ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލި އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް އޮޅުވާލައިގެން 200 އަށް ވުރެ ގިނަ މީހުން ހޯދާފައިވާކަމަށް އޮޑިޓް އޮފީހުން ފާހަގަކޮށްފި އެވެ.
ކޮވިޑް ބަލިމަޑުކަމާ އެކު އިގުތިސޯދަށް އައި ހީނަރުކަމުގެ ތެރޭގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ސްކީމެއް ތާއާރަފްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
މީގެ ތެރެއިން ވަޒީފާ ގެއްލުން ނުވަތަ ނޯ ޕޭއަށް މީހުންނަށް ދިނީ މަހަކު 5000ރ. އެވެ.
އަދި އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަޕޯޓް އެލަވަންސް ލިބުނީ 5000ރ. އަށް ވުރެ ދަށުން މުސާރަ ލިބޭ ނަމަ އެވެ.
އެ ސްކީމާ ގުޅޭގޮތުން އޮޑިޓް އޮފީހުން ހެދި ޕަފޯމަންސް އޮޑިޓުގައި ބުނެފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ އެލަވަންސް ހޯދަން ޖުމްލަ 132،363 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، އޭގެ ތެރެއިން 90 ޕަސަންޓް އެޕްލިކޭޝަން އެޕްރޫވްކޮށްފައިވާއިރު، 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަންތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ހިމަނާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮޑިޓު ހެދި މުއްދަތުގެ ތެރޭގައި 359.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.
އެ އެލަވަންސް ދޫކުރުމުގެ އުސޫލުތަކަށް ވެސް އެ ހާއްސަ އޮޑިޓުގައި ބަލާފައިވާއިރު، އެ ސްކީމަށް އެކަށީގެންވާ އުސޫލުތަކާއި އެލަވަންސް ދިނުމުގެ ރަނގަޅު ކްރައިޓީރިއާއެއް ގާއިމުކުރެވުނުކަމަށް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
ނަމަވެސް، އިންކަމް ސަޕޯޓް ހޯދަން އެދި ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި ގައުމީ ފެންވަރުގެ ނިޒާމެއް ނެތުމުގެ ސަބަބުން، އެކަމުގައި އިކޮނޮމިކް މިނިސްޓްރީއަށް ދަތިތަކެއް ކުރިމަތިވި ކަމަށް ފާހަގަކޮށްފައި ވެ އެވެ.
އެގޮތުން، މަހަކު 5،000ރ. އަށް ވުރެ މަދުން ލިބޭ ފަރާތްތަކަށް އެލަވަންސް ދޭން ނިންމާފައިވަނީ ލިބޭ އާމްދަނީ 5،000ރ. އިން އުނިކުރުމަށްފަހު ލިބޭ އަދަދުކަމަށް ވީނަމަވެސް، އިތުރު އާމްދަނީއެއް ލިބޭކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަން އޮޑިޓުގައި ބުނެފައި ވެ އެވެ.
އަދި ނަގުދު ފައިސާގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ލިބޭ އަދަދުތައް ޔަގީންކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް ބުންޏެވެ.
އެކަމުގެ ސަބަބުން އޮޅުވާލައިގެން އެލަވަންސް ހޯދުމާއި އެ އެލަވަންސް ހައްގުވާ ފަރާތްތަކަށް އެލަވަންސް ފޯރުކޮށްދިނުމުގައި ހިރާސްތަކެއް ހުރި ކަމަށް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ.
އެގޮތުން ބަލާއިރު، އެލަވަންސް ހައްގުނުވާ 217 އެޕްލިކޭޝަނެއް އޮޑިޓަށް ފާހަގަވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ވަޒީފާގައި އުޅެމުންދިޔަ ފަރާތްތަކަށް އެލަވަންސް ދެވިފައިވާ މައްސަލަތައް ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.
އެ އެޕްލިކޭޝަންތަކަށް 409،969 ރުފިޔާ އެލަވަންސް ދޫކުރެވިފައިވާއިރު، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން މިހާރު ވެސް ކުރަމުންދާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އެ ސްކީމާ ގުޅިގެން ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ނުހައްގުން އެލަވަންސް ހޯދި ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުން އަވަސްކުރުމާއެކު، މުސްތަގުބަލުގައި އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެކި ގޮތްގޮތުން އާމްދަނީ ލިބޭ ފަރާތްތަކުގެ ރެޖިސްޓްރީއެއް ގާއިމުކުރުން އޮޑިޓު އޮފީހުން ދިން ލަފާތަކުގެ ތެރޭގައި ހިމެނެ އެވެ.
އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވަންސް ހޯދި ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދައި، އެ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.












