އާބިޓްރޭޝަނަށް ބަޔާނެއް ނުދެއްވާ ކަމަށް ވިދާޅުވެ ދައުވާއަށް މުއިއްޒު އިންކާރުކުރައްވައިފި

މުއިއްޒު: އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައި - ފޮޓޯ: ހުސެެއިން ވަހީދު / އަދަދު

މުއިއްޒު: އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައި - ފޮޓޯ: ހުސެެއިން ވަހީދު / އަދަދު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އެ ކުންފުނިން ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި ބަޔާނެއް ދެއްވާފައިނުވާނެ ކަމަށް ވިދާޅުވެ، ދައުވާއަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އިންކާރު ކުރައްވައިފި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ އެވެ. ދައުލަތުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި މުއިއްޒުގެ މައްޗަށް ދައުވާ އިއްވައިފަ އެވެ.

އެ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުއުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައްސަލާގެ އިބްތިދާއީ މަރުހަލާ ފަށައި، ދައުވާ ސާފުކުރުމަށް ޝަރީއަތުން ވަނީ މުއިއްޒަށް ފުރުސަތު ދީފަ އެވެ. އެ ފުރުސަތުގައި މުއިއްޒުގެ ފަރާތުން ގިނަ ސުވާލުތަކެއް ދައުލަތަށް ކުރިމަތިކުރުވި އެވެ. އަދި، އެކަމުގައި ދައުލަތާއި މުއިއްޒުގެ ވަކީލުންނާ ދެމެދު ބަހުސް ހޫނުވެގެން ވެސް ދިޔަ އެވެ.

ދައުވާ ސާފުކުރަން ގިނަ ސުވާލުތަކެއް، ބަހުސްވީ ހޫނު

މުއިއްޒުގެ ވަކީލް އަހުމަދު ހައިޝަމް ވަޖީހު އެންމެ ފުރަތަމަ ސުވާލު ކުރެއްވީ ދައުވާ ކުރާ މާއްދާއާ ގުޅޭ ކަންތައްތަކެކެވެ. އެގޮތުން ދައުވާ ކުރުމުގައި ހަވާލާދޭ ގާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރުގައި ހިމެނޭ ދެ ކަންތަކުގެ ތެރެއިން ދައުލަތުން މި މައްސަލާގައި ހަވާލާދެނީ ކޮން ކަމަކަށްތޯ އެއްސެވި އެވެ.

އެ މާއްދާގައި ބުނަނީ އެ ބަޔާން ދެނީ އޭގެ ތެދުކަން ގަބޫލުނުކުރާ ހާލު، ހުވައެއްގެ މަތީގައި ހުރެކަމުގައިވުން ނުވަތަ އެ ހުވަޔާ އެއްފަދަ އެހެންވެސް ގޮތަކުން އެކަން ކަށަވަރުކޮށްދިނުމާ އެކުގައި ކަމުގައިވުން ނުވަތަ ކުރިން ދީފައިވާ ބަޔާނެއްގެ ތެދުކަމުގެ މައްޗަށް ހުވާކުރާ ހާލު ނުވަތަ އެކަން ކަށަވަރުކޮށްދޭ ހާލުގައި ކަމަށްވުމެވެ.

ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވި ގޮތުގައި އެ މާއްދާގައި ބުނާ ހުރިހާ ކަމެއް ވެސް މުއިއްޒުގެ މައްސަލައަށް ފިޓްވެ އެވެ. ދެން މުއިއްޒުގެ ފަރާތުން ސުވާލު އަމާޒުކުރީ 520 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރާ ގުޅޭ ގޮތުންނެވެ. އެ ނަންބަރުގައި ބުނަނީ ރަސްމީ އިދާރާއަކަށް ދޭ ބަޔާނަކަށް ވާން ޖެހޭނެ ކަމެވެ. ވަކީލް ހިޝާމް އެއްސެވީ މުއިއްޒު ބަޔާން ދެއްވި ރަސްމީ އިދާރާއަކީ ކޮބައިތޯ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ވަކީލް ނައުޝާދު ވިދާޅުވީ، މުއިއްޒު ބަޔާން ދެއްވީ ކޮން އިދާރާއަކަށްކަން ހުށަހަޅާފައިވާ ލިޔުންތަކުން ސާފުވާނެ ކަމަށެވެ. ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަށް އެދި މުއިއްޒުގެ ފަރާތުން ސުވާލު ތަކުރާރުކުރި އެވެ.

"ދައުވާގައި ބުނާ ޕާމެނެންޓް ކޯޓު އޮފް އާބިޓްރޭޝަންތޯ، އެތަންކަން ނުވަތަ ނޫންކަން ބުނެދީ،" މުއިއްޒުގެ ވަކީލް އާދަމް ޝަމީމް އެއްސެވި އެވެ.

މިއަދުގެ އަޑުއެހުމުގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ
މިއަދުގެ އަޑުއެހުމުގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

މިއަދުގެ އަޑުއެހުމުގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ދެން ވެސް ވަކީލް ނައުޝާދު ދެއްކެވީ މުއިއްޒު ދެއްވާފައިވާ ބަޔާންތަކެވެ. އެ ބަޔާންތަކުން މުއިއްޒު ބަޔާން ދެއްވި ގޮތާއި ބަޔާން ދެއްވި ތަން ވަރަށް ސާފުވާނެ ކަމަށާއި އެއަށްވުރެ ސާފުކޮށް އެ ސުވާލަށް ޖަވާބު ދޭނެ ގޮތެއް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަވާބާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވެސް ވިދާޅުވީ ދައުލަތުގެ ޖަވާބުން ރަސްމީ އިދާރާއަކީ ކޮބައިކަން ސާފު ނުވާ ކަމަށެވެ. ނަމަވެސް، އެ ސުވާލަށް ދައުލަތުން ޖަވާބުދީފި ކަމަށާއި އެ ޖަވާބާމެދު ހިތްހަަމަނުޖެހޭ ނަމަ، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި ދިފާއުއަށް ހުށަހެޅިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ސުވާލަށް ދައުލަތުން ޖަވާބު ނުދެއްވީ ކަމަށް ބަލައި އެހެން ސުވާލުތަކަށް ދާ ކަމަށް ވިދާޅުވެ، އާދަމް ޝަމީމް ދެން ސުވާލު ކުރެއްވީ ދޮގު ބަޔާން ހުށަހެޅީ މުއިއްޒުތޯކަން ސާފުކުރުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ހެކިބަސް ދިނީ ކާކު ކަމާއި ކޮން އިރަކުންކަން ވެސް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭނެ ކަމަށެވެ. އެ ލިޔުންތައް ބެލުމުން ވަރަށް ސާފުވާނެ ކަމަށެވެ.

"އަޅެ ބައްލަވާދެއްވާ، އެ ހުރީ ލިޔުންތަކުގައި އެނގެން،" ނައުޝާދު ވިދާޅުވި އެވެ.

އެ ޖަވާބާމެދު ވެސް އާދަމް ޝަމީމް ހިތްހަމައެއް ނުޖެހުނެވެ. އޭނާ ވިދާޅުވި ގޮތުގައި އަމިއްލައަށް ލިޔުންތައް ބަލައިގެން ކަންކަން ސާފުކުރަން ނުޖެހޭ ކަމަށެވެ. ސުވާލު ކުރަނީ ދައުލަތުން އެކަންކަން ސާފުކުރުމަށް ކަމަށާއި ސީދާ ޖަވާބު ނުދެއްވާނަމަ އެކަން ވެސް ބަޔާންކޮށްދިނުމަށް އޭނާ އެދުނެެވެ.

"އަޅުގަނޑުމެންނަކީ ތަންދޮރު ނުދަންނަ ބައެއް ކަމަށް ބަލައިގެން ނަމަވެސް ސާފުކޮށްދިނުމަށް އެދެން،" އާދަމް ޝަމީމް ވިދާޅުވި އެވެ.

އެއާއެކު ގާޒީ ވަނީ ދެ ފަރާތުން ވެސް އިހްތިރާމްއާއެކު ވާހަކަ ދެއްކުމަށް އެދިވަޑައިގެންފަ އެވެ.

