ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ނިންމުމުން އޭޖީ ސުޕްރީމް ކޯޓަށް

ބަންޑާރަ ނައިބު ރިފްއަތު: ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ވަނީ ނިންމާފައި

ބަންޑާރަ ނައިބު ރިފްއަތު: ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ވަނީ ނިންމާފައި

ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ކަނޑައެޅުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސެއިން ހަސަން މިއަދު ވިދާޅުވި ގޮތުގައި އެ ހުކުމާމެދު ހިތްހަމަނުޖެހޭތީ, ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމީ ކަމަށެވެ.

ހައިކޯޓުން ދިވެހި ދައުލަތް ތަމްސީލު ކުރުމާ ބެހޭ ހުކުމެއް އިއްޔެ ކުރީ އދ. ފެންފުށީން ބަންޑާރަ ބިމަކާ ގުޅޭ ގޮތުން އައްބާސް އަލީކަލޭގެފާނު ކިޔާ މީހަކު 1987 ވަނަ އަހަރު, ހުށަހެޅި ޝަކުވާއަކާ ގުޅޭ މައްސަލައެއްގަ އެވެ.

މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ދިވެހި ދައުލަތް ހިމަނައިގެންނެވެ. ނަމަވެސް, ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބޭ މުއައްސަސާތަކުން ކޯޓުގައި ތަމްސީލުކުރަނީ ސީދާ އެ މުއައްސަސާއަކުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތުމުން އދ. ފެންފުށީ ކައުންސިލަށް ޖަވާބުދާރީވާން އެންގި އެވެ.

އެކަމަކު, އެ ކައުންސިލުން ބުނީ މައްސަލާގައި ޖަވާބުދާރީވާނީ ދިވެހި ދައުލަތުގެ ހައިސިއްޔަތުން ބަންޑާރަ ނައިބު ކަމެވެ. އަދި, އެ ކައުންސިލަށް ހައިކޯޓުގައި ޖަވާބުދާރީވުމުގެ ފަންނީ އަދި ގާބިލްކަން ލިބިފައިނުވާ ކަމަށެވެ. ގާނޫނީ ވަކީލެއް, ލީގަލް އޮފިސަރެއް ވެސް ނެތެވެ.

އެހެންވެ, ހައިކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އެކަން އެންގުމުން އެ އޮފީހުން ހައިކޯޓުގައި ފެންފުށީ ކައުންސިލް ތަމްސީލުކޮށް ބަންޑާރަ ނައިބަށް ވަކާލާތު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

އެގޮތަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނާ ސަބަބަކީ, އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އަމިއްލަ ހައިސިއްޔަތު ލިބިފައި އޮތް ގާނޫނީ ޝަހުސިއްޔަތެއް ކަމެވެ.

މި ހިޔާލު ތަފާތުވުންތަކާއެކު, ހައިކޯޓުން މި މައްސަލާގައި އިއްވި ހުކުމްގައި ދައުލަތް ތަމްސީލުކުރާމެދު ވަނީ ގޮތް ކަނޑައަޅާފަ އެވެ;

އެގޮތުން, ހުކުމްގައި ބުނި ގޮތުގައި ގާނޫނުއަސާސީ ބަޔާންކުރާ ރާއްޖޭގެ ސަރަަހައްދުގެ ތެރޭ ހިމެނޭ ބިން މިލްކުވެގެން ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. ވީމާ, ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ އެވެ.

އަދި, ދައުލަތާ ގުޅުންހުރި ގާނޫނު އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭ ހިމެނޭ ކަމެއްކަން ފާހަގަކުރި އެވެ.

"ކައުންސިލްތަކަކީ ގާނޫނުން އުފައްދާ ވަކިވަކި ސަރުކާރުތަކެއް ނޫން, ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް," ހުކުމްގައިވެ އެވެ.

"އެހެންވެ ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮންނާނެތީ ދައުލަތުގެ މަސްލަހަތު ހިމެނޭ މި ބާވަތުގެ މައްސަލަތަކުގައި ގާނޫނީ ލަފާދިނުމާއި ދައުލަތް ތަމްސީލު ކުރުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭ ނުހިމަނައި ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން,"

އެކަންކަން އެހެން އޮތުމުން, މިފަދަ މައްސަލަތަކުގައި ބަންޑާރަ ނައިބުގެ އޮފީހުން އަތްފޮޅާލަން ދެއްކި ގާނޫނީ ތަރުޖަމާއަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ އަލީގައި ބަލާއިރު, ހައިކޯޓުން ބުނި ގޮތުގައި ރަނގަޅު ތަރުޖަމާއެއް ނޫން ކަމަށެވެ.

ހައިކޯޓުން ބުނި ގޮތުގައި, ދައުލަތުގެ އާންމު މަސްލަހަތު ހިމެނޭ މި ބާވަތުގެ މައްސަލަތަކުގައި ބަންޑާރަ ނައިބާއި ކައުންސިލްތަކާ ދެމެދު އޮންނަން ޖެހޭ އިދާރީ ގުޅުން ތަންޒީމުކުރުމަކީ އެ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަން ޖެހޭ ކަމެކެވެ.

އެހެންވެ, ހައިކޯޓުން މި މައްސަލާގެ އިސްތިއުނާފު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ވަކީލާއި ފެންފުށީ ކައުންސިލްގެ ހާޒިރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox