އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް 184.1 ހުށަހަޅަން ބަޖެޓު ދިރާސާކުރި އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން އެކުލަވާލައި ހުށަހެޅި ބަޖެޓު މިއަދު ކޮމިޓީން ފާސްކޮށްފައިވަނީ، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓާ ގުޅޭގޮތުން ދެ ދުވަސް މަތިން ބޭއްވި ބައްދަލުވުމުގައި ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުން ކަމަށްވާތީ، ބަޖެޓުގެ ޖުމްލަ އަދަދު ފިޔަވައި އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ގޮތުން، ގާނޫނުއަސާސީގައި މަޖިލީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް އާންމު ކޮމިޓީއަށް ހުށަހަޅައި ފާސްކުރަންވާނެ ކަމަށެވެ.
އަދި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކުރާ ބަޖެޓުގައިވާ ފައިސާ، އެއްވެސް އުނިކުރުމެެއް ނެތި ދައުލަތުގެ އިދާރާއަށް ދޫކުރަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.

އަންނަ އަހަރަށް އާންމު ކޮމިޓީން މިއަދު ފާސްކުރި ބަޖެޓު، މިއަހަރާ އަޅާބަލާއިރު ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން، މި އަހަރު މަޖިލީހުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 177.8 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން އެކުލަވާލާ ދައުލަތުގެ ބަޖެޓު، އޮކްޓޯބަރު 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
ބަޖެޓާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް، އަމީރު ވިދާޅުވި ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސޯދު އަދި މުޅީން ރަނގަޅުވެފައިނުވާތީ، އަންނަ އަހަރުގެ ބަޖެޓު ވެސް އެކުލަވާލެވެމުންދަނީ ވީހާވެސް ބޮޑަށް ހަރަދުތައް ކުޑަކޮށްގެން ކަމަށާއި ގަސްދުކުރަނީ މި އަހަރު ޕްރޮގްރާމް ބަޖެޓެއް ހުށަހެޅުމަށެވެ.
އޭގެ އިތުރުން، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ އެންމެ މުހިންމު މަޝްރޫއުތައް ހިންގުމަށްކަމަށް ވެސް އަމީރު ފާހަގަކުރެއްވި އެވެ.
"އަންނަ އަހަރު ވެސް އާ މަޝްރޫއުތަކެއް ފެށުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ މިހާރު އެވޯޑްކޮށްފައިވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިލުން،" އޭނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެންމެ އިސްކަމެއް ދެއްވާނީ އާ ކަންތައްތަކެއް ހިމެނުމުގެ ބަދަލުގައި މިހާރު ހުރި ކަންކަން ތަންފީޒުކުރަން ކަމަށެވެ.
މަޖިލީހުން މި އަހަރަށް ފާސްކޮށްދީފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން 33.4 ބިލިއަން ރުފިޔާގެ ހަރަދުގެ ގޮތުގައި ޖަހާފައިވާއިރު، އެއީ 12.3 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން އިސްވެ ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އެއާއެކު، ބަޖެޓު ކުރި އަދަދުގެ ތެރެއިން އެއް ބިލިއަނެއްހާ ރުފިޔާ ހަރަދުން ސަލާމަތްކުރެވޭނެކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.













