންވެ، ޖަމާއަތުން ނިންމީ އޭނާގެ މަރު ސިއްރު ކުރުމަށެވެ.

މަރުވިތާ ހަފުތާއެއް ފަހުން މަސްއޫދުގެ ހަށިގަނޑު ވަޅުލީ އޭނާ އުފަން، ބަޒަރަކް ޑިސްޓްރިކްޓުގަ އެވެ. ހަށިގަނޑު ނިވާކޮށްފައި އޮތީ އަފްގާނިސްތާނުގެ ގައުމީ ދިދައިންނެވެ. ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވި އެވެ.

އަހްމަދު ޝާހް މަސްއޫދުގެ ޕޯސްޓަރެއް ކާބުލްގެ ފާރެއްގައި ކުރަހާފައި.-- ފޮޓޯ: އޭއެފްޕީ
އަހްމަދު ޝާހް މަސްއޫދުގެ ޕޯސްޓަރެއް ކާބުލްގެ ފާރެއްގައި ކުރަހާފައި.-- ފޮޓޯ: އޭއެފްޕީ

އަހްމަދު ޝާހް މަސްއޫދުގެ ޕޯސްޓަރެއް ކާބުލްގެ ފާރެއްގައި ކުރަހާފައި.-- ފޮޓޯ: އޭއެފްޕީ

ހަށިގަނޑު ވަޅުލާފައި އޮތް ސަރަހައްދުގައި މަގުބަރާއެއް ހެދުމުން ގިނަ ސަޕޯޓަރުން އެތަނަށް ޒިޔާރަތް ކުރަން ފެށި އެވެ.

"މަސްއޫދު މަރާލިއިރު އަހަރެން ހުރީ ޕަންޖްޝީރުގައި. ތާލިބާނުން އޭރު ތިބީ ހުރިހާ ފަރާތަކުން މަސްއޫދުގެ ފައުޖުތައް ވަށާލައިގެން،" އެ ސަރަހައްދުގައި ދިރިއުޅޭ 47 އަހަރުގެ ފިރިހެނަކު އޭއެފްޕީ އަށް ބުންޏެވެ.

"ތާލިބާނުން ރޭޑިއޯގައި ވެސް އިއުލާނު ކުރި. އެ މީހުން ބުނީ ކަލޭމެންގެ ލީޑަރު މަރުވެއްޖެއޭ. އެކަމަކު... ލީޑަރު މަރުވުމުން ރައްޔިތުންނަށް ލިބުނީ އިތުރު ހިތްވަރެއް."

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ތާލިބާނުންގެ ބާރު ނެތި ދިޔަ އެވެ. ސެޕްޓެމްބަރު 11 ހަމަލާ ދިން އަލް ގައިދާ އަށް ތާލިބާނުން ހިމާޔަތް ފޯރުކޮށްދޭތީ އެމެރިކާ ސިފައިން އަފްގާން ފަސްގަނޑަށް އެރި އެވެ.

ދެހާސް އެއް ވަނަ އަހަރު ނިމުމަކާ ހަމައަށް އައިއިރު، ތާލިބާނުންގެ ސަރުކާރު ވެއްޓިއްޖެ އެވެ. އެމެރިކާ ސިފައިން ބޮން އެޅީ މަސްއޫދުގެ ނޮދަން އެލަޔަންސުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގަ އެވެ. އަލް ގައިދާގެ އިސް ލީޑަރުން އެ ހިސާބުން ފިލައިފި އެވެ.

ޕަންޖްޝީރު ތާލިބާނުންގެ އަތް ދަށަށް

ވިހި އަހަރަށް ފަހު އެމެރިކާގެ ފައުޖުތައް އަފްގާން ފަސްގަނޑު ދޫކޮށް ދާން ފެށުމާއެކު ތާލިބާނުން އަނެއްކާވެސް ވެރިކަމަށް އައުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރި އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައިރާން ކުރުވަނިވި ގޮތަކަށް ބޮޑެތި ހުރިހާ ސިޓީއެއް ހިފައި، އޯގަސްޓު 15 ވަނަ ދުވަހު ވެރިކަމަށް އައެވެ.

މި ފަހަރު ވެސް ތާލިބާނުންނާ ދެކޮޅަށް އެންމެ ބޮޑު ފައުޖެއް ނުކުރީ ޕަންޖްޝީރުންނެވެ. މި ފަހަރު ޕަންޖްޝީރުގެ ފައުޖުގެ އިސްވެރިޔަކީ އަހްމަދު މަސްއޫދެވެ. އަލް ގައިދާ އިން އޭނާގެ ބައްޕަ އަހްމަދު ޝާހް މަސްއޫދު މަރާލިއިރު، އުމުރަކީ 12 އަހަރެވެ.

ނަމަވެސް ތާލިބާނުން ޕަންޖްޝީރަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިދިޔަ ހޯމަ ދުވަހު ބުނީ އެތަން ހިފިފައިވާ ކަމަށެވެ.

ޕަންޖްޝީރުގައި ކުރި ހަނގުރާމައިގައި މަރުވި މީހުންގެ ތެރޭގައި މީގެ 20 އަހަރު ކުރިން މަސްއޫދު މަރާލަން ދިން ބޮމުގެ ހަމަލާ އިން ސަލާމަތްވި ނޫސްވެރިޔާ ފަހީމް ދާޝްތީ ވެސް ހިމެނެ އެވެ.

ތާލިބާނުންގެ ސޯޝަލް މީޑިއާ އެކައުންޓަކުން ވަނީ އަހްމަދު ޝާހް މަސްއޫދުގެ ޕޯސްޓަރަކަށް ގެއްލުން ދިނުމަށް ފަހު ހަނގުރާމަވެރިން ނެގި ފޮޓޯތައް އާއްމުކޮށްފަ އެވެ. އަހްމަދު ޝާހް މަސްއޫދުގެ ބޭބެ، އަހްމަދު ވަލީ މިދިޔަ އަންގާރަ ދުވަހު ޖެނީވާގައި ވާހަކަދައްކަމުން ބުނީ "ނޭޝަނަލް ރިޒިޒްޓަންސް ފްރަންޓް" އޮތީ ޒަހަމްވެފައި ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް އެތައް ހާސް މީހުން އަލުން ހަނގުރާމައިގެ މައިދާނަށް ނުކުމެދާނެ ކަމަށެވެ.

ސޯވިއެޓް ޔޫނިއަންގެ ސިފައިންނާ ދެކޮޅަށް 1980 ގެ އަހަރިތަކުގައި މަސްއޫދާއެކު ހަނގުރާމަ ކުރި އުމުރުން 63 އަހަރުގެ މުހައްމަދު ސަނާ ސަފާ ފަދަ މީހުން ތިބީ މާޔޫސްވެފަ އެވެ.

"އަހްމަދު މަސްއޫދަކީ ޒުވާން، ގައުމު ދެކެ ލޯބިވާ މީހެއް. އެކަމަކު އޭނާގެ ބައްޕައަށް ލިބިފައި ހުރި ފަދަ އަސްކަރީ ތަޖުރިބާއެއް ނެތް،" ސަފާ އޭއެފްޕީ އަށް ބުންޏޭވެ.

"އޭނާގެ ބައްޕަ މިއަދު ދުނިޔޭގައި ހުރި ނަމަ މި މަންޒަރު އަހަރުމެންނަށް ނުފެންނާނެ. ޕަންޖްޝީރު ތާލިބާނުންގެ އަތް ދަށަކަށް ނުދާނެ."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox