މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ށ. ނަލަންދޫ ފަރަށް އަރައި ނުނެގި އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ ކޮޅުވެއްޓި ނަގަން މުއްދަތެއް ދީފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އެ ކޮޅުވެއްޓި ފަރަށް އެރީ އުތުރުގެ ބައެއް ރަށްތަކަށް ފެނަކައިން ފޮނުވި ޖަނަރޭޓަރާއި މުދަލާއެކު ދަތުރު ކުރަނިކޮށެވެ. ގާތްގަނޑަކަށް 13 މިލިއަން ރުފިޔާގެ މުދާ އޭގައި ހުއްޓެވެ. ފަރަށް އެރުމާ އެކު މުދާތައް ވަނީ ބާލައިފަ އެވެ.
މުދާތައް ބޭލުމަށް ފަހު ކޮޅުވެއްޓި އޮތީ އެތަނަށް ދޫކޮށްލައިފަ އެވެ.
އީޕީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ފަރަށް އެރި ލޭންޑިން ކްރާފްޓް ނެގުމަށް މުއްދަތެއް ދީފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ ނަގަން އަންގާފައި. އެ ނަގަން ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްލާފަ މިހާރު މަސައްކަތް ނުކުރޭ. މިހާރު އޮތީ ހަމަ ހުއްޓާލާފައި،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް އެ ސަރަހައްދަށް ގޮސް މަސައްކަތް ކޮށް ފަރަށް ލިބުނު ގެއްލުން ދެނެގަނެވޭނީ އުޅަނދު ނެގުމުންނެވެ.
ކޮޅުވެއްޓި ނިސްބަތްވާ ހެވީލޯޑު މޯލްޑިވްސްގެ ފަރާތުން, ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވީ ކޮޅުވެއްޓި ނެގުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. އޭތި ނަގަން މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
އެ ނުނެގި ލަސްވަނީ ކޮވިޑާ ހެދި މަސައްކަތްތައް ނުކުރެވުމާއި އެ ނޫން ވެސް ގިނަ ހުރަސްތަކެއް ކުރިމަތިވުމުން ކަމަށް ވިދާޅުވި އެވެ.
"ވީހާވެސް އަވަހަކަށް އެ ނެގޭތޯ މަސައްކަތްކުރަމުން އަންނަނީ. އެކަމަކު އަދި އެކަން ކާމިޔާބެއް ނުވޭ," މޫސަ ވިދާޅުވި އެވެ.
ފަރަށް އަރާ އުޅަނދުތަކާ މެދު އީޕީއޭ އިން އާންމުކޮށް އަމަލުކުރާ އުސޫލަކީ ދިވެހި ބޯޓެއް ފުރަތަމަ ފަހަރަށް ފަރަށް އަރައިފި ނަމަ، ދޭނީ އިންޒާރެކެވެ. އެހެން ނަމަވެސް ދެވަނަ ފަހަރުން ފެށިގެން ޖޫރިމަނާ ކުރެ އެވެ. ހިމާޔަތްކޮށްފައިވާ ފަރަކަށް ފުރަތަމަ ފަހަރަށް ބޯޓެއް އެރި ނަމަވެސް ޖޫރިމަނާ ކުރާނެ އެވެ.
މީގެ ކުރިން ވެސް އުޅަނދުތައް ފަރަށް އަރައިގެން ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ 2016 ވަނަ އަހަރު ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހިފައިގެން ދިޔަ ބޯޓެއް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމެވެ.













