ސަރުކާރުން މި އަހަރު ވިއްކާފައިވާ ސުކޫކުގެ މައްޗަށް އިތުރު 200 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވިއްކައިފި އެވެ.
މި އަހަރަށް ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފުރަތަމަ ވިއްކާފައިވަނީ 200 މިލިއަން ޑޮލަރުގެ ސުކޫކެވެ.
އެ ސުކޫކު ވިއްކުމަށް އިސްލާމިކް ފިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ހަދައި، އޭގެ ދަށަށް ދަރުމަވަންތަ ހޮސްޕިޓަލު ބަދަލުކުރި އެވެ.
އެއީ އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭތީ އެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެ ސުކޫކުގެ ޓާމްސްއާ އެއްގޮތަށް "ޓެޕް" އިޝޫ އެއްގެ ގޮތުގައި އިތުރު 100 މިލިއަން ޑޮލަރު ސުކޫކެއް ވިއްކި އެވެ.

އެ ސުކޫކުން ލިބުނު ފައިސާ ބޭނުންކޮށްފައިވަނީ ކުރީގެ ސަރުކާރުގައި ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު އަންނަ އަހަރު މެޗުއާވާތީ، އެ ބޮންޑު އަދާ ކުރުމަށެވެ.
އެގޮތުން، ސުކޫކު ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން އެ ބޮންޑުގެ ބޮޑު ބައެއް ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ.
އެ މިނިސްޓްރީން ބުނީ އޭޕްރީލް މަހުގެ ތެރޭގައި ވިއްކި 300 މިލިއަން ޑޮލަރުގެ މައްޗަށް އިތުރު 200 މިލިއަން ޑޮލަރުގެ ސުކޫކެއް މިދިޔަ ބުރާސްފަތި ދުވަހު އިޝޫކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ވިއްކި ސުކޫކުގެ މައްޗަށް ޓެޕް އިޝޫއެއްގެ ގޮތަށް އެ 200 މިލިއަން ޑޮލަރު ވިއްކާފައިވަނީ ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް 9.875 ކޫޕަން ނުވަތަ އިންޓަރެސްޓް ރޭޓުގަ އެވެ.
އެއާއެކު މި އަހަރުގެ މިހާތަނަށް ބޭރުގެ އެކި ފަރާތްތަކަށް ވިއްކި ސުކޫކުގެ އަގު ވަނީ ބައި ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފަ އެވެ.
ފިނޭންސުން ބުނީ ތިން ފަހަރު މަތިން އޯވާ ސަބްސްކްރައިބު ކުރި އެ އިޝޫއަށް ވަރަށް ތަރުހީބު ބޮޑު ކަމަށާއި، އެ ސުކޫކަށް ޔޫރަޕު، އެމެރިކާ، އޭޝިއާ އަދި މެދު އިރުމަތީގެ ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބުނު ކަމަށެވެ.
"މާކެޓުގައި އެފަދަ ބޮޑު ތަރުހީބެއް ލިބިގެންދިޔުމަކީ، މި ފަހުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ރާއްޖޭގެ އިގުތިސޯދު ރަނގަޅު މިސްރާބަށްދާ ކަމުގެ ސާފު ހެއްކެއް،" ފިނޭންސުން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މިއަހަރުގެ ތެރޭގައި 22.7 ޕަސަންޓު ކުރިއަރައި، 2023 ވަނަ އަހަރުގެ ކުރީކޮޅު، އިގުތިސޯދު ކޮވިޑުގެ ކުރިން އޮތް ހާލަތަށް އަނބުރާ ދާނެ ކަމަށެވެ.
އަދި މި ކާމިޔާބީއާއެކު ރާއްޖޭގެ އިގުތިސޯދު ކުރިއަރުވައި ތަރައްގީއަށް ބައިނަލްއަގުވާމީ އިންވެސްޓަރުން އެއްބާރުލުން ދޭން ތައްޔާރަށް ތިބިކަން ހާމަވެގެން ގޮސްފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބައިނަލްއަގުވާމީ މާކެޓުގެ އިތުރުން، މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮމެސްޓިކް މާކެޓުގައި ވެސް ސަރުކާރުން ވަނީ އިސްލާމިކް ބޮންޑެއް ވިއްކައިފަ އެވެ.
ދައުލަތުގެ ދަރަންޏާ ގުޅިގެން ރާއްޖޭގެ މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި، ދައުލަތުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 103 ޕަސެންޓުގަ އެވެ.
އަދި މިހާރު ގައުމީ އުފެއްދުންތެރިކަން އިތުރުވާ ދުވެލީގައި މި އަހަރު ނިމުމުގެ ކުރިން މި އިންސައްތަ އިތުރަށް ދަށް ވާނެ ކަމަށް އެ އިދާރާއިން އަންދާޒާ ކުރެ އެވެ.
އެއާއެކު ކޮވިޑާ ގުޅިގެން ހަރަދުތައް ފޫބައްދަން ނަގާފައިވާ ދަރަނީގެ މައްސަލަ އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް ލަފާކޮށް މޫޑީސްއިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.
ރާއްޖޭގެ ދަރަނީގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މޫޑީސްއިން އެކަންޏެއް ނޫނެވެ. ރޭޓިން އެޖެންސީތަކުގެ އިތުރުން ވާލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ވަނީ ރާއްޖޭގެ ދަރަނީގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރަން އަންގާފަ އެވެ. އަދި ރާއްޖޭގެ އިގުތިސޯދީ މުސްތަގުބަލަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ދަރަނީގެ މައްސަލަ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފާހަގަކުރެ އެވެ.
ނަމަވެސް، ރާއްޖޭން ނަގާފައިވާ ދަރަނި އަދާ ނުކުރެވޭނެ ފަދަ ހާލަތެއް އަދި ކުރިމަތި ނުވާ ކަމަށާއި އެއްވެސް ލޯނެއް ޑީފޯލްޓް ނުވާނެ ކަމަށް ބުނެ، މޫޑީސްގެ ރޭޓިން ބަލައިގަންނަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.













