ރާއްޖޭގައި އެންމެ އާންމު ލޮލުގެ ބަލިތަކުގެ ތެރޭގައި ކެޓަރެކްޓް މައްސަލަތައް ގިނަ އެވެ. އަދި ކެޓަރެކްޓް އުފެދުމުގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކުރަން ކުރާ ސާޖަރީއަކީ ލޮލުގެ ފަރުވާއަށް އެންމެ ގިނައިން ކުރާ ސާޖަރީ އެވެ. މި ސާޖަރީއަކީ ކިތަންމެ އާންމު އަދި ރައްކާތެރި ސާޖަރީއެއް ނަމަވެސް، ލޮލާ ގުޅޭތީ ގިނަ ބަޔަކު މި ފަރުވާއަށް ޖެހިލުންވެ އެވެ.
ކެޓަރެކްޓްކީ ކޮބާ؟
ކެޓަރެކްޓު ނިސްބަތްކުރެވެނީ ލޮލުގެ ލެންސު މައްޗަށް ފުސްއެރުމަށެވެ. މި ބައްޔަށް ދިވެހިން ކިޔަނީ ލޮލަށް ފުސްއެރުމެވެ. މިއީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންގެ ދިމާވާ ބައްޔެކެވެ. އެކަމަކު ވާރުތަވާ ބައެއް ކަހަލަ ސިއްހީ މައްސަލަތަކުގައި ސަބަބުންނާއި ހަކުރު ބައްޔާއި އެހެން ލޮލުގެ މައްސަލަތައް ހުރުމުގެ ސަބަބުން ވެސް ކެޓަރެކްޓް މައްސަލަ ދިމާވެދާނެ އެވެ.
ކެޓަރެކްޓް އުފެދުމުގެ ސަބަބަން ލޮލުގެ ފެނުން ފުސްވެ، ފަނޑުވެ އެވެ. އަދި ފޮތްކިޔުމާއި، އުޅަނދު ދުއްވުން ފަދަ އާންމު ދިރިއުޅުމުގައި ކުރާ ބައެއް ކަންކަން ކުރަން އުނދަގޫ ވުން އެކަށީގެންވެ އެވެ. އަދި ރޭގަނޑު ފެނުން ދަށްވުމާއި މާއަލިވުމުން ލޮލަށް އުނދަގޫވުން ފަދަ ކަންކަން ދިމާވެދާނެ އެވެ.
މިއީ މަޑުމަޑުން ދިމާވާ މައްސަލައެކެވެ. އަދި އާންމުކޮށް ލޮލަށް ފުސްވަނީ މަޑުމަޑުންނެވެ. އެކަމަކު ގިނަ ދުވަސްވާ ވަރަކަށް ލޮލުގެ ފެނުމަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުވެ އެވެ.

އައިކެއާއިން ވިއްކާ އައިނު ފްރޭމްތަކެއް: އާންމުކޮށް ކެޓަރެކްޓް މައްސަލަ ދިމާވުމުން ފުރަތަމަ ދޭ ފަރުވާއަކީ ނަމްބަރު އަައިނެއް އެޅުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ކެޓަރެކްޓުގެ ވައްތަރުތަކަކީ ކޮބާ؟
ލެންސް އެކުލެވިގެންވަނީ ފަށަލަތަކަކަށް ކަމުން، އެކި މީހުންނަށް މި މައްސަލަ ދިމާވަނީ އެކި ފަށަލަތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ
• ނިއުކްލިއާ ކެޓަރެކްޓް: ލެންސުގެ މެދަށް ފުސްވުން.
• ކޯޓިކަލް ކެޓަރެކްޓް: ލެންސުގެ ކައިރިފަށަށް ފުސްއެރުން.
• ޕޯސްޓީރިއާ ސަބްސްކެޕިޔުލާ ކެޓަރެކްޓް: ލެންސުގެ ފަހަތަށް ނުވަތަ ފުރަގަހަށް ފުސްއެރުން
• ކޮންޖެނިޓަލް ކެޓަރެކްޓް: އުފަންވާއިރު ލޮލަށް ފުސްވެފައި ހުރުން
ކެޓަރެކްޓް ރަނގަޅުކުރަނީ ކިހިނެއް؟
ލޮލުގެ ފަރުވާގައި ފުންނާބު އުސް އައިކެއާގެ ސީނިއާ އޮޕްތަމޮލޮޖިސްޓް ޑރ. އަރުޖުން މައްލާ ބާރީ "އަދަދު" އަށް ވިދާޅުވީ، ކެޓަރެކްޓް ހުރިތޯ ދެނެގަންނަން އާންމުކޮށް ބޭނުންކުރަނީ ރެޓިނަލް އެގްޒޭމެއް ކަމަށެވެ. އޭގެ އިތުރުން ސްލިޓް ލޭމްޕް އެގްޒެމިނޭޝަނާއި ވިޝުއަލް އެކުއިޓީ ޓެސްޓު ވެސް ހަދާ ކަމަށް ވިދާޅުވި އެވެ.
މި ޓެސްޓުތަކުގެ ނަތީޖާއިން ކެޓަރެކްޓެއް އުފެދިފައިވާކަން ދެނެގަނެވިއްޖެ ނަމަ ފުރަތަމަ އަޅަނީ ނަމްބަރު އައިނެކެވެ. ކެޓަރެކްޓް ސާޖަރީއާ ހަމައަށް ދަނީ އައިނު އަޅައިގެން ވެސް ލޮލުގެ ފެނުން ރަނގަޅު ނުވާނަމަ ކަމަށް އަރުޖުން ވިދާޅުވި އެވެ. މި ސާޖަރީއަށް އާންމުކޮށް ދިވެހިން ކިޔާއުޅެނީ ލޮލުގެ ފުސްކަހާލުމެވެ.
މި ސާޖަރީ ހަދާއިރު، ކެޓަރެކްޓް އުފެދިފައިވާ ލެންސު ނެގުމަށްފަހު އާޓިފިޝަލް ލެންސެއް ލައްވާނެ އެވެ. އަދި މި ލެންސް ލޮލުގެ ދާއިމީ ބަޔަކަށް ވެގެންދާނެ އެވެ. އަރުޖުން ވިދާޅުވީ، މިހާރު އާންމުކޮށް މި ސާޖަރީ ހަދަނީ އަލްޓްރާސައުންޑުގެ ޒަރިއްޔާއިން ކުރާ ފަކޮއިމަލްސިފިކޭޝަން ނޫނީ ލޮލުން ކުޑަތަންކޮޅެއް ކަފާލައިގެން ހަދާ އެކްސްޓްރާކެޕްސިއުލާ ކެޓަރެކްޓް އެކްސްޓްރެޝަން ބޭނުންކޮށްގެން ކަމަށެވެ. އަދި މި ދެ ގޮތަކީ ވެސް ރައްކާތެރި އޮޕަރޭޝަންތަކެއް ކަމަށް ވިދާޅުވި އެވެ.
ކެޓަރެކްޓް ސާޖަރީއަށް ފަހު ސަމާލުވާންވީ ކޮން ކަމަކަށް؟
މިއީ އާންމުކޮށް ރައްކާތެރި ސާޖަރީއެއް ނަމަވެސް ބައެއް ފަހަރު ސާޖަރީގެ ފަހުން މައްސަލަތައް ދިމާވެ އެވެ. ނަމަވެސް އިންފެކްޝަން ހެދުމާއި، ލޭފޭބުން ފަދަ ކަންކަން ދިމާވެދާނެ އެވެ. އެކަމަކު އާންމުކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވެ އެވެ.

އައިކެއާގެ ސީނިއާ އޮޕްތަމޮލޮޖިސްޓް ޑރ. އަރުޖުން މައްލާ ބާރީ: ރާއްޖޭގައި އެންމެ އާންމު ލޮލުގެ ބައްޔަކީ ކެޓަރެކްޓް ބަލި ކަމަށް ފާހަގަކުރައްވާ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
މި ސާޖަރީއަށް ފަހު ސަމާލުވާންވީ ކަންކަމަކީ ބަރާބަރަށް ބޭސްތައް ބޭނުންކުރުމާއި ގަޑިންގަޑިއަށް އައި ޑްރޮޕްސް އެޅުމެެވެ. އަދި ލޮލަށް ބޭސް އަޅާއިރު ދެ ތިކި ޖަހަން ޖެހޭ ނަމަ، ދެ މިނިޓެއް ވަރު މަޑުކޮށްލާފައި ދެވަނަ ތިކި ޖެހުން ފަދަ ކަންކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެޓަރެކްޓް ބަލިން ރައްކާތެރިވާން ކުރެވޭނީ ކޮން ކަމެއް؟
މި ބައްޔަކީ ވިރާސީ ކަންކަމުގެ ސަބަބުންނާއި އުމުރުން ދުވަސްވުމުން ދިމާވާ ކަމެއްކަމުން ސީދާ ރައްކާތެރިވާން ކުރެވިދާނެ ކަންކަން ހޯދިފައެއް ނުވެ އެވެ. ނަމަވެސް ކެޓަރެކްޓުގެ ފުރުސަތު ކުޑަކުރުމަށާއި، ފެތުރުން ކުޑަކުރަން ބައެއް ކަންތައްތައް ކުރެވިދާނެ އެވެ.
އޭގެ ތެރޭގައި ސިއްހީ މައްސަލަތައް ހުންނަނަމަ ފަރުވާތެރިވުމާއި، ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި، އަވިއައިނު އެޅުމުގެ އިތުރުން ގަވާއިދުން ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަން ހިމެނެ އެވެ. އޭރުން ބަލިން އެއްކޮށް ރައްކާތެރި ނުކުރެވުނު ނަމަވެސް، ލޮލުގެ ފުސްކަން ކުޑަކުރަން ފުރުސަތު ލިބޭނެ އެވެ.










