އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއް ކަމަށް ބުނުމާއި އެެހެން މީހެއްގެ އަގީދާއާ ގުޅިވައިގެން ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމަކީ ކުށެއް ކަމަށް ބަޔާންކޮށް ސަރުކާރުން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލުގަ ހިމަނާނެ މާއްދާތަކާމެދު ބަންޑާރަ ނައިބުގެ އޮފީހާއި އިސްލާމިން މިނިސްޓްރީ އެއްބަސްވެއްޖެ އެވެ.
މުސްލިމަކު ކާފަރު ކުރުމަކީ ކުށެއް ކަމަށް ބަޔާންކޮށް ސަރުކާރުން ބިލެއް ހުށަހެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަލް-ގައިދާއާ ގުޅުން އޮންނަ ބަޔަކު ޓެރަރިސްޓު ހަމަލާއެއް މެއި 6، ގައި ދިނުމުން އެއަށްފަހު އެވެ.
ނަފްރަތުގެ ބިލާއެކު ސަރުކާރަށް ޕްރެޝަރުތަކެއް ކުރިމަތިވެފައި އޮއްވާ އިސްލާހު ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ބިލަށް އިސްލާހު އިސްލާހުތަކެއް ގެނެސްފަ އެވެ. އެއާއެކު އެ އިސްލާހުތަކާމެދު މަޝްވަރާ ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވި އެވެ.
އެ އޮފީހުން މިއަދު ނެރުނު ކުރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޖުޑިޝަރީ ކޮމެޓީގެ ފަރާތުން ބިލަށް ގެނައި އިސްލާހުތައް "އިތުރަށް ފުރިހަމަ ކުރުމަށްޓަކައި" އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށް ދެ އޮފީހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.
"ބިލަށް ކޮމިޓީން ގެންނަވާފައިވާ އިސްލާހުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިސްލާހުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ އެއްކޮށް ވަނީ މަޝްވަރާކުރެވިފަ. އަދި މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނު އިސްލާހުތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ހިއްސާ ކުރެވިފަ،" އެ ބަޔާނުގައިވެ އެވެ.

ނަފްރަތުގެ ބިލަށް ޖުޑިޝަރީ ކޮމެޓީން އިސްލާހުތަކެއް ގެނައީ އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު ހޯދުމަށްފަހު އެވެ. އަދި ވަރަށް ގިނަ އާންމުންގެ ފަރާތުން ވެސް ވަނީ ނަފްރަތުގެ ބިލު އިސްލާހު ކުރެވިދާނެ ހިޔާލު ހުށަހަޅައިފަ އެވެ.












