އައްޑޫ އިކުއެޓޯރިއަލް ސަރަހައްދުން ދޫކޮށްފައިވާ 35 ގޯއްޗެއް އަތުލައި، އޭގެ ބަދަލުގައި އެހެން ސަރަހައްދަކުން ގޯތި ދިނުމުގައި މައްސަލައެއް ނެތް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފި އެވެ.
މި ޖުލައި 15، ގައި ގޯތިތަކުގެ ވެރިންނަށް ކައުންސިލުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރުމަށް ބޭނުންވާތީ އެ ސަރަހައްދުން ދީފައިވާ 3000 އަކަފޫޓުގެ ގޯތި ހަމަ އެވަރުގެ އެހެން ގޯއްޗަކާ ބަދަލުކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ނިންމާފައިވަނީ ކުރިން ހޮސްޕިޓަލް އަޅަން ނިންމާފައި އޮތް ބިން ކަމަށްވާ ސްޓޭޑިއަމް ސަރަހައްދުން ބަދަލު ގޯތިތައް ދޫކުރުމަށެވެ. އެ ގޯތިތަކަށް ހަވާލުވުމަށް ވެސް ކައުންސިލުން ހުޅުވާލާފައިވެ އެވެ.
ނަމަވެސް، އައްޑޫ ކައުންސިލުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަމާ ދެކޮޅަށް ގޯތި ދޫކޮށްލަންޖެހޭ ހަތް ފަރާތަކުން އެކަން ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ގޯތި ބަދަލުކުރުމުގެ ކަންކަން މަޑުޖައްސައިލުމަށް މިދިޔަ ހޯމަ ދުވަހު ވަގުތީ އަމުރެއް ވެސް ވަނީ ނެރެފަ އެވެ.
އެ މައްސަލަ ބެލުމަށްފަހު، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ އާންމު ބޭނުމަށްޓަކައި މީހުންގެ އަމިއްލަ ބިންތަކާއި މުދާ ކޮންމެހެން ނަގަންޖެހިއްޖެ ހާލަތެއްގައި، އަދުލުވެރި ބަދަލެއް ދިނުމަށްފަހު އެ ބިމެއް ނޫނީ މުދަލެއް ނެގިދާނެކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގޯތިތައް އެހެންތަނަކަށް ބަދަލުނުކުރެވޭނެ ސަބަބެއް ނެތް ކަމަށާއި، ގޯތިތައް ބަދަލުކުރަން އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނަކީ ނުވަތަ ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މައްސަލައިގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެ ގޯތިތައް ދައުލަތަށް ނެގުމަށް އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ތާއީދު ކުރާ ކަމަށެވެ.












