އިސްތަންބޫލް، ތުރުކީ (އޮގަސްޓް 26) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުރިއަށް އޮތް ސީޒަނުގައި މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ބައްދަލުކުރި ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އެއް ގްރޫޕެއްގައި ހިމެނުނުއިރު، 2019 ވަނަ އަހަރުގެ ޗެމްޕިއަން ލިވަޕޫލް މަރުގެ ގްރޫޕެއްގައި ލައްވާލައިފި އެވެ.
ސިޓީ އާއި ޕީއެސްޖީއާ އެކު ގްރޫޕް އޭގައި ދެން އޮތީ ޖަރުމަނުގެ އާރްބީ ލައިޕްޒިގާއި ބެލްޖިއަމްގެ ކްލަބް ބްރޫޖް އެވެ. ސިޓީން މިދިޔަ އަހަރު މުޅިން އަލަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނުއިރު، ޗެލްސީ އަތުން ވީ ބައްޔެވެ. ސިޓީން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެ ލެގުން ވެސް ޕީއެސްޖީ ބަލިކޮށްފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޯސް ގެނެސްގެން ޕީއެސްޖީން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގު ހޯދަން އަމާޒުހިފާފައިވާއިރު، އެ ޓީމާ ދެކޮޅަށް ނުކުންނަ ސިޓީން އަންނަނީ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފާރަލަމުންނެވެ. އެއީ ޓޮޓެންހަމްގެ ހެރީ ކޭން ގަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.
ރޮނާލްޑޯ ސިޓީ އަށް ގޮސްފިނަމަ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ގިނަ ގޮތްގޮތުން ހާއްސަވާނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭނެ ކަމަކީ މީގެ ކުރިން ރޮނާލްޑޯ އާއި ރާމޯސް އެކުގައި ރެއާލް މެޑްރިޑަށް ކުޅެމުން ބާސެލޯނާގެ މެސީއާ ބައްދަލުކުރި ނަމަވެސް ދެން ފެންނާނެ މަންޒަރަކީ މެސީ އާއި ރާމޯސް އެއް ޓީމެއްގައި ހުރެ ރޮނާލްޑޯއާ ދެކޮޅަށް ކުޅޭ ތަނެވެ.

2005 ވަނަ އަހަރުގެ ފައިނަލްގައި މިލާންގެ ކަކާ (ކ) އަތުން ބޯޅަ ހޯދަން ލިވަޕޫލްގެ ޖެރާޑް ޓެކަލް ކުރަނީ.
ލިވަޕޫލް ގްރޫޕް ބީގައި އޮތީ މެދުކެނޑުމަކަށް ފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޔޫރަޕްގައި ކާމިޔާބު ބޮޑު އޭސީ މިލާން އާއި ސްޕެއިންގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އަދި ޕޯޓޯ އެވެ.
ލިވަޕޫލުން ވަނީ 2005 އާއި 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި މިލާނާ ކުޅެފަ އެވެ. އެ ގޮތުން 2005 ގައި މޮޅުވި ނަމަވެސް 2007 ގައި ބަލިވީ އެވެ. މީގެ އެއް ސީޒަން ކުރިން އެތުލެޓިކޯ އިން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުން ލިވަޕޫލް ކަޓުވާލައިފަ އެވެ. ނޮކައުޓް ބުރުގައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕޯޓޯ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ލިވަޕޫލް އަތުން ބަލިވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް:
ގްރޫޕް އޭ: މެންޗެސްޓާ ސިޓީ، ޕީއެސްޖީ، ކްލަބް ބްރޫޖްސް، އަރްބީ ލައިޕްޒިގު
ގްރޫޕް ބީ: އެތުލެޓިކޯ މެޑްރިޑް، ލިވަޕޫލް، ޕޯޓޯ، އޭސީ މިލާން
ގްރޫޕް ސީ: ސްޕޯޓިން ލިޒްބަން، ބޮރޫޝިއާ ޑޯޓްމަންޑް، އަޔަކްސް، ބެސިކްޓާސް
ގްރޫޕް ޑީ: އިންޓަ މިލާން، ރެއާލް މެޑްރިޑް، ޝަހުތަރު ޑޮނެސްކް، ޝެރިފް ޓިރާސްޕޯލް
ގްރޫޕް އީ: ބަޔާން މިއުނިކް، ބާސެލޯނާ، ބެންފީކާ، ޑިނަމޯ ކިއޭވް
ގްރޫޕް އެފް: ވިޔަރެއާލް، މެންޗެސްޓާ ޔުނައިޓެޑް، އެޓަލަންޓާ، ޔަންގް ބޯއީސް
ގްރޫޕް ޖީ: ލޮސްކް ލިލް، ސެވިއްޔާ، އެފްސީ ސަލްޒްބާގް، ވޮލްފްސްބާގް
ގްރޫޕް އެޗް: ޗެލްސީ، ޔުވެންޓަސް، ޒެނިޓް ޕީޓާސްބާގް، މަލްމޯ
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް މި ފަހަރު ވެސް ލައްވާލީ އިންޓަ މިލާނާއި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކާ އެއް ގްރޫޕެއްގަ އެވެ. އިޓަލީގެ ޗެމްޕިއަން ގޮތުގައި މި ފަަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިންޓަ މިދިޔަ ފަހަރު ރެއާލާ އެއް ގްރޫޕެއްގައި ވާދަކޮށް އެންމެ ފުލަށް ގޮސްގެން ކެޓީ އެވެ. މި ފަހަރު ރެއާލާއި އިންޓަ އަދި ޝަހުތަރުގެ އިތުރުން އޮތީ މޮލްޑޯވާގެ ޝެރިފް އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ހިމެނެނީ ޔުވެންޓަސް އާއި ރަޝިއާގެ ގަދަބާރު ޒެނިޓް އަދި ސްވިޑެންގެ މަލްމޯއާ އެކު ގްރޫޕް އެޗްގަ އެވެ.
މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުނު މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އޮތީ އެއް ގްރޫޕެއްގަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މިދިޔަ އަހަރު ކެޓި ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ފައިނަލުގައި ވިޔަރެއާލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ޔުނައިޓެޑާއި ވިޔަރެއާލްގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ އިޓަލީގެ އެޓަލަންޓާ އާއި ސްވިޒަލެންޑްގެ ޔަންގް ބޯއީސް އެވެ. އެޓަލަންޓާ އަކީ އެންމެ ފަހުން ދެ ފަހަރު ވެސް ނޮކައުޓް ބުރަށް ދަތުރުކުރި ޓީމެކެވެ.
ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ލައްވާލީ ސްޕެއިންގެ ބާސެލޯނާއާ އެއް ގްރޫޕެއްގަ އެވެ. މީގެ އެއް ސީޒަން ކުރިން ބަޔާނުން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބާސެލޯނާގެ މައްޗަށް 8-2 އިން ކުރިހޯދައިފަ އެވެ. މާލީ ދަތިކަމެއްގެ ތެރޭގައި މެސީ ދޫކޮށްލަން ޖެހުނު ބާސެލޯނާ އިން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ބަޔާންގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ނުކުންނާނީ ޕޯޗުގަލްގެ ބެންފީކާ އާއި ޔޫކްރެއިންގެ ޑިނަމޯ ކިއޭވްއާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުތައް ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. ފައިނަލް އޮންނާނީ އަންނަ އަހަރުގެ މެއި 28 ވަނަ ދުވަހު ރަޝިއާގެ ޕީޓާސްބާގްގަ އެވެ.












