ތާލިބާނުން ބަދަލު ހިފަން ނުކުތުމުގެ ބިރު ބޮޑުވާން ފަށައިފި

އަފްގާނިސްތާން ދޫކޮށް ދާން ބޭނުންވާ އާއިލާއެއްގެ ކުޑަކުއްޖަކަށް އެމެރިކާ ސިފައިން އެހީވަނީ. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާން ދޫކޮށް ދާން ބޭނުންވާ އާއިލާއެއްގެ ކުޑަކުއްޖަކަށް އެމެރިކާ ސިފައިން އެހީވަނީ. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 21) - އަފްގާނިސްތާނުގައި ތިބި ތާލިބާނުންގެ ވާދަވެރިންނާއި އެ މީހުންގެ އާއިލާތަކަށް މައާފް ކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް، އެއާ ހިލާފަށް އަމަލު ކުރަމުންދާ ކަމުގެ ބިރު ބޮޑުވާން ފަށައިފި އެވެ.

ތާލިބާނުންގެ ވެރިކަމެއްގައި އަފްގާނިސްތާނުގައި ދިރިއުޅެން ފަސްޖެހޭ އެތައް ހާސް ބަޔަކު އަދިވެސް ތިބީ ފުރައިގެން ދިޔުމަށް ކާބުލް އެއާޕޯޓަށް ޖަމާވެގެންނެވެ. އާއިލާތަކުގެ ކުޑަކުދިން ފާރު މަތިން އުފުލާލައިގެން ސިފައިންގެ އެހީއާއެކު އެއާޕޯޓަށް ވައްދާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ތާލިބާނުން ވެރިކަމަށް އައީ ކުރު މުއްދަތެއްގެ ތެރޭގައި އަފްގާނިސްތާން ހިފައި، ހައިރާން ކުރުވަނިވި ގޮތަކަށެވެ. އެމެރިކާ އާއި އެހެން ގައުމުތަކަށް ވެސް ޝޮކެއް ލިބިފައި ވާއިރު، އެ ގައުމުތަކުން އަފްގާން ފަސްގަނޑު ދޫކޮށް ދާން ކަނޑައެޅި ސުންގަޑިއަކީ މި މަހުގެ އެންމެ ފަހު ދުވަހެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން އަންނަނީ އެ ސުންގަޑި ދިގުދަންމާލަން ރައީސް ޖޯ ބައިޑެން އަށް ބާރު އަޅަމުންނެވެ. ކާބުލް އެއާޕޯޓުގެ ސެކިއުރިޓީ މި ވަގުތު ބަލަހައްޓަމުން ދަނީ އެމެރިކާ ސިފައިންނެވެ. އަފްގާން ފަސްގަނޑު ދޫކޮށް ދިޔުމުގައި އަމަލު ކުރެއްވި ގޮތާ މެދު ބައިޑެން ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ބައިޑެން ވިދާޅުވީ އޯގަސްޓު 31 ގެ ކުރިން އެމެރިކާގެ ހުރިހާ ރައްޔިތުން އަނބުރާ ގައުމަށް ގެނެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށްދާ ވަރަކަށް ބަދަލެއް ގެންނަން ޖެހޭ ނަމަ ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވައިގެ މަގުން ކުއްލި ގޮތަކަށް މީހުން ސަލާމަތް ކުރަން ޖެހުނު އެންމެ ބޮޑު އަދި އެންމެ އުނދަގޫ ފަހަރު ކަމަށް ތާރީހުން ހެކިދޭނެ. މި މަސައްކަތުގެ އެންމެ ފަހުގެ ނަތީޖާ ނިކުންނާނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ޔަގީންކޮށް ދަންނަވާކަށް ނޭނގޭ،" ބައިޑެން ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ވޮޝިންޓަން ބިޔުރޯގެ ވެރިޔާ، ސާރާ ހޮލެވިންސްކީ ދެއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ކާބުލް އެއާޕޯޓުން ދަތުރު ކުރާ ފްލައިޓުތަކުގެ އަދަދު އިތުރު ނުކުރާ ނަމަ ފުރާނަ އަށް އެންމެ ބޮޑު ނުރައްކަލެއް އޮތް އަފްގާން ރައްޔިތުންނަށް އޯގަސްޓު 31 ގެ ކުރިން ނުފުރޭނެ ކަމަށެވެ.

އެއާޕޯޓުގެ ކޮންކްރީޓް ފާރުގެ ބޭރުގައި އެތައް ހާސް ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން އަދިވެސް ޖަމާވެގެން ތިބީ ފުރައިގެން ދިޔުމުގެ އުއްމީދުގަ އެވެ.

ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެއްވެފައި ތިބި މީހުން ކޮންޓްރޯލް ކުރަން އެމެރިކާ ސިފައިން ވަނީ ވައިގެ ތެރެއަށް ބަޑި ޖަހާފަ އެވެ. އަދި ވައިގެ ތެރޭގައި ކަރުނަ ގޭހުގެ އަސަރު ހުރި ކަމަށް ވެސް ރައިޒް ޓު ޕީސް އެންޖީއޯ އިން ނެރުނު ވީޑިއޯއަކުން ދެއްކި އެވެ.

ވައިޓް ހައުސް އިން ބުނީ ހަފްތާއަކަށް ވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި އެމެރިކާގެ އަސްކަރީ އުޅަނދުތަކުގައި 13،000 އަށް ވުރެ ގިނަ މީހުން ކާބުލް އިން ފުރި ކަމަށެވެ. ނަމަވެސް 20 އަހަރުގެ ދިގު ހަނގުރާމަ އަށް ފަހު އަފްގާނިސްތާނުގައި މި ވަގުތު ތިބީ އެމެރިކާގެ ކިހާ އަދަދެއްގެ ރައްޔިތުންނެއް ކަމެއް ވެސް އެމެރިކާ ސަރުކާރަށް ނޭނގޭ ކަމަށް ބައިޑެން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ތުރުކީ އަދި ފްރާންސާއި ޔޫރަޕުގެ އެހެން ގައުމުތަކުގެ ސިފައިން ވެސް ދަނީ ކާބުލް އެއާޕޯޓުން މީހުން ފުރުވުމަށް ހަރަކާތްތެރިވަމުންނެވެ.

ނަމަވެސް އެ އޮޕަރޭޝަނަކީ ނުރައްކާތެރި އަދި ގިނަ ލޮޖިސްޓިކަލް ގޮންޖެހުންތަކެއް އޮތް އޮޕަރޭޝަނެކެވެ.

ހުކުރު ދުވަހު ކާބުލް އެއާޕޯޓުން ފްލައިޓު ފުރުން މެދުކެނޑިފައި އެތައް ގަޑިއިރެއް ވަންދެން އޮތެވެ. އެކަން ދިމާވީ ފްލައިޓުތައް މަޑުކުރާ ގަތަރުގެ ސްޓޭޖިން ބޭސްގައި މާ މީހުން ގިނަވުމުންނެވެ. ނަމަވެސް މިހާރު ވަނީ އަލުން ފްލައިޓު ދަތުރު ކުރަން ފަށާފަ އެވެ.

ދެ މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ ވީޑިއޯއަކުން ފެންނަނީ އެމެރިކާގެ ސިފައިންގެ މީހަކު އެއާޕޯޓުގެ ފާރު މަތިން ތުއްތު ކުއްޖަކު އުފުލާލައިގެން އާއިލާއާ ހަވާލުކުރާ މަންޒަރެވެ. ޕެންޓަގަން އިން ބުނީ އެ ކުއްޖާ ބަލިވުމުން ބައްޕަ އެހީ އަށް އެދުނު ކަމަށާއި ފަރުވާ ދިނީ އެމެރިކާ ސިފައިން ކަމަށެވެ.

ނޭޓޯގެ ޗީފް ޖެންސް ސްޓޮލްޓެންބާގް ހުކުރު ދުވަހު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ފުރަން ބޭނުންވާ މީހުންނަށް ކާބުލް އެއާޕޯޓަށް ދެވޭނެކަން ކަށަވަރު ކުރުމާއި އެއާޕޯޓު ތެރެއަށް ވަދެވޭނެކަން ކަށަވަރު ކުރުން ކަމަށެވެ. އެއާޕޯޓަށް ދާން މަސައްކަތް ކުރި ޖަރުމަނު ރައްޔިތެއްގެ ބަޑި ޖަހާފައި ވެ އެވެ.

ބަދަލު ނުހިފާނެ ކަމަށް ތާލިބާނުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ކުރީ ސަރުކާރުގެ އޮފިޝަލުންނާއި އެމެރިކާ އާއި ނޭޓޯ އަށް މަސައްކަތް ކޮށްދިން މީހުން ހޯދާ ހިފުމަށް ހަނގުރާމަވެރިން ދޮރުން ދޮރަށް ހިނގަމުންދާ ކަމަށް އދ. ގެ ޖާސޫސީ މައުލޫމާތުން އެނގިފައި ވެ އެވެ.

އޭގެ އިތުރުން ކާބުލް އެއާޕޯޓަށް ދާ މީހުން ހުއްޓުވާ ސްކްރީން ކުރަމުންދާ ކަމަށް ވެސް އެނގިފައި ވެ އެވެ. ޖަރުމަނުގެ ޕަބްލިކް ބްރޯޑްކާސްޓަރު، ޑިއުޝް ވެލް އިން ހުކުރު ދުވަހު ބުނީ އެޑިޓަރު ހޯދައި ހައްޔަރު ކުރުމަށް ހަނގުރާމަވެރިން ކުރި މަސައްކަތުގައި ނޫސްވެރިއެއްގެ އާއިލީ މެމްބަރަކު މަރާލި ކަމަށެވެ.

ތާލިބާނުން ބުނީ ހަނގުރާމަވެރިން ގެތަކަށް ވަންނަން ހުއްދަ ދީފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ހަނގުރާމަވެރިން އެންގުމާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް އެއްބަސްވި އެވެ.

ތާލިބާނުންގެ އިސް އޮފިޝަލަކު އެކަމާ ގުޅިގެން ޓްވިޓާގައި ލިޔުނީ އެއީ ލަދުގަންނަ ކަމެއް ކަމަށާއި އެގޮތަށް ބައެއް ހަނގުރާމަވެރިން އުޅޭތީ ދޭނެ ޖަވާބެއް ވެސް ނޭނގޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox