އައިއެސް ލީޑަރު ކަމަށް ބުނާ އަމީނަށް ހެކި ހުށަހަޅަން ފުރުސަތު ގެއްލިއްޖެ

އަމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: ހެކި ހުށަހެޅުމުގެ ފުރުސަތު ވަނީ ގެއްލިފައި

އަމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: ހެކި ހުށަހެޅުމުގެ ފުރުސަތު ވަނީ ގެއްލިފައި

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ދިފާއުވާން ހެކި ހުށަހަޅަން ބޭނުންވި ނަމަވެސް އޭނާއަށް އެ ފުރުސަތު މިހާރު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މީގެ ދެ އަހަރު ކުރިން ހައްޔަރުކޮށް، އަމީންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް އެ ދެ ދައުވާ އުފުލީ ދައުލަތުން ބުނާ ގޮތުގައި، އައިއެސްގެ ރާއްޖޭގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުމެއް ފެތުރުމަށް މަސައްކަތްކޮށްފައިވާތީ އެވެ. އަދި ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މީގެއިތުރުން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމާ އެކު، އަފްގާނިސްތާނުގައި އޮތް އައިއެސް ޖަމާއަތުގެ ބައިގަނޑަކަށް، ރާއްޖޭގެ ސެލް ލީޑަރެއްގެ ގޮތުގައި މީހަކު ފޮނުވި ކަމުގެ ތުހުމަތު ވެސް ދައުލަތުން އަމީންގެ މައްޗަށް ކުރެ އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ޝަރީއަތުގެ މަރުހަލާ ފެށުމަށް އިބްތިދާއީ ބަޔާން އިއްވުމުގެ އަޑުއެހުމެވެ. އަޑުއެހުމުގައި ދައުލަތުން ވަނީ އިބްތިދާއީ އަޑުއެހުންތަކުގައި ވެސް އަމީންގެ މައްޗަށް އިއްވާފައިވާ ދައުވާ ތަކުރާރުކޮށް، އޭނާގެ މައްޗަށް ހުރި ހެކިތައް ބަޔާންކޮށްފަ އެވެ. އެ ހެކިތަކަކީ އިބްތިދާއީ އަޑުއެހުމުގައި ވެސް ހާމަކޮށްފައިވާ ހެކިތަކެވެ.

އެގޮތުން ހެކިންގެ ތެރޭގައި ހިމެނެނީ ހަތަރު ސިއްރު ހެކިވެރިންނާއި ސިއްރު ލިޔުންތަކެއްގެ އިތުރުން ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓްތަކެވެ. ސިއްރު ލިޔުންތަކުގެ ތެރޭ އެމެރިކާއިން އަމީންއާ ގުޅޭ ގޮތުން ނެރެފައިވާ ދެ މެމޯއެއް ވެސް ހިމެނެ އެވެ.

އިބްތިދާއީ މަރުހަލާގައި އަމީނަށް ވެސް ހެކި ހުށަހަޅަން ފުރުސަތު ދިނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި އަމީންގެ ފަރާތުން ބުނެފައިވަނީ ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށެވެ.

އެކަމަކު، މިއަދުގެ އަޑުއެހުމުގައި އިބްތިދާއީ ބަޔާން އިއްވަމުން އަމީންގެ ވަކީލް އަހުމަދު ޔާމީން ވަނީ ދިފާއީ ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ވަކީލް އަމީން ވިދާޅުވި ގޮތުގައި، ދައުލަތުގެ ދައުވާތަކަށް އަމީން އިންކާރު ކުރެ އެވެ. އެ ދެ ދައުވާއަކީ ވެސް އެއްވެސް ހަގީގަތެއް ނެތް، އަސްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާތަކެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

އެހެންވެ، ދިފާއުގައި ހެކި ހުށަހަޅަން ބޭނުން ކަމާއި އިންސާފު ގާއިމް ކުރުމަށްޓަކައި އެއީ މުހިންމު ކަމެއްގެ ގޮތުގައި ޔާމީން ފާހަގަ ކުރެއްވި އެވެ. ނަމަވެސް، ދައުލަތުން އެކަމަށް އިއުތިރާޒު ކުރެއްވި އެވެ. ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ހިންގާއިރު މި މަރުހަލާއަކީ އާ ހެކި ހުށަހަޅަން ފުރުސަތު ދެވޭނެ މަރުހަލާއެއް ނޫން ކަމަށެވެ.

ވަކީލް ޔާމީން ވިދާޅުވީ، ދިފާއުގައި ހުށަހަޅާ ހެކިތަކަކީ ދައުލަތަށް ވެސް ދިރާސާކުރެވޭނެ ހެކިތަކެއް ކަމަށާއި އޭގެ ސަބަބުން މި މައްސަލާގެ އިންސާފު ގާއިމްވުމަށް މަގު ފަހިވެގެންދާނީ ކަމަށެވެ. އެހެންވެ، ގާޒީއަށް ލިބިވަޑައިގެންފައިވާ އިހްތިޔާރީ ބާރުގެ ދަށުން މި މަރުހަލާގައި ވެސް ހެކި ހުށަހަޅަން ފުރުސަތު ދިނުމަށް އެދުނެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިން އަމީނަށް ދިފާއީ ހެކި ހުށަހެޅިފައިނުވަނީ ހެކިތައް ޖަމާކުރެވިފައިނުވާތީ އެވެ. ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވަނީ ބައެއް މީހުންނާއި އަމީންގެ ވިސްނުންތައް ހުރި ގޮތް އެނގޭނެ ފަދަ އޭނާގެ އަތު ލިޔުންތަކެއް ކަމެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ، އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވި ގޮތުގައި އިބްތިދާއީ މަރުހަލާ ފެށުމަށް ވެސް ހެކި ހާމަކުރުމަށް އަމީނަށް އެކަށީގެންވާ މުއްދަތެއް ލިބުނެވެ. އެ މުއްދަތުގެ ބޭނުން ނުހިފައި މި މަރުހަލާގައި ހެކި ހުށަހަޅަން ފުރުސަތަށް އެދުނު ނަމަވެސް، އެ ފުރުސަތު ދެވެން ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އެހެންކަމުން، އަމީންގެ ދިފާއީ ހެއްކެއް މި މައްސަލާގައި ނުނަގާނެ އެވެ.

މިއަދު ވަކީލް ޔާމީން ވަނީ އިޖުރާއީ ދެ ނުކުތާއެއް ވެސް ފާހަގަކޮށްފަ އެވެ. އެއީ، މައްސަލާގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިއުނާފު މައްސަލަ ނުނިމޭތީ، މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ނުފަށާ މަޑުޖައްސާލުމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ވެސް ހަދާފައި ނެތް ކަމުގެ ނުކުތާ އެވެ.

ނަމަވެސް، އެކަމަށް ދައުލަތުން ވަނީ އިއުތިރާޒުކޮށްފަ އެވެ. އިސްގާޒީ ވެސް ނިންމެވީ މަތީ ކޯޓަކުން ޝަރީއަތް މަޑުޖައްސާލަން އަންގާފައި ނެތުމުން ޝަރީއަތް ކުރިއަށް ގެންދާށެވެ.

އިސްގާޒީ ޝަކީލް ވަނީ މައްސަލާގައި ދެން ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ވެސް އެކުލަވާލައްވާފަ އެވެ. އެގޮތުން، އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅަށް މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލު ކުރެވޭ ގޮތަށް ހެކިންގެ ހެކި ބަސް ނެގުމަށާއި ހެކި ބަހާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަދި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުންތައް ތާވަލު ކުރައްވާނެ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox