ޒިއުރިކް (ސެޕްޓެމްބަރު 9) - ފީފާ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިިވެލޮޕްމަންޓް އާސެން ވެންގާ ހާއްސަ ސެޝަންތަކެއް ބާއްވައި ފީފާ ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބާއްވަން ހުށަހަޅާފައިވާ ޕްރޮޕޯސަލާ ބެހޭގޮތުން ފުޓްބޯޅަ ތަރިންނާއި ކޯޗުންނަށް މައުލޫމާތު ދޭން ސެޝަންތަކެއް ބާއްވަން ނިންމައިފި އެވެ.
ވެންގާ ވަނީ މީގެ ކުރިން ވެސް ވަނީ އެކި ފޯރަމްތަކުގައި ދެ އަހަރުން ވޯލްޑް ކަޕް ބާއްވާ ޕްރޮޕޯސަލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. މިދިޔަ މެއި މަހު ފީފާ ކޮންގްރެސްގެ ތެރެއިން ސައުދީ އަރަބިއްޔާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވާ ޕްރޮޕޯސަލް ހުށަހަޅައިފަ އެވެ.
މިހާރު ފީފާ އިން އަންނަނީ އެ ޕްރޮޕޯސަލް ދިރާސާ ކުރަމުންނެވެ. ފީފާގެ 211 މެމްބަރު ގައުމުތަކުގެ ތެރެއިން 166 ގައުމުން ވަނީ މި ޕްރޮޕޯސަލް ބަލައިގަންނަން ނިންމައިފަ އެވެ. މި އަހަރު ނިމުމުގެ ކުރިން މި ޕްރޮޕޯސަލަށް ވޯޓަށް އަހާނެ އެވެ. އަދި ވޯޓުން ފާސްވެއްޖެނަމަ ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ފަށާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ.
ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބާއްވަން ހުށަހަޅާފައިވާ ޕްރޮޕޯސަލަށް އެންމެ ތާއީދު ބޮޑީ އޭޝިއާ އިންނެވެ. އެކަމަކު، ޔުއެފާގެ ރައީސް އަލެކްސަންޑާ ޗެފެރިން ވިދާޅުވީ ދެ އަހަރުން ވޯލްޑް ކަޕް ބާއްވައިފިނަމަ މީގެ ގެއްލުން ޔޫރަޕްގެ ފުޓްބޯޅަ އަށް ވަރަށް ބޮޑުވާނެ ކަމަށެވެ.
"ދެ އަހަރުން ވޯލްޑް ކަޕް ބާއްވައިފިނަމަ އެ މުބާރާތުގެ ހައިބަތު ގެއްލިދާނެ،" ޗެފެރިން ވިދާޅުވި އެވެ.
ޔޫރަޕުން މި ޕްރޮޕޯސަލާ ދެކޮޅަށް ވާހަކަ ދައްކަން ފެށުމާ އެކު ފީފާ އިން ވަނީ އަންނަ ހަފްތާގައި ގަތަރުގައި ސެޝަންތަކެއް ބާއްވަން ނިންމައިފަ އެވެ. ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން ބައިވެރިވާ މި ސެމިނާގައި މި ޕްރޮޕޯސަލާ ބެހޭގޮތުން ވެންގާ މައުލޫމާތު ދޭނީ މީޑިއާގެ ވެސް ހާޒިރުގަ އެވެ.
މީގެ ކުރިން ފްރާންސްގެ ލެކިއުޕޭ ނޫހަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ ވޯލްޑް ކަޕް އެހާ ގާތްގާތުގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެކި ކޮލިފައިން ބުރުގެ މެޗުތައް މަދުކޮށް ވާދަވެރި މެޗުތައް ގިނަކުރުމުގެ ބޭނުމުގަ އެވެ. އަދި މީގެ ހުރިހާ ފަރާތްތަކެއް ވާހަކަ ދައްކައިގެން ރަނގަޅު ހައްލެއް ހޯދޭނެ ކަމަށް ވެންގާ ގަބޫލުކުރެ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕާ ގުޅޭ ކަންކަން ވިޔަސް ފީފާގެ މުޅި ޖުމްލަ ކަލަންޑަރު ވިޔަސް ބަދަލެއް ގެންނާނީ ހުރިހާ މެމްބަރުގެ ގައުމެއްގެ މެދުގައި މަޝްވަރާކޮށް މެޖޯރިޓީ އެދޭ ގޮތަށް ކަމަށެވެ.
"މިހާރު އޮތްގޮތުން ސަޕޯޓަރުންގެ ޝައުގުވެރިކަމެއް ނެތް ވަރަށް ބައިވަރު ބައިނަލްއަގުވާމީ މެޗުތަކެއް އެބަ ކުޅެން ޖެހޭ. މިއީ ހަގީގަތުގައި ޑިވެލޮޕްމަންޓްގެ މަސައްކަތުގައި ތިބި މީހުން ވިސްނަން ޖެހޭ ކަމެއް. އެހެންވެ މި ބަދަލަށް މި މަޝްވަރާކުރަނީ،" އިންފަންޓީނޯ ވިދާޅުވި އެވެ.
ޔުއެފާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ޕްރޮފެޝަނަލް ލީގުތަކުގެ ފަރާތުން ވަކާލާތުކުރާ ވޯލްޑް ލީގްސް ފޯރަމް އިން ވެސް ވަނީ ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން އުޅޭ ވިސްނުމާ ދެކޮޅު ކަމަށް ބުނެފަ އެވެ. އަދި ވޯލްޑް ކަޕް ބާއްވަން އެންމެ ރަނގަޅީ މިހާރު ވެސް ކުރިއަށްދާ ގޮތަށް ހަަތަރު އަހަރުން އެއް އަހަރު ކަމަށް ފޯރަމް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.












