ޒިޔާދު މައްސަލާގައި ހެއްކެއް ހެކިބަސް ދޭން ދެކޮޅު ހަދައިފި

ކުރީގެ މިނިސްޓަރު ޒިޔާދު: އޭނާއާ ދެކޮޅު ހެކިވެރިޔަކު ހެކިބަސް ދޭން ވަނީ ދެކޮޅު ހަދާފައި

ކުރީގެ މިނިސްޓަރު ޒިޔާދު: އޭނާއާ ދެކޮޅު ހެކިވެރިޔަކު ހެކިބަސް ދޭން ވަނީ ދެކޮޅު ހަދާފައި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ހިމެނޭ މީހަކު ހެކިބަސް ދޭން ދެކޮޅު ހަދައި, ކޯޓަށް ހާޒިރު ނުވާން ނިންމައިފި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ. އެގޮތުން ޕްރޮޕޯސަލްގައި ސަރުކާރަށް ހަތަރު ފްލޯ ނަގާ ގޮތަށް އޮތް ނަމަވެސް, އެއްބަސްވުމުގައި އޮތީ ސަރުކާރަށް އެންމެ ތިން ފަންގިފިލާ ލިބޭ ގޮތަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވެ އެވެ. އެހެން ނަމަވެސް، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައި ނުވާ ކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ދައުލަތުން ޒިޔާދުގެ މައްޗަށް ތުހުމަތު ކުރެ އެވެ.

Advertisement

މި މައްސަލާގައި މިއަދު ވަނީ ޝަރީއަތުގެ މަރުހަލާ ފެށުމަށް ދެ ފަރާތުން ވެސް އިބްތިދާއީ ބަޔާން އިއްވާފަ އެވެ. އެއަށްފަހު ހެކިންގެ ހެކި ބަސް ނެގުމުގެ އަޑުއެހުން ކުރިއަށް ގެންދިޔަ އެވެ. މިއަދު މެންދުރުފަހު ފެށި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ނެގި އެވެ.

އެއީ, ޒިޔާދުގެ ސޮއި ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރާއި އޭރު އިސްލާމިކް މިނިސްޓްރީގެ ވަޒީފާގައި އުޅުނު ދެ މުވައްޒަފެކެވެ. މި ތިން މީހުންނާ ވެސް މިއަދުގެ މަޖިލީހުގައި ދެ ފަރާތުން ސުވާލުކޮށްފައިވެ އެވެ.

ދައުލަތުން މައްސަލާގައި ޖުމްލަ ޝަފަވީ ހަތަރު ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރެއިން ތިން މީހުންގެ ހެކިބަސް ނެގުނުއިރު ހަތަރު ވަނަ ހެކިވެރިޔާ ވަނީ ކޯޓަށް އައުމަށް ދެކޮޅު ހަދާފަ އެވެ. އެއީ, އިސްލާމިކް މިނިސްޓްރީގެ މުވައްޒަފެކެވެ.

ކުރިމިނަލް ކޯޓުން މިއަދު އޭނާ ހާޒިރުވުމަށް އަންގައި ޗިޓް ވެސް ފޮނުވި އެވެ. ނަމަވެސް, މައްސަލާގައި ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ އޭނާ ކޯޓަށް ސިޓީއެއް ފޮނުވި އެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވަނީ އެ ހެކިވެރިޔާ ކޯޓުން އަމުރުކޮށްގެން ނަމަވެސް, ހާޒިރުކޮށްދޭން އެދިފަ އެވެ. މައްސަލާގައި ދިފާއީ ހެކިންގެ ހެކިބަސް ނެގޭނީ އެ ހެކިވެރިޔާގެ ހެކިބަހަށްފަހު ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި, އެ ހެކިވެރިޔާއަކީ ތަހުގީގަށް އޭސީސީއަށް ބަޔާން ވެސް ދީފައިވާ މީހެކެވެ. އެހެންވެ, މައްސަލާގައި ދައުލަތުން އެދުމުން ހެކިބަސް ދިނުމަކީ އޭނާގެ މައްޗަށް އައިނިއްޔަ ފަރުޟެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވި ގޮތުގައި, ހެކިން ހެކިބަސް ދިނުމުގެ އިހްތިޔާރާ ގުޅޭ ގޮތުން އެއްވެސް ގާނޫނެއްގައި ކަމެއް ބަޔާންކޮށްފައިނުވާ ހާލަތުގައި ބަލަން ޖެހޭނީ އިސްލާމީ ޝަރީއަތަށް ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ހެކިވެރިޔާގެ ހެކި ބަހަކީ އޭނާ އަމިއްލަ ގޮތުން ދޭ ހެކިބަހެއް ނޫން ކަމާއި އެއީ އޭނާގެ ވަޒީފާގެ ގޮތުން ރަސްމީ ހައިސިއްޔަތެއް އޮވެގެން ދޭން ޖެހޭ ހެކިބަހެއްކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅިގެން ޒިޔާދުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ހެކިވެރިޔާ ގަދަކަމުން ހާޒިރުކޮށްގެން ހެކިބަސް ނަގާ ނަމަ, އެއީ އޭނާ އަމިއްލަ އިހްތިޔާރުގައި ދޭ ހެކިބަހެއް ކަމާމެދު ސުވާލު އުފެދިދާނެ ކަމަށެވެ. އަދި, ހެކިވެރިޔާ ބަންދުކޮށްގެން ހާޒިރު ކުރެވިދާނެ ކަމަށް ގާނޫނުގައި ނެތް ކަމާއި އޭނާއަށް އަމިއްލައަށް ހާޒިރުވާން ފުރުސަތު ދިނުމަކީ އެދޭ ގޮތް ކަމަށް ވަކީލު ވިދާޅުވި އެވެ.

ނަމަވެސް, ނޫރުއްސަލާމް ބޮޑަށް އިއުތިރާޒު ކުރައްވަމުން ގެންދެވީ, އެ ހެކިވެރިޔާގެ ހެކިބަސް ނުނެގިގެން ދިފާއީ ހެކިންގެ ހެކިބަސް ނެގުން ފަސްކުރުމާމެދު އެވެ. އޭނާ ވިދާޅުވި ގޮތުގައި, އެއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމާއި ދިފާއީ ހެކިންގެ ހެކިބަސް މިއަދު ވެސް ނުނެގެންވީ ސަބަބެއް ނެތް ކަމަށެވެ.

ދިފާއީ ހެކިން ވެސް މިއަދު ކޯޓަށް ހާޒިރުވެ ތިއްބެވެ. އަދި, ހެކިބަސް ދޭން ދެކޮޅު ހަދާފައިވާ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކީ ޒިޔާދުގެ ފަރާތުން ވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހެކެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު, މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ދައުލަތާ ސުވާލުތައް އަމާޒު ކުރެއްވި އެވެ. އެގޮތުން, ދައުލަތުން ބޭނުން ވަނީ ހެކިވެރިޔާ ބަންދުކޮށްގެން ގެނެސް ހެކިބަސް ނަގަންތޯ, އެހެންވެއްޖެނަމަ އެއީ އޭނާއަށް މަޖުބޫރުކޮށްގެން ނަގާ ހެކިބަހަށް ނުވާނެތޯ ގާޒީ އެއްސެވި އެވެ.

ޖަވާބުގައި ދައުލަތުން ވިދާޅުވި ގޮތުގައި, ކޯޓުން ޗިޓް ފޮނުވުމުން އެއަށް ތަބާވުމަކީ މަޖުބޫރުކަމެކެވެ. ވަކީލް ފާހަގަ ކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ސުޕްރީމް ކޯޓުން ޗިޓް ފޮނުވުން ހާޒިރުނުވުމުން އޭނާއާމެދު ވެސް މަތީ ކޯޓުން ފިޔަވަޅު އެޅި ކަމެވެ. އަދި, އެ މައްސަލާގައި އަލީ ވަހީދަށް އިއްވި ހުކުމްގައި, ކޯޓުތަކުން ކުޑަކަކޫ ޖަހާތަން ފެނިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

އެއަށްފަހު ގާޒީ ވަނީ އެކަމާ މެދު ގޮތެއް ނިންމުމަށް އަޑުއެހުން މެދުކަނޑާލައްވާފަ އެވެ.

އަޑުއެހުން އަލުން ފެށުމަށްފަހު, ގާޒީ މިސްބާހު ވިދާޅުވީ ހެކިވެރިޔާއަށް ކޯޓަށް ހާޒިރުވާން އަންގައި އަނެއްކާވެސް ޗިޓް ފޮނުވައި އޭނާއަށް އަމިއްލަ އިހްތިޔާރުގައި ކޯޓަށް ހާޒިރުވާން ފުރުސަތު ދެއްވާނެ ކަމަށެވެ. އެއަށްފަހު ބަންދުކޮށްގެން ހާޒިރުކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދި, ދިފާއީ ހެކިންގެ ހެކިބަސް އެ ހެކިވެރިޔާގެ ހެކިބަހަށްފަހު ނެގުމަށް ނިންމައި, މިއަދުގެ އަޑުއެހުން ނިންމާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox