މާލޭގެ ތަރައްގީގެ ޕްލޭންތަކާއި މާލެ ރައްޔިތުންނަށް ދިމާވެފައި ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ރައްޔިތުންނާ ސިޓީ ކައުންސިލުން ބައްދަލުކުރަން ނިންމައިފި އެވެ.
އެ ބައްދަލުވުން ބާއްވަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ މާދަމާ ރޭ 8:15ގައި ކާނިވާ ސަރަހައްދުގަ އެވެ.
މިއަދު މާލެ ސިޓީ ކައުންސިލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަކީ މާލޭގެ ތަރައްގީގެ ޕްލޭންތަކުގައި ރައްޔިތުންގެ ހިޔާލާ މަޝްވަރާ ކުރުމަށް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ސިލްސިލާ ބައްދަލުވުން ތަކުގެ އެންމެ ފަހު ބައްދަލުވުން ކަމަށެވެ.
އެ ބައްދަލުވުމަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމަށްޓަކައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
"އެ ބައްދަލުވުން މި ހާއްސަ ކުރަނީ ގެދޮރުވެރިކަމުގެ މައުލޫއަށް. އަޅުގަނޑު އެދެނީ އެ ބައްދަލުވުމުގައި ބައިވެރިވެ ރައްޔިތުންގެ ހިތްޕިޅުގަ އޮތް ކަންކަން ހިއްސާ ކުރެއްވުމަށް. އަޅުގަނޑުމެން ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ ހައްލު ކުރާނަން،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ބައްދަލުވުމުގައި ހައުސިންގެ މައްސަލާގައި ހުރި ހުރިހާ ކަންކަމާ ބެހޭގޮތުން ރަސްމީ ސިފައެއްގަ އަޑުއަހާނެ ކަމަށެވެ. އަދި ކައުންސިލާ ހިއްސާ ކުރާ ކަންތައްތައް ކައުންސިލްގެ ފަރާތުން ސަރުކާރާ ހިއްސާކޮށް ހުށަހަޅަން ޖެހޭ ކަންތައްތައް ހުށަހަޅާނެ ކަމަށާއި އެ ކަންކަމުގެ ތެރެއިން ހައްލު ކުރަން ޖެހޭ ކަމެއް ހުރިނަމަ އެކަންވެސް ކުރާނެ ކަމަށެވެ.
"މާދަމާ ރޭ އޮންނަ ބައްދަލުވުމުގައި މާލެ ރައްޔިތުންނަށް ދިމާވެފައި އޮތް ގެދޮރުގެ މައްސަލާގައި ހައްލެއް ގެނައުމަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުންދީ ހިއްސާ ކުރާނެ ކަމަށް،" ގަބޫލު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މާދަމާ ރޭގެ އެ ބައްދަލުވުމުގައި ގުޅީފަޅުން ގޯތި ދިނުމާ ގުޅޭގޮތުންވެސް މަޝްވާރާ ކުރާނެ ކަމަށެވެ.













