ބާސެލޯނާ (އޮގަސްޓް 16) - ބާސެލޯނާ އިން ލިއޮނަލް މެސީ ދާން ޖެހުނީ އެ ކްލަބްގެ ވައިސް ކެޕްޓަނުން މުސާރަ ކުޑަކުރަން ދެކޮޅު ހެދުމުން ކަމަށް ބުނެ, މީޑިއާގައި ދެކެވޭ ވާހަކަތަކުގެ ހަގީގަތް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ މީޑިއާގައި ހާމަކުރަން ޖެހޭ ކަމަށް ބާސެލޯނާގެ ވައިސް ކެޕްޓަން ޖޯޑީ އަލްބާ ބުނެފި އެވެ.
ބާސެލޯނާ އިން މެސީއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދަން ނިންމި ނަމަވެސް ލަލީގާ ގަވާއިދު ތަންނުދޭތީ މެސީ އަށް ޖެހުނީ އެ ޓީމު ދޫކޮށްލާށެވެ. ބާސެލޯނާގައި މެސީ އަށް ކުރިއަށް ނުދެވުނު އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގެ ޖުމްލަ މުސާރަތައް އިންތިހާ އަށް ބޮޑުވެފައިވާތީ އެވެ. ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން ވެސް މެސީ ލެވަލްގެ ކުުޅުންތެރިއެއްގެ އާ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރެވޭނެ ހައްލެއް ބާސެލޯނާ މެނޭޖްމަންޓަށް ނުހޯދުނެވެ. އެހެންވެ، އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް މެސީ މިހާރު ވަނީ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ.
ރޭ ރެއާލް ސޮސިއެޑާޑް އަތުން 4-2 އިން މޮޅުވި މެޗަށް ފަހު އަލްބާ ބުނީ މެސީ ޓީމުގައި ބަހައްޓަން މުސާރަ ކުޑަކުރަން އެއްވެސް އިރެއްގައި ދެކޮޅު ހަދާފައިނުވާނެ ކަމަށެވެ. އެއީ މެސީ އަކީ އޭނާއާ އެކު ބާސެލޯނާގައި އެންމެ ރަނގަޅު ކޮމްބިނޭޝަނެއް އޮތް ކުޅުންތެރިޔާކަން ހުރިހާ ސަޕޯޓަރުންނަށް ވެސް ފެންނާނެ ކަމަށް އަލްބާ ވަނީ ބުނެފަ އެވެ.
"މެސީ ޓީމު ދޫކޮށްލީ ކެޕްޓަނުންތަކެއް މުސާރަ ކުޑަކުރަން އެއްބަސްނުވެގެނެއް ނޫން. ކެޕްޓަނުން ތިބީ މުސާރަ ކުޑަކުރަން. މެސީގެ ކަންކަން ދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ކްލަބާއި އޭނާ އަށް. ކެޕްޓަނުން މުސާރަ ކުޑަކުރަން ބޭނުންނުވާ ކަމަށް އަހަރެން ވެސް މުސާރަ ކުޑަކުރަން ބޭނުންނުވާ ކަމަށް މީޑިއާތަކުގައި ހުރި ހުރިހާ ވާހަކަ އަކީ ދޮގެއް،" އަލްބާ ބުންޏެވެ.
"ހަގީގަތް ހާމަކުރަން ޖެހެނީ ކްލަބުން. ކްލަބްގެ ރައީސް. އެއީ އެ މީހުންނަށް މި ކަންތައްތައް ދިޔަ ގޮތް އެނގިހުރެ ހުރިހާ ކަމެއް ގޯސްވެގެން ދާއިރު އެހެން ތިބެގެން ނުވާނެ،"
މި ފަހަރުގެ ލީގު ފެށެން ކުޑަތަން ވެފައި އޮތްއިރު ވެސް ބާސެލޯނާގެ މުހިއްމު ތިން ކުޅުންތެރިއަކު އޮތީ ރަޖިސްޓްރީ ނުކުރެވި އެވެ. އެހެން އޮއްވައި އެކަން ކުރެވުނީ އެ ކްލަބްގެ ވައިސް ކެޕްޓަނެއް ކަމަށްވާ ޖެރާޑް ޕީކޭ މުސާރަ ކުޑަކުރުމުންނެެވެ.
ޕީކޭގެ މުސާރަ ކުޑަކުރުމާ އެކު ރަޖިސްޓްރީ ކުރެވުނު ތިން ކުޅުންތެރިންނަކީ ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ބަދަލުވި މެމްފިސް ޑިޕާއި އާއި އެރިކް ގާސިއާގެ އިތުރުން ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު އަލްބޭނިއާގެ ރޭއި މަނާޖް އެވެ.
މެސީ، ބާސެލޯނާ ދޫކޮށްލީ ބައެއް ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްނުވެގެން ކަމަށް ބުނެ، ބައެއް ބާސެލޯނާގެ ސަޕޯޓަރުން ވަނީ ކުޅުންތެރިންނާ ދެކޮޅަށް ޝުއޫރުފާޅުކޮށްފަ އެވެ. އެ ގޮތުން ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އެންޓޮއިން ގްރީޒްމަން އާއި ސެމިއުލް އުމްޓީޓީ ހިމެނެ އެވެ. ގްރީޒްމަން ބާސެލޯނާގެ ޓްރެއިނިން އަށް އައި ވަގުތު ކާރުގައި ހުއްޓައި ސަޕޯޓަރުންގެ ބަޔަކު އޭނާއާ ދިމާކޮށްލިއިރު، ގެމްޕާ ޓްރޮފީ މެޗުގައި އުމްޓީޓީއާ ދެކޮޅަށް ސަޕޯޓަރުން ވަނީ ދަނޑުގައި އަޑުގަދަކޮށްފަ އެވެ.












