ބިލްބާއޯ (އޮގަސްޓް 22) - ސްޕެނިޝް ލީގުގައި ރޭ މެމްފިސް ޑިޕާއި ޖެހި ގޯލުން އެތުލެޓިކް ބިލްބާއޯއާ 1-1 އިން އެއްވަރުވެ، ބަލިނުވެ ބާސެލޯނާ ސަލާމަތްވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ފެށި ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ވަނީ ރެއާލް ސޮސިއެޑާޑް 4-2 އިން ބަލިކޮށްފަ އެވެ. އެކަމަކު، ރޭ ބިލްބާއޯ ކައިރިން ބާސެލޯނާ އަށް އެންމެ މޮޅު ކުޅުން ދެއްކޭގޮތް ނުވިއިރު، ބިލްބާއޯ އިން ވަނީ ބާސެލޯނާ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ.
ބިލްބާއޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 50 ވަނަ މިނިޓްގައި އިނީގޯ މާޓިނޭޒް އެވެ. އިކާ މުނިއައީން ނަގައިދިން ކޯނަރަކުން މާޓިނޭޒް މި ގޯލު ޖެހީ ބޮލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ބިލްބާއޯގެ އިނާކީ ވިލިއަމްސް އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދޭން ލިބުނު ފުރުސަތަށް ހުރަސް އެޅީ ބާސެލޯނާގެ ގޯލުގައި ހުރި ގޯލްކީޕަރު ނެޓޯ އެވެ.
ނަތީޖާ ހަމަހަމަ ކުރަން ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. ސާޖީ ރޮބާޓޯ ދިން ބޯޅައަކުން ޑިޕާއި ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. މެޗުން މޮޅުވާން ދެ ޓީމަށް ވެސް ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ބާސެލޯނާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި އެ ޓީމުގެ އެރިކް ގާސިއާ އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ކާޑު ދެއްކީ އެންމެ ފަހަތުގައި ހުރެ އިނާކީ ވިލިއަމްސް އަށް ފައުލުކުރުމުންނެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ލިއޮނަލް މެސީ ނުލައި ކުޅެން ޖެހޭ ފުރަތަމަ މެޗުތަކުގައި އުނދަގޫވާނެކަން އެނގޭ ކަމަށެވެ. މި ކަހަލަ މެޗުތަކަކީ ލިބޭ ކުޑަ ޖާގަތަކުން ވެސް ތަފާތެއް ދައްކާނެ ކުޅުންތެރިންނަށް ބަރޯސާވާން ޖެހޭ ކަހަލަ މެޗެއް ކަމަށް ކޫމަން ބުންޏެވެ.
"މި ޓީމު މެޗަކަށް ފަހު މެޗެއް ރަނގަޅުވާނެ ކަމަށް މި ބަލަނީ. މިއީ ގޯލު ޖަހައިގެން މޮޅުވެވޭނެހާ ފުރުސަތު ލިބުނު މެޗެއް،" ކޫމަން ބުންޏެވެ.
ލީގުގައި ރޭ އެސްޕަންޔޯލް އާއި ވިޔަރެއާލް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ގްރަނާޑާ ދަނޑުގައި ވެލެންސިއާއާ ދެކޮޅަށް ކުުޅުުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.












