ބާސެލޯނާ (އޮގަސްޓް 17) - ބާސެލޯނާގައި ކުރިން ހުރި ރައީސް ޔޯސެފް މާރިއާ ބާޓޮމެއު އަކީ މަކަރުވެރިއެއް ކަމަށް އެ ކްލަބްގެ މިހާރުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
މާލީ ހާލަތު އޮތްގޮތުން ލިއޮނަލް މެސީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ނުކުރެވި ބާސެލޯނާ އަށް ޖެހުނީ އޭނާ ހިލޭ ދޫކޮށްލާށެވެ. އެކަމާ ލަޕޯޓާ އަށް އެ ކްލަބްގެ އާންމު މެމްބަރުންގެ ފާޑުކިޔުން އަމާޒުވިއިރު، ކްލަބްގެ އެކި ފަރާތްތަކުން ވަނީ ކަންތައްތައް ހިނގާދިޔަ ގޮތް އޮޅުންފިލުވައިދޭން ލަޕޯޓާ އަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި ކްލަބްގެ ސީނިއާ ކުޅުންތެރިން ވެސް ހިމެނެ އެވެ.
ލަޕޯޓާ އިއްޔެ ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މި ވަގުތަށް ބަލާއިރު ބާސެލޯނާގެ ދަރަންޏަކީ 1.5 ބިލިއަން ޑޮލަރު ކަމަށެވެ. ބާސެލޯނާގެ މުސާރައިގެ ޖުމްލަ އަދަދު އުޅެނީ ލިބޭ އާމްދަނީއާ ބަލާއިރު 103 ޕަސެންޓްގަ އެވެ. މެސީގެ ފަސް އަހަރުގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރިނަމަ އެ އަދަދު 110 ޕަސެންޓަށް އަރާނެ ކަމަށް އެ ކްލަބުން ބުނެފައިވެ އެވެ.
ލަލީގާ އިން މެސީގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ހުރަސް އެޅީ އެ ކްލަބްގެ ޖުމްލަ މުސާރައިގެ ޕަސެންޓް 90 ޕަސެންޓަށް ވުރެ ކުޑަ ކުރަން ޖެހޭނެ ކަމަށް ބުނެ އެވެ. އެކަން ނުކުރެވި މެސީ ވަނީ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ބަދަލުވެފަ އެވެ.
ލަޕޯޓާ ވިދާޅުވީ ކްލަބް މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ބާޓޮމެއު ކަމަށެވެ. މިދިޔަ މާޗް މަހު ބާސެލޯނާގެ ރައީސް ކަމަށް ހަވާލުވެ ލަޕޯޓާ އަށް ފުރަތަމަ ކުރަން ޖެހުނު ކަމަކީ ކްލަބްގެ ސްޓާފުންނަށް މުސާރަ ދެވޭނެ ފައިސާ ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެމެންނަށް މުސާރަ ދެވުނީ 80 މިލިއަން ޔޫރޯގެ ލޯނެއް ނަގައިގެން. އެހެން ނޫންނަމަ އެކަން ވެސް ނުކުރެވޭނެ. މި ކްލަބްގެ މާލީ ހާލަތު އޮތީ ބޮންސުންލާފައި އެކި މީހުންނަށް އެބަހުރި ދޭން ނުޖެހޭ ޕޭމަންޓްތަކެއް ދައްކާފައި. ބޭނުންނުހިފޭ ސްކައުޓުންނަށް ވެސް ހުރީ ވަރަށް ބޭކާރު ހަރަދުކޮށްފައި. ސްޕޮންސަރުންގެ ފައިސާ އެބަހުރި ދެ ފަހަރު ތިން ފަހަރު ވެސް ނަގާފައި،" ލަޕޯޓާ ވިދާޅުވި އެވެ.
"ބާޓޮމެއު ވަނީ ދޮގު ހަދާފައި. އޭނާ އަކީ މަކަރުވެރިއެއް،"
ލަޕޯޓާ ދެއްކެވި ވާހަކަތަކަށް ލަހެއް ނުވެ ބާޓޮމެއު ވަނީ ޖަވާބު ދީފަ އެވެ. ބާޓޮމެއުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަދަކަމުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަސައްކަތް ކޮށްގެން މިދިޔަ އޮކްޓޫބަރު މަހު އެކަން ނުކުރިނަމަ މިހާރު ބާސެލޯނާގެ އެ ހާލަތު ނޯންނާނެ ކަމަށެވެ.
"އަހަރެމެން ވިސްނައިގެން ތިބީ މި އަހަރު މާޗް 21 ވަނަ ދުވަހު އިންތިހާބު ބާއްވައި މިދިޔަ ސީޒަނުގެ ނިޔަލަށް ކްލަބްގެ މާލީ ހާލަތު ބޮޑުތަނުން ރަނގަޅު ކުރަން. އެ ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަަގަން އުޅެ އަވަސް އިންތިހާބަކަށް ގޮވާލުމަށް ބާރު އަޅަން ފެށުމުން. އަހަރެމެންގެ ޕްލޭނަށް ހުރަސް އެޅުމަކީ ގޯސް ކަމެއްކަން މިހާރު އެ އޮތީ ފެންނަން،" ބާޓޮމެއު ވިދާޅުވި އެވެ.
ބާޓޮމެއު ވަނީ މެސީ މަޑުކުރެވޭ ވަރަށް ބާސެލޯނާގެ މާލީ ހާލަތު ރަނގަޅު ކުރެވުނިސް ކަމަށް ވިދާޅުވެފަ އެވެ.
ލަޕޯޓާ ވިދާޅުވީ ބާޓޮމެއު ނެރުނު ބަޔާނުން އަދިވެސް އެނގޭ ކަމަކީ އޭނާ ހަގީގަތް ހާމަކުރަން ބޭނުންނުވާކަން ކަމަށެވެ. އަދި ބާސެލޯނާގެ މިހާރުގެ ހާލަތަކީ ހަމައެކަނި އެއް އަހަރުން ވީ ކަމެއް ނޫންކަން ލަޕޯޓާ ފާހަގަކުރެއްވި އެވެ. މިއީ ބާޓޮމެއު ރައީސަކަށް ހުންނަވައި މިދިޔަ ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރު ނިންމި ގޯސް ނިންމުންތަކެއްގެ ނަތީޖާ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ މިހާރު އޮތް މާލީ އަޑިގަނޑުން އަރައިގަންނަން އެންމެ އަވަސް ވެގެންވެސް ދޮޅު އަހަރެއްހާ ދުވަހުގެ މުއްދަތެއް ނަގާނެ އެވެ.












