އެޕާޓްމެންޓާއި ރޮލެކްސް ގަޑި: ބޯހޫރުވާލައި ނިހާން ކުރީ ދައުވާއަށް އިންކާރު

ނިހާން މީގެކުރީ އަޑުއެހުމެއްގައި: އޭނާ ވަނީ ހަ ދައުވާއަށް ވެސް އިންކާރު ކޮށްފައި

ނިހާން މީގެކުރީ އަޑުއެހުމެއްގައި: އޭނާ ވަނީ ހަ ދައުވާއަށް ވެސް އިންކާރު ކޮށްފައި

ރޮލެކްސް ގަޑި ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ދައުވާގައި ދައުލަތުން އިއްވުމާއެކު, އަހުމަދު ނިހާން ހުސެއިން މަނިކު, ބާރުބާރަށް ދެކޮޅަށް ބޯހޫރުވާލި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ވައްކަން ހިނގައި ދިޔައިރު, ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި, ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ނިހާންގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލާފަ އެވެ.

އެއީ, މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެކެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ދައުލަތުން ވަނީ މި ހަ ދައުވާ ވެސް ނިހާންގެ މައްޗަށް އިއްވާފަ އެވެ. އެގޮތުން, މީގެ ތެރެއިން ދެ ދައުވާއަކީ ނިހާން ހުޅުމާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ޕްލެޓިނަމްގެ ލަގްޒަރީ އެޕާޓްމެންޓާ ގުޅޭ ދެ ދައުވާއެކެވެ.

"އަދީބު ދިން ފައިސާއިން ގަތީ އެޕާޓްމެންޓެއް"

އެ ދައުވާގައި ބުނަނީ އެމްއެމްޕީއާރްސީގެ ތެރޭ އަމިއްލަ ކުންފުނިތަކާއެކު ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓްގެ މައްސަލަ މާލިއްޔަތު ކޮމިޓީގައި އެޖެންޑާ ނުކޮށް ނިހާން ބޭއްވި އެވެ. އެގޮތަށް ކަން ކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ހުރި އަހުމަދު އަދީބު އަންގައިގެންނެވެ.

އޭގެ ބަދަލުގައި ނިހާން ވަނީ އަދީބުގެ އަތުން އެއްލައްކަ ފަންސާސް ހާސް ޑޮލަރު ހޯދާފައި ކަމަށް ދައުވާގައި ވެ އެވެ. އެކަމާ ގުޅިގެން އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެ ފައިސާ, އެސްއޯއެފްގެ އެކައުންޓަކުން ޖަމާކޮށްފައިވަނީ ނިހާންގެ ބޭބެއެއް ކަމަށްވާ މުހައްމަދު އިނާން, ސިލޯން ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަދި, އޭގެފަހުން އެ އެކައުންޓުން ޖޭ ހޮޓެލްސްގެ ނަމުގައި ހަބީބު ބޭންކްގައި އޮތް އެކައުންޓަކަށް އެ ފައިސާ ފޮނުވުމަށްފަހު, ޕްލެޓިނަމް އެޕާޓްމެންޓަށް ފައިސާ ދެއްކުމުގެ ގޮތުން އެ އެކައުންޓުން އެއް މިލިއަން ނުވަލައްކަ ރުފިޔާ ނިހާން ހަރަދުކޮށްފައި ވެ އެވެ.

މިކަމާ ގުޅިގެން ނިހާންގެ އެ އަމަލަކީ ފައިސާގެ އަސްލު އޮޅުވާލައި, ކަޅު ފައިސާ ދޮވުން ކަމަށް ތުހުމަތުކޮށް ކޮށްފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ދެ ދައުވާ އިއްވުމުން ވެސް ނިހާން ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށެވެ. އޭގެ ތަފްސީލަށް ވަޑައިގެންނެވީ އޭނާގެ ވަކީލް ހުސްނީ މުބާރަކެވެ.

ހުސްނީ ވިދާޅުވި ގޮތުގައި, އެންމެ މެންބަރަކަށް މަޖިލީހުގައި ފާސް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އެހެންވެ, ނިހާނަށް އެކަނި ރިޝްވަތު ދީގެން މަޖިލީހުގައި އަދީބު ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި, މާލިއްޔަތު ކޮމިޓީއަކީ ތަހުގީގީ އިދާރާއެއް ނޫން ކަމާއި އެތަނުން ފިޔަވަޅެއް ނާޅައިގެން އަދީބަށް މަންފާއެއް ނުލިބި ނޯންނާނެ އެވެ.

އޭނާ ފާހަގަ ކުރައްވާ ނުކުތާއަކީ, އަދީބު ނިހާނަށް ރިޝްވަތު ދީފައިވާނަމަ, އޭގެން އަދީބަށް ލިބުނު ފައިސާއެއް ނުވަތަ މަންފާއެއް އޮންނަން ޖެހޭނެ ކަމެވެ. އެކަން ދައުވާއިން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ. އަދި, މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާއިރު, ޖޭ ހޮޓެލްސް ކުންފުނީގެ އެކައުންޓަށް އިނާންގެ އެކައުންޓުން ޖަމާކުރި ފައިސާ, އަދީބު ދިން ކަމަށް ބުނާ ފައިސާއާ ގުޅުވަނީ ކިހިނެއްތޯ ވެސް ސުވާލު އުފެއްދެވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ނިހާން ރިޝްވަތު ހިފި ކަމުގެ ދައުވާ ސާބިތު ކުރުމަށް އަދީބަށް މަންފާތަކެއްވިކަން ސާބިތުކޮށްދޭން ލާޒިމް ނޫން ކަމަށެވެ.

އަދި, މަނީ ލޯންޑްރިން މައްސަލަތަކުގައި މަސައްކަތް ކުރާނީ ފައިސާގެ އަސްލު އޮޅުވާލުމަށް ކަމަށާއި އެގޮތުން މި މައްސަލާގައި އަމަލުކޮށްފައިވަނީ އެގޮތުގެ މަތިން އެކި ލޭޔާރުތައް އެޅުމަށްފަހު ފައިސާއިން މަންފާ ހޯދުމަށް ކަމަށް ވަކީލް ވިދާޅުވި އެވެ. އެގޮތުން, އެ ފައިސާއިން އެންމެ ފަހުން މަންފާ ވެފައިވަނީ އެޕާޓްމެންޓެއް ގަނެ, ނިހާނަށް ކަމަށް ވަކީލް ވިދާޅުވި އެވެ.

ދެ ފަރާތުގެ ދެމެދު ހޫނު ބަހުސްތަކެއް ހިންގުމަށްފަހު, މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ދައުލަތަށް ދައުވާ ސާފުކޮށްދެވިއްޖެ ކަމަށެވެ. އެހެންވެ, ދައުވާއަށް ޖަވާބުދާރީވުމަށް އެންގުމުން ނިހާން ވިދާޅުވީ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާ ކަމަށެވެ.

މި ދެ ދައުވާއާ ގުޅިގެން ރިޝްވަތުގެ ފައިސާ ކަމަށް ތުހުމަތުވާ އެއްލައްކަ ފަންސާސް ހާސް ޑޮލަރާއި އެޕާޓްމެންޓް ނިހާންގެ އަތުން ނަގައިދިނުމަށް ދައުލަތުން އެދުނެވެ.

ރޮލެކްސް ގަޑި: ނިހާން ގާތަށް އައީ ހިނި

ނިހާންގެ މައްޗަށް ރިޝްވަތު ލިބިގަތުމަށް އެދުމާއި ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވަނީ އޭނާގެ މަޝްހޫރު ރޮލެކްސް ގަޑިއާ ގުޅޭ ގޮތުންނެވެ.

ރޮލެކްސް ގަޑީގެ ވާހަކަ ދައުލަތުގެ ވަކީލް ވިދާޅުވުމާއެކު, ނިހާން ގާތަށް ހިނި އައިސް, ދެކޮޅަށް ބާރަށް ބޯހޫރުވާލި އެވެ.

ދައުލަތުގެ ވަކީލް ހައްވާ ނާހީ މިއަދު އިއްވި އެ ދައުވާގައި ބުނާ ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ ވޯޓާ ދިމާކޮށް ރޮލެކްސް ގަޑިއެއް ބޭނުންވާ ކަމަށް އަދީބު ގާތު ނިހާން ބުނެފައިވާ ކަމަށެވެ.

އެހެންވެ, އެއީ ރިޝްވަތަށް އެދުން ކަމަށް ތުހުމަތުކޮށް ދައުވާކުރީ އެވެ. އަދީބު ގާތު ނިހާންގެ އެ އެދުމުގެ ވާހަކަ ހިއްސާކޮށްފައިވަނިކޮށް, ދައުވާގައިވާ ގޮތުން ނިހާނަށް ރޮލެކްސް ގަޑިއެއް ލިބުނެވެ. ރިޝްވަތު ހިފިކަމުގެ ދައުވާ ކޮށްފައިވަނީ ރޮލެކްސް ގަޑިއާ ނިހާން ހަވާލުވުމުންނެވެ. ދައުވާގައިވާ ގޮތުން އެ ގަޑި, ނިހާނަށް ދީފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކެވެ.

މިހާރު ނިޔާވެފައިވާ މުހައްމަދު މަނިކު ދިން ރޮލެކްސް ގަޑި އަޅުއްވައިގެން އޭރު ނިހާން އުޅުއްވި އެވެ.

މި ދެ ދައުވާ ވެސް ނިހާނަށް ސާފެއް ނޫނެވެ.

ނިހާންގެ ވަކީލް ހުސްނީ މުބާރަކު ފާހަގަ ކުރެއްވީ, އެއް ހާދިސާއަކާ ގުޅިގެން ދެ ދައުވާއެއް އުފުލާފައިވުމެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ދައުލަތުން އަމަލު ކުރާ ގޮތެއް ނޫނެވެ. މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ވައްކަމުގެ ކުށުގެ މިސާލެވެ.

"ވައްކަން ކުރީމަ ވައްކަން ކުރުމުގެ ދައުވާ އުފުލަނީ, ވައްކަން ކުރި ކަމުގެ ދައުވާ ވަކިން، ވައްކަން ކުރަން އުޅުނު ކަމުގެ ދައުވާއެއް ނުކުރޭ," އޭނާ ވިދާޅުވި އެވެ.

ނަމަވެސް, ވައްކަން ކުރި ކަމުގެ ދައުވާ ސާބިތު ނުވެ, އެކަން ކުރަން އުޅުން ސާބިތުވާ ހާލަތެއްގައި އެކަމަށް އަދަބު ކަނޑައެޅިދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ, ރޮލެކްސް ގަޑިއާ ގުޅިގެން ރިޝްވަތަށް އެދުމުގެ ދައުވާ ވަކިން އަދި ރިޝްވަތު ހިފުމުގެ ދައުވާ ވަކިން ކުރުމުގެ އުސޫލު ގޯސްކަމަށް ހުސްނީ ފާހަގަ ކުރެއްވި އެވެ.

އެކަމަށް ރައްދު ދެއްވައި, ދައުލަތުގެ ވަކީލް ވިދާޅުވީ ރިޝްވަތަށް އެދޭ ކޮންމެ ފަހަރަކު ރިޝްވަތު ނުލިބިދާނެ ކަމަށެވެ. އަދި, ރިޝްވަތުގައި ހިފާ ކޮންމެ ފަހަރަކު ރިޝްވަތަށް އެދިފައި ނޯވެދާނެ ކަމަށެވެ. އެހެންކަމުން މިއީ ދެ ކުށެއް ކަމަށް ވިދާޅުވެ, ދައުލަތުން ދައުވާ އުފުލާފައިވާ ގޮތް ވަކީލް ދިފާއު ކުރެއްވި އެވެ.

މިކަމާ ގުޅޭ ގޮތުން ވެސް ދެ ފަރާތުގެ ދިގު ބަހުސްތަކެއް ކުރިއަށް ދިޔަ އެވެ. އެންމެފަހުން ގާޒީ އަލީ އާދަމް ކަނޑައެޅުއްވީ ދައުލަތަށް އެކަށީގެންވާ މިންވަރަށް ދައުވާ ސާފުކޮށްދެވިފައިވާ ކަމަށެވެ. އެހެންވެ, ދައުވާއަށް ޖަވާބުދާރީވުމަށް ނިހާނަށް އެންގި އެވެ.

ރޮލެކްސް ގަޑީގެ ދެ ދައުވާއަށް ވެސް ނިހާން ކަނޑައެޅިގެން އިންކާރުކުރި އެވެ.

ނިހާންގެ ވަކީލް ހުސްނީ ވިދާޅުވި ގޮތުގައި, ނިހާނަށް ރޮލެކްސް ގަޑި ދިން މުހައްމަދު މަނިކު ނިޔާވެފައިވުމުން އެކަމުގައި ނިހާންގެ މައުސޫމްކަން ބުނެދެވެން ނެތެވެ. އަދި, މުހައްމަދު މަނިކަކީ ބޮޑު ވިޔަފާރިވެރިއަކަށްވާއިރު, އަދީބު އަންގާ ގޮތަށް ކަންކަން އޭނާ ކުރަން ޖެހޭ ސަބަބެއް ނެތެވެ. އޭނާ ފާހަގަ ކުރައްވާ ނުކުތާއަކީ އަދީބު ބުނެގެން ނިހާނަށް މުހައްމަދު މަނިކު, ރޮލެކްސް ގަޑިއެއް ދޭން ޖެހޭ ހާލަތެއް ނެތް ކަމެވެ.

ދައުލަތުން ވަނީ ރޮލެކްސް ގަޑި ދައުލަތަށް ނެގުމަށް އެދިފަ އެވެ.

އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާ

ފަހު ދެ ދައުވާ ކަމަށްވާ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ނިހާންގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާއާ ގުޅޭ ގޮތުންނެވެ.

ދައުލަތުގެ ވަކީލް ނާހީ އިއްވި ދައުވާގައިވާ ގޮތުން މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ރިޝްވަތުގެ ގޮތުގައި ނިހާން ވަނީ އަދީބުގެ ކިބައިން ހަ ލައްކަ ރުފިޔާ ހޯދުމަށް އެދިފަ އެވެ. އަދި އެގޮތުގެ މަތިން އަދީބުގެ ފަރާތުން ނިހާނަށް ލިބުނު ހަ ލައްކަ ރުފިޔާއާ އޭނާ ވަނީ ދައުވާގައި ތުހުމަތު ކުރާ ގޮތުގައި, ހަވާލުވެފަ އެވެ.

ހަ ލައްކަ ރުފިޔާ ނިހާންގެ އަތުން ދައުލަތަށް ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައި ވެ އެވެ.

މި ދެ ދައުވާ ވެސް ސާފު ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ. ތަފްސީލު ދެއްވީ ހުސްނީ މުބާރަކެވެ.

ހުސްނީ ވިދާޅުވި ގޮތުގައި, ހަ ލައްކަ ރުފިޔާ ނެގީ ކޮން ކަމެއް ކުރުމަށް ކަމެއް ދައުވާއިން ސާފެއް ނުވެ އެވެ. ރިޝްވަތު ނަގަން ޖެހުނީ ކޮން ވޯޓަކާ ނުވަތަ ކޮން މަސައްކަތަކާ ގުޅިގެން ކަމެއް ނޭނގި ދައުވާއަށް ޖަވާބުދާރީނުވެވޭނެ އެވެ.

"މިސާލަކަށް ވަކި ކަމެއް ބުނީމަ އެނގޭނީ އާނ, އެކަމަށް ހަ ލައްކަ ރުފިޔާ ނެގީމޭ ވެސް ބުނަން," ހުސްނީ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ މި ދެ ދައުވާއާ ގުޅިގެން ވަކި ކަމެއް ދައުވާގައި ފާހަގަކޮށްފައިނުވަނީ އެ ފައިސާއަކީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ނިހާން ނަގާފައިވާ ފައިސާތަކެއްކަން އެނގޭ މިންވަރަށް ހެކި ލިބިފައިވާތީ އެވެ.

ނަމަވެސް, އެ ޖަވާބާމެދު ހުސްނީ ހިތްހަމައެއް ނުޖެހެ އެވެ. ޖަވާބުދާރީވެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވަމުން ވެސް, ގާޒީ ދައުވާ ސާފުކޮށް ދެވިއްޖެ ކަމަށް ކަނޑައަޅާފައި އޮތުމުން ދައުވާ ސާފު ކަމަށް ވިދާޅުވި އެވެ. އަދި ނިހާންގެ ފަރާތުން ދައުވާއަށް އިންކާރު ކުރެއްވި އެވެ.

ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި, މި މަރުހަލާއަކީ ދައުވާގައި ލިޔެފައިވާ އެއްޗެއް ސާފުތޯ ބެލުމުގެ މަރުހަލާ އެވެ. ދައުވާގައި ކަމެއް އުނި ނަމަ, ނޫނީ ގާނޫނާ ހިލާފު ކަންތައްތަކެއް ހުރި ނަމަ, އެކަންކަން ހުށަހެޅުމުގެ ފުރުސަތު ކުރިއަށް ހުރި މަރުހަލާތަކުގައި ލިބިގެންދާނެކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

މި މައްސަލާގައި ދެން އޮންނާނީ ދެ ފަރާތުން ވެސް ހެކި ހުށަހެޅުމެވެ. މިއަދު ހެނދުނު ފެށި އަޑުއެހުން މެންދަރުވީ ފަހުން ނިންމާލައްވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތަށް ވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox