ތާލިބާނުންގެ އިސް ލީޑަރު ކޮބާ؟

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 28) - މީގެ ދެ ހަފްތާ ކުރިން ތާލިބާނުން ވެރިކަމަށް އައުމާއެކު ތާލިބާނުންގެ ގިނަ ލީޑަރުންތަކެއް ވަނީ އެނބުރި އަފްގާނިސްތާނަށް ގޮސްފަ އެވެ. ހަނގުރާމަވެރި ކޮމާންޑަރުންނާއި، ހަތިޔާރު ހިފައިގެން އުޅޭ ދަރިވަރުންނާއި، ދުވަސްވީ ލީޑަރުން ވެސް އަހަރުތަކެއް ވަންދެން ގައުމުން ބޭރުގައި އުޅުމަށް ފަހު އަނބުރާ އަފްގާނިސްތާނަށް އަންނަން ފެށި އެވެ.

އެކަމަކު އެ މީހުންގެ އެންމެ އިސް ލީޑަރު އަދިވެސް އަފްގާނިސްތާނުން ނުފެނެ އެވެ. ހިބާތުﷲ އަހުންދްޒާދާ އަކީ 2016 ވަނަ އަހަރުން ފެށިގެން ތާލިބާނުންގެ އެންމެ އިސް ލީޑަރެވެ. އޭނާ އެ ގްރޫޕާ ހަވާލުވީ އިރު އެތެރޭގެ ވާދަވެރިކަން ބޮޑުވެ، ބައިބައިވުމަކާ ހަމައަށް ދާން އޮތީ ގާތްވެފަ އެވެ. އަހުންދްޒާދާގެ ކުރިން ހުރި އިސް ލީޑަރަށް ހަމަލާދީ މަރާލުމާއި، ތާލިބާނުންގެ ފައުންޑަރު މުއްލާ އުމަރު މަރުވިކަން ސިއްރުކޮށްފައި ބޭއްވުމުން ގްރޫޕުގެ ތެރޭގައި ނުތަނަވަސްކަން އޮތެވެ.

ތާލިބާނުން ހިންގުމުގައި އަހުންދްޒާދާ އަދާ ކުރާ ދައުރާބެހޭ މާ ބޮޑު މައުލޫމާތެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް މުސްލިމުން ފާހަގަކުރާ އީދުތަކާއި ހާއްސަ ދުވަސްތަކާ ދިމާކޮށް އޭނާގެ މެސެޖުތައް ގަވާއިދުން ނެރެ އެވެ. މިހާތަނަށް އާއްމުންނަށް ފެނިފައި ވަނީ ތާލިބާނުން އާއްމުކުރި އަހުންދްޒާރާގެ އެންމެ ފޮޓޯގަނޑެކެވެ. އޭނާ މީގެ ކުރިން ދުވަހަކު ވެސް އާއްމުކޮށް ފެނިފައި ނުވާއިރު، އުޅޭ ނޫޅޭ ތަނެއް ވެސް ނޭނގެ އެވެ. ވެރިކަމަށް އައުމަށް ފަހު ވެސް ތާލިބާނުން އެކަމާ ގުޅޭ އެއްޗެއް ހާމައެއް ނުކުރެ އެވެ.

"އިންޝާﷲ. އޭނާ ވަރަށް އަވަހަށް އެންމެންނަށް ފެންނާނެ،" އަހުންދްޒާދާ އުޅޭ ތަނަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މިދިޔަ ހަފްތާގައި ބުންޏެވެ.

ފޮރުވިގެން އުޅޭ ލީޑަރުން

ތާލިބާނުންނަކީ ފެށުނީއްސުރެ ވެސް އެ މީހުންގެ އެންމެ އިސް ލީޑަރު "ފޮރުވައިގެން" އުޅޭ ބަޔެކެވެ. އެ މީހުންގެ ފައުންޑަރު މުއްލާ އުމަރަކީ ވެސް އާއްމުކޮށް ފެނުނު މީހެއް ނޫނެވެ. ރަށްފުށުގެ ހިސާބުގަނޑުގައި ދިރިއުޅެން އޭނާ ހިޔާރު ކުރި އެވެ. ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ތާލިބާނުން ވެރިކަން ކުރިއިރު ވެރިރަށް ކާބުލް އަށް އޭނާ ދަތުރުކުރީ ވެސް މަދު ފަހަރަކު ކަމަށް ވެ އެވެ. އޭގެ ބަދަލުގައި އޭނާ ގިނަ ވަގުތު ހޭދަކުރީ ކަންދަހާރުގައި ހަދާފައި ހުރި ސެކިއުރިޓީ ވަރުގަދަ ކޮމްޕައުންޑެއްގަ އެވެ.

ތާލިބާނުންނާ ބައްދަލުކުރަން ދިޔަ ވަފުދުތަކާ ބައްދަލުކުރުމަކީ ވެސް ވަރަށް މަދުން ނޫނީ އޭނާ ކުރި ކަމެއް ނޫނެވެ. އެކަމަކު ވެސް އޭނާގެ ބަހަކީ ތާލިބާނުންގެ އެންމެ އިސް ބަހެވެ. އަދި މުއްލާ އުމަރަށް ވުރެ ބޮޑަށް އިހްތިރާމް ލިބިފައިވާ ތާލިބާން ވެރިއަކު މިހާތަނަށް އައިސްފައެއް ނުވެ އެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގެ އޭޝިއާ ޕްރޮގްރާމުގެ ވެރިޔާ ލޯރެލް މިލާ ވިދާޅުވީ މިހާރުގެ އިސް ލީޑަރު އަހުންދްޒާދާ ގެންގުޅެނީ މުއްލާ އުމަރާ އެއް ގޮތް "ސްޓައިލެއް" ކަމަށެވެ.

