ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގައި ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓަށްވުރެ ގިނަ ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސުކޫލް ދަރިވަރުންނަށް ޖަހަމުން އަންނަނީ ފައިޒާ ވެކްސިނެވެ. އެއީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 20،239 ދަރިވަރުން މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަމަށެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ.
ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިމަހު 15 ވަަނަ ދުވަހު ފާށާފައިވާއިރު ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެކެވެ.
ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ. ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.













