ރިޕޯޓު"އިންސާފު ލަސްވުމުގެ މާނައަކީ މަރާލިޔަސް ވަރިހަމައޭ!"

"އިންސާފު ލަސްވުމުގެ މާނައަކީ މަރާލިޔަސް ވަރިހަމައޭ!"

ހޯދުންތަކުގެ އަލީގައި ސަރުކާރަށް ދީފައިވާ ލަފާތަކަކީ އާއްމުކޮށް އަދި ހަމަހަމަކަމާއެކު ނޫސްވެރިންނަށް އަމާޒުވާ ހަމަލާތައް ކުށްވެރިކޮށް، މިނިވަން ތަހުގީގެއް ހިންގާ، ކުށްވެރިންނަށް އަދަބު ދީ، ހަމަލާ އަމާޒުވާ ނޫސްވެރިންނާއި އެ މީހުންގެ އާއިލަތަކަށް ބަދަލު ދީ އެހީތެރިކަން ދިނުމަށެވެ.

ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު
ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު

"މިހާރު މި އޮތް ސަރުކާރުން [ބްލޮގަރު] ޔާމީނުގެ މަރާއި [ނޫސްވެރިޔާ] ރިލްވާން ގެއްލުވާލި މައްސަލަ ފުރިހަމަ އަށް ބަލާނެ ކަމުގެ އުއްމީދު ވަރަށް ބޮޑުވި. އަޅުގަނޑު ހީކުރީ ދެން މި އިންސާފު ލިބުނިއްޔޭ. އެކަމަކު މިއަދާ ހަމައަށް ވެސް އެންމެ ފިޔަވަޅެއް ވެސް ނާޅާ. އެކަމުން ދޭ މެސެޖަކީ އަޅުގަނޑުމެން ނޫސްވެރިންނަށް ވީތީ، ލިޔާ އެއްޗެއްގެ ސަބަބުން، އަޅުގަނޑުމެންނަށް ހަމަލާ ދީ، ބިރު ދައްކާ، އަދި މަރާލުމަކީ ވެސް ވަރިހަމަ ކަމެކޭ،"

އެއީ ދިވެހިރާއްޖޭގައި ނޫސްވެރިންނަށް އޮތް ނުރައްކަލާ ގުޅޭ ގޮތުން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓުގައި ނޫސްވެރިއަކު ބުނި ކަމަށް ލިޔެފައި އޮތް ވާހަކަ އެވެ. "ޗޭސިން ޖަސްޓިސް" ނަމުގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު އެ ރިޕޯޓަކީ ރާއްޖޭގައި ނޫސްވެރިކަމުގެ ހާލަތު އޮތް ގޮތާ ގުޅޭ ގޮތުން ހެދި ފުރަތަމަ ދިރާސާ އެވެ. އެމްޖޭއޭ އިން އެ މަސައްކަތް ފުރިހަމަ ކުރީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ އެހީތެރިކަމާ އެކު އެވެ.

ފާއިތުވި ތަނުގައި ރާއްޖޭގެ ނޫސްވެރިންނަށް ދިމާވެފައި ހުރި ނުރައްކަލާއި ގޮންޖެހުންތައް ވެސް ހިމެނޭ ގޮތަށް ތައްޔާރު ކުރި ރިޕޯޓުގައި ވަނީ މި ވަގުތު ނޫސްވެރިންނަށް އޮތް ނުރައްކާ ދެނެގަތުމަށްޓަކައި ސާވޭއެއް ހިންގާ، އޭގެ ހޯދުންތައް ހިމަނާފަ އެވެ. ސާވޭ އިން އެނގުނު ގޮތުގައި ނޫސްވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި އަދިވެސް ނެތެވެ. ކުރިއަށް ވުރެ ބޮޑަށް, ނުސީދާކޮށް އަންނަ އިންޒާރުތަކާއި ހުރަސްތައް ވަނީ އިތުރުވެފަ އެވެ. ތިރީގައި އެ ވަނީ ރިޕޯޓުގައިވާ ބައެއް މައުލޫމާތުގެ ހުލާސާ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރު

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ނޫސްވެރިކަމުގެ އިތުރުން އާއްމު ފަރުދުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް ބޮޑެތި ހުރަސްތަކެއް ހުއްޓެވެ. އެގޮތުން 1978 އާއި 2008 އާ ދެމެދު ނޫސްވެރިންނަށް އޮތް ބިރުވެރިކަމަކީ ލިޔާ އެއްޗެއްގެ ސަބަބުން އަނިޔާއާ ކުރިމަތިވުމާއި ޖަލުގައި ބަންދުކުރުމެވެ. އެއާއެކު ޓެރަރިޒަމްގެ ދައުވާއާ ކުރިމަތިލާން ޖެހުމުގެ ބިރު ވެސް އޮތެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބަށް ފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރު ސަރުކާރުގައި ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރުސަތު ފަހިވި އެވެ. ބިރެއް ނެތި ބޭނުން އެއްޗެއް ލިޔެ، ބޭނުން ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ފުރަތަމަ ފަހަރަށް ލިބުނެވެ. ނަމަވެސް 2012 ވަނަ އަހަރު ކުއްލި ގޮތަކަށް ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމުން، އަނެއްކާވެސް ކުރިމަތިވީ ހުދުމުހުތާރު ސިފަތަކެއް ފެނުނު ސަރުކާރަކާ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ގޮސް 2018 އާ ހަމައަށް ނޫސްވެރިންނަށް ކުރިމަތިވީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. އިދިކޮޅު ފިކުރާއި އިދިކޮޅު އަޑު ނައްތާލަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ގިނައިން ހަމަލާ އަމާޒުވީ ސަރުކާރުގެ އަމަލުތަކަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިންނަށެވެ. އެ ފަސް އަހަރުގެ ތެރޭގައި ތަފާތު އެކި ހަމަލާތައް ނޫސްވެރިންނާއި މީޑިއާ އަށް އަމާޒުވި އެވެ. އެގޮތުން ޖިސްމާނީ އަނިޔާ އާއި، މަރާލުމާއި، ގެއްލުވާލުމާއި، ހައްޔަރު ކުރުމާއި، އިންޒާރު ދީ ބިރުދެއްކުމާއި، އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކޮށް ދައުވާ ކުރުން ހިމެނެ އެވެ. ނޫސްވެރިންނަށް އަމާޒުވި ގިނަ ހަމަލާތައް އައީ ކުށްވެރިންގެ ގޭންގުތަކާއި ހަރުކަށި ފިކުރުގެ ގޭންގުތައް މެދުވެރިކޮށްގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އިއާދަ ކުރާނެ ކަމުގެ ވައުދާ އެކު އެވެ. ސަރުކާރަށް ތިން މަސް ފުރުމުގެ ކުރިން، ނޫސްވެރިންނާ ދެކޮޅަށް ބޭނުން ކުރަމުން ދިޔަ އަބުރުގެ ގާނޫނު، އުވާލި އެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލުން ފަދަ ބޮޑެތި މައްސަލަތައް ތަހުގީގު ކުރަން ހާއްސަ ކޮމިޝަނެއް ހެދި އެވެ.

"ދެހާސް އަށާރައިގެ ކުރިން އަބަދުވެސް އޮތް ބިރުވެރިކަމެއް އެއީ، ލިޔާ އެއްޗަކާ ހެދި ފުރާނަ އަށް ނުރައްކާވުން ނުވަތަ އޮފީހަށް ގެއްލުމެއް ލިބުން. މިހާރު އެކަން ބަދަލުވެއްޖެ އެކަމަކު ސިޔާސީ މީހުންގެ ފަރާތުން ނުސީދާކޮށް އަދިވެސް ވަރަށް ޕްރެޝަރު އާދޭ،" ނޫސްވެރިއަކު ބުނެފައި ވެ އެވެ.

މި ސަރުކާރާ މެދު މިހާރު އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ އެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވުމުގެ ޝަކުވާ އެވެ. އޭގެ އިތުރުން ނޫސްވެރިންނަށް ނުސީދާކޮށް އަންނަ އިންޒާރުތައް ވަނީ އިތުރުވެފަ އެވެ. ސޯޝަލް މީޑިއާ ވަގު އެކައުންޓުތަކުން ނޫސްވެރިންނަށް އިންޒާރު ދީ ބިރު ދައްކާ ހަދާއިރު، އެފަދަ އެކައުންޓުތައް ގުޅިފައި ވަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަރުކަށި ގޭންގުތަކާ އެވެ.

ސާވޭގެ ހޯދުންތަކުން ސަރުކާރަށް ގޮވާލުމެއް

މިދިޔަ މާޗް މަހު ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވެގެން ކުރި ސާވޭއިން ވަނީ މިހާރު ހުރި ގޮންޖެހުންތަކާ މެދު ނޫސްވެރިން ދެކޭ ގޮތް ހޯދާފަ އެވެ. ކޮންމެ ފަސް ނޫސްވެރިއެއްގެ ތެރެއިން ހަތަރު ނޫސްވެރިން ބުނީ ރައްކާތެރިކަން ނެތް ކަމަށެވެ. އަދި 83 ޕަސެންޓު ބުނީ ކުށްވެރިންނަށް އަދަބު ނުދެވޭ ކަމަށެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކުރާ މަސައްކަތާ މެދު 70 ޕަސެންޓު ނޫސްވެރިން ހިތްހަމައެއް ނުޖެހެ އެވެ. އެއް ނޫސްވެރިއަކު އެ ތަނަތްނަ ސިފަކުރީ ދަތް ނެތް ސިންގާތަކެއްގެ ގޮތުގަ އެވެ.

"ސިންގާތަކެކޭ މި ބުނަނީ އެއީ ދައުލަތުގެ އިދާރާތަކަކަށް ވާތީ. ދައުލަތުން މުސާރަ ލިބޭ. ދަތް ނެތޭ މި ބުނަނީ ބާރު ނެތީމަ. ނޫނީ ބާރު އޮތަސް އޭގެ ބޭނުން ނުކުރާތީ. އެހެންވީމަ މި ދެ ދަތް ނެތް އިދާރާ އެއްކޮށްލައިގެން އެއް ކޮމިޝަން ހެދީމަ ވާނީ ކިހިނެއް،" ސިޔާސީ ނުފޫޒު ބޮޑުކަން ފާހަގަކުރަމުން ނޫސްވެރިޔާ ބުނެފައި ވެ އެވެ.

ގޭންގުތަކުގެ ނުރައްކާ ބޮޑު ކަމަށާއި އޮންލައިން އިންޒާރުތައް ދަނީ އިތުރުވަމުން ކަމަށް ނޫސްވެރިން ބުންޏެވެ. ކޮރަޕްޝަނުގެ ވާހަކަ ލިޔާ ނަމަ އިންޒާރު އަންނަ ކަމަށާއި އަންހެނަކަށް ވީތީ ނޫސްވެރިންނަށް އަމާޒުވާ ހަމަލާތައް ތަފާތުވެފައި އިތުރު ކަމަށް ބުންޏެވެ.

އެ ހޯދުންތަކުގެ އަލީގައި ސަރުކާރަށް ދީފައިވާ ލަފާތަކަކީ އާއްމުކޮށް އަދި ހަމަހަމަކަމާއެކު ނޫސްވެރިންނަށް އަމާޒުވާ ހަމަލާތައް ކުށްވެރިކޮށް، މިނިވަން ތަހުގީގެއް ހިންގާ، ކުށްވެރިންނަށް އަދަބު ދީ، ހަމަލާ އަމާޒުވާ ނޫސްވެރިންނާއި އެ މީހުންގެ އާއިލަތަކަށް ބަދަލު ދީ އެހީތެރިކަން ދިނުމަށެވެ. އަދި އޮންލައިން ހައްގުތައް ޕްރޮމޯޓުކޮށް، ރައްކާތެރިކަން އިތުރު ކުރަން ނޫސްވެރިންނަށް ތަމްރީން ދިނުމަށް ވެސް ބާރު އަޅާފައި ވެ އެވެ.

ރިޕޯޓުގެ ހޯދުންތަކާ ގުޅިގެން އައިއެފްޖޭ އާއި އެމްޖޭއޭއިން ނެރުނު ބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވަނީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށެވެ. އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވީ އެ ރިޕޯޓަކީ ނޫސްވެރިކަމާ ގުޅޭ ގޮތުން ސަރުކާރުން ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށެވެ. އަދި އައިއެފްޖޭއިން ސަރުކާރަށް އިރުޝާދު ދިނީ ނޫސްވެރިންނާ ދެކޮޅަށް ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ހުރި ހުރަސްތަކަކީ ކޮބައިތޯ ދެނެގަތުމަށް ކަމަށެވެ.

ފާތިމަތު ސާޔާ އަހުމަދު

ސީނިއާ ޖާނަލިސްޓް

ފާތިމަތު ސާޔާ އަހުމަދަކީ ނޫސްވެރިކަމުގައި 10 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިނގިރޭސި އެޑިޝަން އާއި ފޮރިން ޑެސްކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕީއެސްއެމް" އާއި "މޯލްޑިވްސް އިންޑިޕެންޑެންޓް" އަދި "ސީއެންއެމް" ހިމެނެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox