މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ވޯޓު މައްސަލަ ހައްލުނުވާތީ ޝަކުވާ އޮއްސާލައިފި

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

މިނިވަން މުއައްސަސާތަކަށް އައްޔަނުކުރާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ވޯޓު ދިނުމުގައި މަޖިލީހުގެ ގަވައިދުގައި އޮތް ބޮޑު ބާގަނޑެއްގެ މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ، އެކަމުގެ ޝަކުވާ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަނެއްކާވެސް ކުރައްވައިފި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ކޮމިޓީއަށް ހުށަހެޅޭ ނަމެއް ތަޅުމަށް ފޮނުވޭނީ ކޮމިޓީގައި ތިއްބަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ދެއްވައިފި ނަމަ އެވެ.

ގާނޫނުގައި މުޅި މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރަންޖެހޭ ގޮތަށް އޮންނަ އިރު، މަޖިލީހުގެ ގަވައިދު އުޅެނީ އެއަށް ވުރެ އެއް ދަރަޖަ ކުރީގަ އެވެ.

އޭގެ މާނައަކީ ނަމެއް ތަޅުމަށް ފޮނުވަން ޖުމްލަ 12 މެމްބަރުން ތިއްބަވާ ކޮމިޓީގެ އަށް މެމްބަރުންގެ ވޯޓު ލިބެންޖެހެ އެވެ.

މިފަހުން އެ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ހަތަރު ނަމެއް، ބޭނުންވާ އަދަދަށް ވޯޓު ނުލިބިގެން، އެކަން ދިގުލައިގެން ދިޔުމާ ގުޅިގެންނެވެ.

މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަންޖެހޭ ގޮތަށް އޮތް ނަމަވެސް، އެކަން އަދިވެސް އޮތީ ނުވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމަށް ބޭފުޅަކު އައްޔަނުކުރަން ކޮމިޓީން ނިންމާފައިވާ ގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ އިންޓަވިއު މަރުހަލާ ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން، ބައެއް ހާލަތްތަކުގައި ކޮމިޓީގައި އަށް މެމްބަރުން ތިބެގެން އެ މަރުހަލާ ކުރިއަށް ގެންދަންޖެހޭއިރު، އެންމެ މެމްބަރަކު ވޯޓު ނުދިނުމުން، ކިތަންމެ ގާބިލު ކެނޑިޑޭޓަކަށް ވިޔަސް، އެ ނަމެއް ތަޅުމަށް ނުފޮނުވޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، މާކްސް ދިނުމެއް ނެތި ހަމައެކަނި އަތް ނަގައިގެން ކެނޑިޑޭޓުންނަށް ވޯޓު ދޭއިރު، އަތް ނުނަގައި މެމްބަރަކަށް، ވޯޓު ނުދިން ސަބަބު ސާފުކޮށްދޭން ވެސް ނުޖެހޭކަމަށް ވިދާޅުވި އެވެ.

"އާންމުންނަކަށް ވެސް ޖަސްޓިފައިކޮށް ނުދެވޭ އެ ބޭފުޅެއްގެ ވޯޓު އެ ކެންޑިޑޭޓަކަށް ނުލިބުނީ ކޮން ސަބަބަކާ ހެދި ކަމެއް،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ ހައްލުކުރަން، ކޮމިޓީގެ އިއްތިފާގުން ފާސްކޮށް، ގަވައިދު އިސްލާހުކުރަން މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވިތާ ތިން އަހަރު ވެގެންދާއިރު، އެކަން އަދި މިހާތަނަށް އެޖެންޑާ ވެސް ކޮށްފައެއް ނުވެ އެވެ.

"މިފަހަރު ވެސް ވަރަށް ރަނގަޅު ކެނޑިޑޭޓުން އެބަތިބި ތަޅުމާ ހަމައަށް ނުފޮނުވި. މިއީ މަޖިލީހުގެ މެމްބަރުންނަށް ވެސް ރަނގަޅު ކެނޑިޑޭޓަކު ހޮވުމަށް ގެއްލިގެންދާ ފުރުސަތެއް،" ރޮޒައިނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ކޮމިޓީން ކުރަނީ ޓެކްނިކަލް މަސައްކަތެއް ކަމަށް ވިޔަސް، ކެނޑިޑޭޓެއްގެ ގާބިލުކަން ވަޒަން ނުކުރެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox