ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ޕެނަމާގެ އާގުބޯޓެއް މިއަދު އުރުނު ކ. ރަސްފަރި ފަރަކީ، ހިމާޔަތްކޮށްފައިވާ ފަރެކެވެ.
އެމްއެންޑީއެފުން ބުނީ އެ އާގު ބޯޓު އަރާފައިވަނީ، ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ، ތިން ހެކްޓަރުގެ އެ ފަރުގެ ހުޅަނގު ފަރާތަށް ކަމަށެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޮސް އަމަރީލިސް" އާގުބޯޓަކީ 58735 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުޅާމިނުގައި 32.26 މީޓަރު އަދި ދިގުމިނުގައި 189.99 މީޓަރު ހުރެ އެވެ.

އުރުނު އާގުބޯޓު ފަރުމަތީގައި.

ފަރަށް އަރާ އުޅަނދުތަކާ މެދު އީޕީއޭ އިން އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ދިވެހި ބޯޓެއް ފުރަތަމަ ފަހަރަށް ފަރަށް އަރައިފި ނަމަ، ދޭނީ އިންޒާރެކެވެ. އެހެން ނަމަވެސް ދެ ވަނަ ފަހަރުން ފެށިގެން ޖޫރިމަނާ ކުރެ އެވެ. އެކަމަކު ހިމާޔަތްކޮށްފައިވާ ފަރަކަށް ފުރަތަމަ ފަހަރަށް ބޯޓެއް އެރި ނަމަވެސް ޖޫރިމަނާ ކުރާނެ އެވެ.
މީގެ ކުރިން ވެސް އުޅަނދުތައް ފަރަށް އަރައިގެން ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން 2013 ވަނަ އަހަރު މާލޭ ރާޅުގަނޑާ ދިމާލުން ފަރަށް އެރި އާގުބޯޓެއް 61.6 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި 1997 ވަނަ އަހަރު އެ ސަރަހައްދަށް އުރުނު އާގުބޯޓެއް 4.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.