ތާލިބާނުންގެ އެންމެ އިސް ލީޑަރު އަހުންދްޒާރާ.-- ފޮޓޯ: އޭއެފްޕީ
ތާލިބާނުންގެ އެންމެ އިސް ލީޑަރު އަހުންދްޒާރާ.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުންގެ އެންމެ އިސް ލީޑަރު އަހުންދްޒާރާ.-- ފޮޓޯ: އޭއެފްޕީ

މިލާ ވިދާޅުވީ އުޅޭ ނޫޅޭ ތަންތަން ސިއްރު ކުރުމާއި "ފޮރުވިގެން" އުޅުމުގެ ބޭނުމަކީ ސަލާމަތީ ގޮތުން މުހިއްމު ކަމަކަށް ވެދާނެ ކަމަށެވެ. އަހުންދްޒާދާގެ ކުރިން ތާލިބާން ލީޑަރަކަށް ހުރި މުއްލާ އަހްތަރް މަންސޫރު މަރުވެފައި ވަނީ އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގަ އެވެ.

"ތާލިބާން ތަރުޖަމާނަކު އިޝާރާތްކޮށްފި ވަރަށް އަވަހަށް ލީޑަރު ފެންނާނެ ކަމަށް. އޭގެ އެއް ބޭނުމަކީ އޭނާ މަރުވެއްޖެ ކަމަށް އުފެދެމުންދާ ޝައްކުތައް ފިލުވާލުން،" މިލާ އޭއެފްޕީ އަށް ވިދާޅުވި އެވެ.

"އެކަމަކު އާއްމުންނަށް ފެނިލުމަށް ފަހު އޭނާ އަނެއްކާ ވެސް ފޮރުވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ. ވެރިކަން ކުރާނެ ކަމަށް ބެލެވެނީ މުއްލާ އުމަރު ފަދައިން ރިމޯޓުކޮށް ނުވަތަ ދުރުގައި ހުރެގެން."

އަހުންދްޒާދާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ތަފާތު އެކި އަޑުތައް ފެތުރިފައިވެ އެވެ. ޕާކިސްތާނާއި އަފްގާނިސްތާނުގެ ބައެއް އޮފިޝަލުން ބުނެފައިވާ ގޮތުގައި އޭނާ އަށް ކޮވިޑު ޖެހުނެވެ. އަދި ބޮމުގެ ހަމަލާއެއްގައި މަރުވެއްޖެ ކަމަށް ވެސް ހަބަރު ފެތުރުނެވެ.

ނަމަވެސް ފެތުރޭ އަޑުތަކުގެ ހަގީގަތް ހޯދޭނެ ގޮތެއް ނޯވެ އެވެ. އެކަމަކު މި ދަނޑިވަޅުގައި އަހުންދްޒާދާ ފެނިލުމަކީ ތާލިބާނުންނަށް ކޮންމެހެން ވެސް މުހިއްމު ކަމަކަށް ވަނީ ވެފަ އެވެ.

ތާލިބާން ތެރޭގައި އުފެދިފައިވާ ފެކްޝަންތައް ވެސް އޮވެ އެވެ. މުއްލާ އުމަރު މަރުވިކަން އެތައް އަހަރެއް ވަންދެން ސިއްރުކޮށްގެން އުޅުމުން 2015 ވަނަ އަހަރު އެ ފެކްޝަންތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވި އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެއް ފެކްޝަން ވަނީ ތާލިބާނުންނާ މުޅިން ވަކިވެފަ އެވެ.

ހަނގުރާމައިގެ މައިދާން ނިމުމަކަށް އައިސް ގައުމު ހިންގުމުގައި މައިދާނަށް ތާލިބާނުން ނުކުންނައިރު، އެކި ފެކްޝަންތަކުގެ މަސްލަހަތު ހަމަހަމައަށް ގެންގުޅުމަކީ ތާލިބާން ލީޑަރުން ކޮންމެހެން ވެސް ވިސްނަން ޖެހޭނެ ކަމެކެވެ.

"ބާރުގެ ހުސްކަމެއް" ދިމާވެއްޖެ ނަމަ އެތައް އަހަރެއް ވަންދެން ހަނގުރާމައިގެ ތެރެއިން ދެމިއޮތް އެ ގްރޫޕު ރޫޅުމުގެ ފުރުސަތު އެބަ އޮތެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިސް ލީޑަރުގެ ބަހެއް އަދި ނީވެނީ ބޭރު ސިފައިން އަފްގާނިސްތާނުގެ ފަސްގަނޑު ދޫކޮށް ދަން ދެންނެވެ.

"ބޭރުގެ ފައުޖުތައް އަފްގާން ފަސްގަނޑުގައި ތިބިހާ ހިނދަކު ތާލިބާނުން ދެކޭނީ މި ތިބީ ޖިހާދު ކުރުމުގައި ކަމަށް. އެ ހާލަތުގައި ބޭރު ސިފައިން ދަންދެން ލީޑަރު ބަހައްޓާނީ ފޮރުވާފައި،" ޕާކިސްތާނުގެ ސެކިއުރިޓީ އެނެލިސްޓު އިމްތިއާޒް ގުލް ވިދާޅުވި އެވެ.

"އިސް ލީޑަރު ނުފެންނަނީ އެހެންވެ".

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox