ގިނަ އަދަދެއްގެ ޑައިރެކްޓް ކޮންޓެކްޓުންނާއެކު އައްޑޫ ސިޓީގެ ކޮވިޑް ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 309 އަށް އަރާފައިވާކަން ރެޔާއި ހަމަޔަށް އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާންމުކުރި އެ ތަފާސްހިސާބުތައް ދައްކާގޮތުގައި އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކާއެކު ޖުމްލަ 664 އެކްޓިވް ޑައިރެކްޓް ކޮންޓެކްޓުންވެސް އެބަ ތިއްބެވެ. އިއްޔެ އެކަނިވެސް އެ ސިޓީއިން ދެ ރަށަކުން ވަނީ 13 ކޭސް ފެނިފަ އެވެ.
އިއްޔެ ފެނުނު 13 ކޭސްގެ ތެރެއިން ނުވަ ކޭސް ފެނުނީ ހިތަދޫއިންނެވެ. އަނެއް ހަތަރު ކޭސް ފެނުނީ މަރަދޫއިންނެވެ. އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާ ދެމުންދާ ހަތަރު މީހަކު މިވަގުތު އައްޑޫގައި އެބަ ތިއްބެވެ.
ކޭސްތައް ފެނިފައިވާ ރަށްތަކަށް ބަލާލާއިރު، 134 ކޭސްއާއެކު އެކްޓިވް ކޭސްތައް މިވަގުތު އެންމެ ގިނައީ މަރަދޫގަ އެވެ. ހިތަދޫގައި 95 އެކްޓިވް ކޭސް އަދި މީދޫން 32 ކޭސް ފެނިފައިވެ އެވެ. ފޭދޫގައި 27 އެކްޓިކް ކޭސް އަދި ހުޅުދޫ އާއި މަރަދޫފޭދޫގެ ތެރެއިން ކޮންމެ ރަށަކުން 10 ކޭސް ވަނީ ފެނިފަ އެވެ. އައްޑޫ ސިޓީގެ އެއާޕޯޓް އޮންނަ ގަމުންވެސް ވަނީ އެއް ކޭސް ފެނިފަ އެވެ.
މިފަހަރުގެ ކޭސްތަކާއެކު އެ ސިޓީއިން މިހާތަނަށް ޖުމްލަ 1،088 ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 776 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް ބައްޔަށް ޓެސްޓުކުރުމަށްޓަކައި 19،295 ސާމްޕަލް ވަނީ ނަގާފަ އެވެ. އެ ރަށުން ޖުމްލަ ތިން މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.













