ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ މެމްބަރު ގައުމެއްގެ ގޮތުގައި ދެމި އޮވެ، އިންޑިއާ އިން އަންނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާ ފުޓްބޯލް އެސޯސިއޭޝަން (ސާފާ)އާ ގުޅެން ނިންމައިފި އެވެ.
ސެންޓްރަލް އޭޝިއާ އެސޯސިއޭޝަނުގައި މި ވަގުތުު އޮތީ ހަ ގައުމެކެވެ. އެއީ ކުރިން ސާފްގައި ވާދަކުރި އަފްގާނިސްތާންގެ އިތުރުން އީރާން، ކިރްގިސްތާން، ތުރުކުމެނިސްތާން، އުޒްބެކިސްތާން އަދި ތަޖިކިސްތާން އެވެ.
އިންޑިއާ އިން ސެންޓްރަލް އޭޝިއާ އެސޯސިއޭޝަނުގައި ބައިވެރިވުމުގެ މަޝްވަރާތައް ވަނީ ވަރަށް ކުރިން ފަށައިފަ އެވެ. އެ އެސޯސިއޭޝަނުން އިންޑިއާ ރަސްމީކޮށް ބައިވެރިކުރިކަން އެ ގައުމުން އިއުލާނުކުރީ އިއްޔެ އެވެ.
އޯލްއިންޑިއަން ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގެ މުބާރާތްތަކުގައި އިންޑިއާ ކުޅޭނެ ކަމަށެވެ. އަދި މިހާރު މަޝްވަރާ ކުރެވިފައިވާ ގޮތަށް ކަންތައްތައް ގޮސްފިނަަމަ މި އަހަރުގެ ސެންޓްރަލް އޭޝިއާ ޔޫތު މުބާރާތްތަކުގައި އިންޑިއާ އަށް ވާދަކުރެވޭނެ ކަމަށެވެ.
ސެންޓްރަލް އޭޝިއާގެ ފުޓްބޯޅަ ކަލަންޑަރުގައިވާ ގޮތުން އަންނަ އޮކްޓޫބަރާއި ނޮވެމްބަރު މަހު ފިރިހެނުންގެ 18 އާއި 15 އަހަރުން ދަށުގެ މުބާރާތް ސެންޓްރަލް އޭޝިއާ ޓީމުތަކަށް އޮންނާނެ އެވެ. އެ ދެ މުބާރާތުގައި އިންޑިއާ ފެނުމުގެ ފުރުސަތު އެބައޮތެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ކުޝާލް ދާސް ވިދާޅުވީ ސެންޓްރަލް އޭޝިއާ އެސޯސިއޭޝަނުގައި ބައިވެރިވާން ނިންމި އެންމެ ބޮޑު ސަބަބަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ރަނގަޅު ޓްރެކުގައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ފެންވަރު ރަނގަޅު ޓީމުތައް ކުޅޭ މުބާރާތްތަކުގައި ވާދަކުރުމުގެ ގޮތުން ކަމަށެވެ.
"މިއީ ޑިވެލޮޕްމަންޓްގެ މަސައްކަތެއް. އަހަރެމެންނަކީ ސާފްގައި ދެމި އޮންނާނެ ބައެއް. އަހަރެމެން ސެންޓްރަލް އޭޝިއާ އެސޯސިއެޝަނުގައި ބައިވެރިމިވީ އިންވިޓޭޝަނަލް ޓީމެއްގެ ގޮތުގައި ޔޫތު ފުޓްބޯޅަ އާއި އަންހެނުންގެ ފުޓްބޯޅައިގެ އިތުރުން އެހެނިހެން މުބާރާތްތަކުގައި ވެސް ވާދަކުރަން،" ކުޝާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެންޓްރަލް އޭޝިއާގައި ބައިވެރިވާން އިންޑިއާގެ ފެޑެރޭޝަން ނިންމި ނިންމުމަކީ ސާފް އާއި އޭއެފްސީ އަދި ފީފާއާ ދެމެދު އިންޑިއާ އިން ގެންގުޅޭ ގާތްގުޅުމަށް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.
އަންނަ މަހު މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ތައްޔާރީތަކުގެ ތެރެއިން އިންޑިއާ ވަނީ ނޭޕާލާ އެކު ދެ މެޗެއް ކުޅެން ނިންމައިފަ އެވެ. ފުރަތަމަ މެޗުން ބުރާސްފަތި ދުވަހު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗު ކުޅޭނީ މާދަމާ އެވެ.











