ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިރިއުޅޭ ގެ ކައިރިން ވެހިކަލް ޕާކު ކުރާނެ ޖާގައެއް ހާއްސަކުރަން ހުށަހަޅައިފި އެވެ.
އެކަން އިއްޔެ ބޭއްވި މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅުއްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ހާއްސަކޮށް ކާރު ގެންގުޅޭ މެމްބަރުންނަށް ޕާކު ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
އެގޮތުން، އޭނާ ވިދާޅުވީ ވާރޭ ވެހޭ ދުވަސްދުވަހު މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަމިއްލަ ކާރު އޮވެ، ބޭނުން ނުކުރެވޭ ހާލަތުގައި އޮންނަ އިރު ބައެއް ފަހަރު ކާރެއް ނުލިބިގެން ގަޑިވެސް ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ވެސް. އަދި ހަމަ ފާހަގަކުރަން ނުގަވައިދުންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާކް ކުރޭ. އޭގެ ބަދަލުގައި ރަނގަޅު ގޮތަކަށް އުސޫލުގެ ތެރެއިން މަޖިލީހުގެ ގިނަ މެމްބަރުން އެ ބޭފުޅުން ދަތުރުކޮށް އަދި މަޖިލީހަށް އަންނަން ވެސް ޖެހޭ" ރާއީ ވިދާޅުވި އެވެ.
އެ ހުށަހެޅުމާ ގުޅިގެން ކޮމިޓީގެ ބައެއް މެމްބަރުން ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވާނެކަމަށް ވިދާޅުވެފަ އެވެ.

މިހާރު ވެސް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނަށް ޕާކިން ސްލޮޓް ހަމަޖައްސައިދީފައިވާ ކަމަށާއި އެހެންކަމުން މެމްބަރުންނަށް ވެސް އެ އިމްތިޔާޒްތައް ހަމަޖައްސައި ދިނުމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ނޫން ކަމަށެވެ.
އެއާއެކު ރާއީގެ ހުށަހެޅުން ތަޅުމަށް ފޮނުވަން އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ ފާސްކޮށްފަ އެވެ.
މެމްބަރުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެރިފައި ކުރަން ވެސް އެދުނު
ޕާކިން ސްލޮޓުގެ އިތުރުން، މަޖިލީހުގެ މެމްބަރުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެރިފައިކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ވެސް އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
އެކަމާ ގުޅިގެން، ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ މަޖިލީހުގެ އިދާރާ މެދުވެރިވެގެން މެމްބަރުންގެ އެކައުންޓުތައް ވެރިފައި ކުރެވޭތޯ އަމީންއާއްމު ބައްލަވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް، އެކަން ކުރަން ވަކިވަކި މެމްބަރުން ބޭނުންވާނަމަ، އެކަމަށްޓަކައި މަޖިލީހުން ބޭނުންވާ ލިޔުން ލިބޭނެކަމަށް އަމީންއާއްމާ ހަވާލާދެއްވައި ޔާސިރު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ އެކަން ކުރުން އެންމެ ރަނގަޅީ މަޖިލީހުގެ އިދާރާ މެދުވެރިކޮށް ކަމަށާއި އެހެންކަމުން އެގޮތަށް އެކަން ކުރަން އޭނާ ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުން ވެސް އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.