ދެން އާދަމް ޝަމީމް ސުވާލު ކުރެއްވީ މުއިއްޒު ކުށް ކުރިނަމަ، ކުރީ ކޮން ތަނެއްގައި ހުރެގެންތޯ ކަމެވެ. ރާއްޖޭގައިތޯ ނޫނީ ރާއްޖޭން ބޭރުގަތޯ އެވެ. ގާޒީ އެ ސުވާލު ހުއްޓުވީ އެވެ. ވިދާޅުވީ، ރާއްޖޭން ބޭރުގައި ހުރެ ނަމަވެސް، ކުށެއްކޮށްފި ނަމަ އެއީ ކުށެއް ކަމާއި އެއީ ސާފުވާން މުހިންމު ކަމެއް ނޫން ކަމަށެވެ. އަދި ހުރިހާ ކަމެއް މި މަރުހަލާގައި ދައުލަތުން ބަޔާން ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ވަކީލް އާދަމް ޝަމީމް ދެން ސުވާލު ކުރެއްވީ މަސައްކަތުގެ ޝެޑިއުލްއާ ގުޅޭ ގޮތުންނެެވެ. ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ދިޔަ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، އެއީ ދޮގެއް ކަމަށް ދައުލަތުން ބުނަން ވާނީ ޝެޑިއުލްއެއްގެ މައްޗަށް ބިނާކޮށް ކަމަށް ވަކީލް ޝަމީމް ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަކީލް ނައުޝާދު ދެއްކެވީ މުއިއްޒު ދެއްވި ބަޔާނުގައި ބަޔާންކޮށްފައިވާ ކަންތައްތަކެވެ. އެކަމާ ހިތްހަމަނުޖެހިގެން ވަކީލް ޝަމީމް ވަނީ އޭނާ ކުރާ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ދައުލަތުން ބޭކާރު ވާހަކަތައް ދައްކަވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ދެން ވަކީލް ނައުޝާދު ފާހަގަ ކުރެއްވީ އޭނާ ކުރިން ވެސް ފާހަގަ ކުރެއްވި ކަންކަމެވެ. އަދި ވިދާޅުވީ މަސައްކަތުގެ ޝެޑިއުލެއް ނެތުމަކީ މަސައްކަތުގެ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރި ދިޔަ ކަމަށް ވުމެއް ނޫނެވެ.

"ސާފު ޖަވާބެއް ނުލިބޭ،" ވަކީލް އާދަމް ޝަމީމް ދެން ވެސް ވިދާޅުވީ މިހެނެވެ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން
މިއަދުގެ އަޑުއެހުމުގެ ތެރެއިން

މިއަދުގެ އަޑުއެހުމުގެ ތެރެއިން

އެކަމަކު، ގާޒީ ވަނީ ދައުވާ ސާފު ކުރުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި، މުއިއްޒުގެ ފަރާތުން ވެސް ވަނީ ދައުވާ ސާފުވެއްޖެ ކަމަށް ބުނެ ދައުވާތަކަށް ޖަވާބުދާރީވެފަ އެވެ.

އެގޮތުން ވަކީލް އާދަމް ޝަމީމް ވިދާޅުވި ގޮތުގައި މުޅި ދައުވާއަށާއި އޭގައި ހިމެނޭ ވަކިވަކި ކަންކަމަށް ވެސް މުއިއްޒު އިންކާރު ކުރައްވަ އެވެ. އެގޮތުން ނޫމަޑި މައްސަލާގައި އެއްވެސް ބަޔާނެއް ދީފައިނުވާނެ ކަމަށާއި އެ މަޝްރޫއުއާ ގުޅޭ މަޝްވަރާއެއްގައި ވެސް ބައިވެރިވެފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

ގާޒީ ދެން ފުރުސަތު ހުޅުވާލެއްވީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އޮތްތޯ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެފަދަ ހުށަހެޅުމެއް ނެތް ކަމަށެވެ. މި މައްސަލާގައި އެއްވެސް ހެއްކެއް ސިއްރުކުރުމަށް ދައުލަތުން ނޭދެ އެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅުންތަކެއް ހުށަހަޅަން ބޭނުންވާ ކަމަށް މުއިއްޒުގެ ވަކީލް ހިޝާމް ވިދާޅުވި އެވެ. އެހެންވެ، އެކަމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށް ގާޒީ ނިންމެވި އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ހުށަހެޅުންތައް ހުށަހެޅުމެވެ. އަޑުއެހުން ތާވަލުކުރީ އަންނަ މަހުގެ 20 ވަނަ ދުވަހަށެވެ.

މުއިއްޒު ވަނީ ރަސްމީ ދަތުރެއްގައި ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަކަށް ވެސް ކޯޓުގައި އެދިފަ އެވެ. މާލޭ ސިޓީ ކައުންސިލްގެ ވަފުދަކާއެކު ތުރުކީއަށް އަންނަ މަހުގެ 10 ވަނަ ދުވަހުން 18 ދުވަހާ ހަމައަށް ކުރަން އޮތް އެ ދަތުރުގައި ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރެ އެވެ. އެހެންވެ، ގާޒީ ވަނީ އެ ހުއްދަ މިއަދު މުއިއްޒަށް ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox