ތާލިބާން ވެރިކަން: ޓެރަރިސްޓުންނަށް އުފާވެރިކަން؟

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ކުނާރް ޕްރޮވިންސްގެ މީހުން މަދު ވާދީތަކާއި އޮންލައިން ޓެރަރިސްޓް ޗެޓް ފޯރަމްތަކުގައި އަލް ގައިދާގެ ސަޕޯޓަރުން އުފާ ފާޅުކުރަމުން ދަނީ ތާލިބާނުންނަށް "ތާރީހީ ކާމިޔާބެއް" ލިބުނު ކަމަށް ބުނެ އެވެ.

މީގެ 20 އަހަރު ކުރިން ތާލިބާނާއި އަލް ގައިދާ އަށް ގުޑުން ގެނައި ބޭރުގެ ފައުޖުތަކުން ލަދުވެތި ގޮތަކަށް އަފްގާން ފަސްގަނޑު ދޫކޮށް ދިޔުމަކީ ދުނިޔޭގެ އެތަން މިތަނުގައި ތިބި ޓެރަރިސްޓް ޖަމާއަތްތަކާއި ޓެރަރިސްޓުންނަށް ލިބުނު ހިތްވަރެކެވެ.

ފިލައި ތިބެ ތަމްރީންވެ ހަރަކާތްތައް ހިންގަން އެންމެ ފަހި މާހައުލުތައް، އަފްގާނިސްތާނުގައި އުފެދޭނެ ކަމަށް އެ މީހުން ދެކެ އެވެ. ކުރިމަގާ މެދު އެންމެ އުފަލުން ތިބި އެއް ބަޔަކީ އިރާގާއި ސީރިއާއިން ފައްސާލި އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ.

ހުޅަނގުގެ އަސްކަރީ ޖެނެރަލުންނާއި ސިޔާސީ ލީޑަރުން މިހާރު ވެސް ގެންދަނީ އަލް ގައިދާގެ އެނބުރި އައުން ނުހުއްޓުވޭނެ ކަމުގެ އިންޒާރު ދެމުންނެވެ.

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ބައިނަލްއަގްވާމީ ޓެރަރިސްޓް ގްރޫޕުތަކަށް ރައްކާތެރިކަން ލިބޭނެ ތަނަކަށް އަފްގާނިސްތާން ވިޔަ ނުދިނުމަށް ހުޅަނގުގެ ގައުމުތަކުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ހޯމަ ދުވަހު އދ. ގެ ސެކެޓްރީނެ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލެއްވީ ލިބެން ހުރި ހުރިހާ ވަސީލާތެއް ބޭނުންކޮށްގެން އަފްގާނިސްތާނުގައި އޮތް ޓެރަރިސްޓް ނުރައްކާ ނައްތާލުމަށެވެ.

ނަމަވެސް ތާލިބާނުން ވެރިކަމަށް އައުމަކީ އަލް ގައިދާގެ އަސްކަރީ މަރުކަޒުތައް ހިންގަން ފަށާނެ ކަމުގެ ޔަގީންކަމެއް ހެއްޔެވެ؟ އަދި އަފްގާނިސްތާނަކީ އެހެން ގައުމުތަކަށް ހަމަލާ ދޭން ހާއްސަ ޕްލެޓްފޯމަކަށް ވާނެ ކަމުގެ ޔަގީންކަމެއް ހެއްޔެވެ؟

ސައްހަ ސަރުކާރެއް ކަމަށް ބަލައިގަންނަން ބޭނުންވުން

އެންމެ ފަހުން ތާލިބާނުން މުޅި އަފްގާނިސްތާނުގައި ވެރިކަން ކުރީ 1996 އިން 2001 އަށެވެ. އޭރު އެ މީހުން ދިޔައީ އިސްލާމީ ހަރުކަށި ވިސްނުންތައް ތަންފީޒު ކުރަމުންނެވެ.

އޭރު ތާލިބާން ސަރުކާރަކީ ސައްހަ ސަރުކާރެއް ކަމަށް ބަލައިގަތީ އެންމެ ތިން ގައުމުންނެވެ. އެއީ ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ޔޫއޭއީ އެވެ.

އަފްގާން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން ތާލިބާން ސަރުކާރުން ވަނީ އުސާމާ ބިން ލާދިންގެ އަލް ގައިދާ ޖަމާއަތަށް އޮޕަރޭޓް ކުރަން މާހައުލަ ފަހިކޮށްދީފަ އެވެ. އަލް ގައިދާ އަކީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ހަމަލާތަކެއް ދީ 3،000 މީހުން މަރާލުމުގެ ފަހަތުގައިވާ ގްރޫޕެވެ.

ބެލެވޭ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަފްގާނިސްތާނަށް ދިޔަ 20،000 ރެކްރޫޓުން އަލް ގައިދާ ތަމްރީން މަރުކަޒުތަކުން ތަމްރީންވި އެވެ. ހަނގުރާމައިގެ ނުރައްކާތެރި އުކުޅުތައް ދަސްކޮށްގެން އެ މީހުން އެނބުރި ދިޔެއީ އަމިއްލަ ގައުމުތަކަށެވެ.

މިއަދު ވެސް ތާލިބާނުން ދެކޭ ގޮތުގައި އިންތިހާބަކާ ނުލައި ވިޔަސް އެ މީހުންނަކީ "އަފްގާނިސްތާނުގެ އިސްލާމީ ވެރިކަމުގެ" ލީޑަރުންނެވެ. އެހެންކަމުން ބައިނަލްއަގްވާމީ ގޮތުން ކޮންމެވެސް ވަރަކަށް އެ މީހުންގެ ސައްހަކަން ބަލައިގަންނަން އެދެ އެވެ.

މި ވަގުތު ތާލިބާނުން ދައްކާ މަންޒަރުތަކުން، އެ މީހުން ބޭނުން ވަނީ އަފްގާނިސްތާނަށް ހަމަޖެހުމާއި ގާނޫނީ ބާރު ހިނގާ ވެރިކަމެއް ގެނައުމަށެވެ. އަދި ފާއިތުވި 20 އަހަރު ފެތުރުނު ކޮރަޕްޝަނާއި އެތެރޭގެ ހަމަނުޖެހުން ނިންމުމަށެވެ.

ދޯހާގައި ކުރިއަށް ދިޔަ ސުލްހައިގެ މަޝްވަރާތައް ފެއިލްވި ނަމަވެސް، ތާލިބާނުންނަށް އަންގާފައި ވަނީ ބައިނަލްއަގްވާމީ ގޮތުން އެ މީހުންގެ ސަރުކާރެއް ބަލައިގަންނާނީ އެ މީހުން އަލް ގައިދާއާ އެއްކޮށް ދުރުހެލިވުމުން ކަމެވެ.

ތާލިބާނުން ބުނެފައި ވަނީ މިހާރު ވެސް އަލް ގައިދާއާ ގުޅުން ކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް ދާދި ފަހުން ނެރުނު އދ. ގެ ރިޕޯޓެއްގައިވާ ގޮތުން ތާލިބާނާއި އަލް ގައިދާ އާ ދެމެދު އަދިވެސް ގާތް ގުޅުންތަކެއް ވެ އެވެ. އެއީ ކައިވެނީގެ ސަބަބުން އަދި ގަބީލާތަކުގެ ސަބަބުން އޮތް ގުޅުންތަކެވެ.

ހައިރާން ކުރުވަނިވި ގޮތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ތާލިބާނުން އަފްގާނިސްތާން ހިފާފައި ވާއިރު، ތާލިބާން ހަނގުރާމަވެރިންގެ ތެރޭގައި "ބޭރުގެ" ރައްޔިތުން ތިބި ކަމަށް ބައެއް ރިޕޯޓުތައް އައެވެ. އެއީ އަފްގާން ރައްޔިތުން ނޫން ހަނގުރާމަވެރިންނެވެ.

އޭގެ އިތުރުން ތާލިބާނުންގެ ތަރުޖަމާނުންނާއި ނެގޯޝިއޭޓަރުން މެދުމިނުގެ ވިސްނުމުގައި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި އަނިޔާވެރި ބަދަލު ހިފުމުގެ އަމަލުތައް ހިނގާކަމުގެ ހެކި އެބަ ހުއްޓެވެ.

އޯގަސްޓު 12 ވަނަ ދުވަހު ތާލިބާނުން ދިޔެއީ ވެރިރަށް ކާބުލްއާ ދިމާލަށް މިސްރާބު ޖަހަމުންނެވެ. އޭރު ކާބުލްގައި ހުންނަ އެމެރިކާގެ ޗާޖް ޑިއެފެއާޒް އިން ކުރި ޓްވީޓެއްގައި ވަނީ މިހެންނެވެ.

"ދޯހާގައި ތިބި ތާލިބާނުން ނެރޭ ބަޔާންތަކާއި ބަދަކްޝަން، ގަޒްނީ، ހެލްމަންދް އަދި ކަންދަހާރުން ފެންނަ އެ މީހުންގެ އަމަލުތަކާ ވަރަށް ތަފާތު. އަނިޔާވެރިކަމާއި، ބިރުވެރިކަމާއި ހަނގުރާމައިގެ ތެރެއިން ބާރު ގާއިމްކުރަން އުޅޭ ނަމަ ބައިނަލްއަގްވާމީ މުޖުތަމައިން އެކަހެރިވާނެ".

ޓެރަރިސްޓުން ހިފަހައްޓަން ހުޅަނގަށް އުނދަގޫ ވާނެ

ތާލިބާނުންގެ އަމާޒަކީ އަފްގާނިސްތާނުގެ ބޯޑަރުގެ ތެރޭގައި އެ މީހުން ގަބޫލު ކުރާ އިސްލާމީ ވެރިކަން ހިންގުމެވެ. އެއަށް ވުރެ ބޭރަށް ބާރު ހިންގާކަށް އެ މީހުން ނުވިސްނަ އެވެ.

ނަމަވެސް އަލް ގައިދާ އާއި އައިއެސްގެ ޓެރަރިސްޓުންގެ އަމާޒު ތަފާތެވެ. އަފްގާން ބޯޑަަރު ފަހަނަ އަޅައި ގޮސް ހަރަކާތް ހިންގަން އެ މީހުން ބޭނުންވެ އެވެ. އެ ޓެރަރިސްޓުން ހުއްޓުވަން ތާލިބާން ސަރުކާރުން ބޭނުންވުމުގެ ފުރުސަތެއް އެބަ އޮތެވެ. އެކަމަކު ސަރުކާރަށް ނޭނގި އަފްގާނިސްތާނުގެ ސަހަރާތަކުގައި ސިއްރު ހަރަކާތްތައް ހިންގުމުގެ ފުރުސަތު ވެސް ބޮޑެވެ.

އޭޝިއޭ ޕެސިފިކް ފައުންޑޭޝަންގެ ޑރ. ސައްޖާން ގޮހެލް ވިދާޅުވީ މި ވަގުތު ކުނާރްގައި ތިބި ކަމަށް ބެލެވޭ 500 އެއްހާ އަލް ގައިދާ މެމްބަރުންގެ ތެރެއަށް އިތުރު މެމްބަރުން އިތުރު ވާނެ ކަމަށެވެ.

"ތާލިބާނުންނަށް ކުނާރް ޕްރޮވިންސް ލިބުމަކީ ސްޓްރެޓެޖިކް ގޮތުން ބޮޑު ކުރިއެރުމެއް. އެ ތަނަކީ ގަސްތައް ގިނަ ވާދީ ފަދަ ފިލައިގެން އުޅެން ފަސޭހަ ގުދުރަތީ މާހައުލެއް އޮތް ޕްރޮވިންސެއް. މިހާރު ވެސް އެ ތަނުގައި އަލް ގައިދާ ހަނގުރާމަވެރިން ތިބިއިރު، ފުޅާ ކުރަން މަސައްކަތް ކުރާނެ".

އެގޮތަށް އަލް ގައިދާ ފުޅާވެއްޖެ ނަމަ އެ މީހުންގެ ހަރަކާތްތައް ހުއްޓުވަން އުނދަގޫ ވާނެ އެވެެ.

ފާއިތުވި 20 އަހަރު އަލް ގައިދާ ހަނގުރާމަވެރިން ހުއްޓުވާފައި ވަނީ އަފްގާން ޖާސޫސީ އިދާރާ އެންޑީއެސްގެ ޖާސޫސުންނާއި އިނގިރޭސި، އެމެރިކާ އަދި އަފްގާން ހާއްސަ ސިފައިންގެ މަސައްކަތުންނެވެ.

މިއަދު އެ ހުރިހާ އެއްޗެއް ނެތި ދިޔުމުން، ޖާސޫސީ މައުލޫމާތު ހޯދަން އަފްގާނިސްތާނަކީ "އުނދަގޫ ޓާގެޓެކެވެ".

އަލް ގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން.-- ފޮޓޯ: ގެޓީ އިމޭޖަޒް
އަލް ގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން.-- ފޮޓޯ: ގެޓީ އިމޭޖަޒް

އަލް ގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން.-- ފޮޓޯ: ގެޓީ އިމޭޖަޒް

ޓެރަރިސްޓުން ތަމްރީން ކުރާ މަރުކަޒުތައް ހޯދައި ދެނެގަނެވިއްޖެ ނަމަ، އެ ތަންތަން ނައްތާލުމަށް އެމެރިކާއިން ވައިގެ ނުވަތަ ޑްރޯން ހަމަލާ ދޭނެ ކަމަށް ބެލެވެ އެވެ. އުސާމާ ބިން ލާދިން އާ ދެކޮޅަށް 1998 އެފަދަ މިސައިލް ހަމަލާތައް ދިން ނަމަވެސް ކާމިޔާބެއް ނުވި އެވެ.

ޑރ. ގޮހެލް ވިދާޅުވީ އަފްގާނިސްތާނުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގުމާ ގުޅޭ ބޮޑު ބައެއް ބިނާ ވަނީ ބޭރުގެ ހަނގުރާމަވެރިން އަފްގާނިސްތާނަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމަށް ޖެހިގެން އޮތް ޕާކިސްތާނުން ކުރާ މަސައްކަތެއްގެ މައްޗަށް ކަމަށެވެ.

ނޯޓް: މި ލިޔުމަކީ ބީބީސީގެ "އަފްގާނިސްތާން: ވިލް އިޓް ބިކަމް ހޭވަން ފޯ ޓެރާ ވިތް ދަ ތާލިބާން އިން ޕަވާ؟" ލިޔުމުގެ ތަރުޖަމާ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox