އަފްގާނިސްތާނުގެ އަންހެން ގަވަރުނަރު: ތާލިބާނާ ދެކޮޅު ބޮޑު ލަޝްކަރެއް އުފައްދަނީ!

ފިރިހެނުންގެ ނުފޫޒު ގަދަ އަފްގާނިސްތާނުގެ އަންހެން ގަވަރުނަރު ސަލީމާ މަޒާރީ. އޭނާ މަސައްކަތް ކުރަނީ ތާލިބާނާ ދެކޮޅު ލަޝްކަރެއް އުފެއްދުމަށް.-- ފޮޓޯ: އޭއެފްޕީ

ފިރިހެނުންގެ ނުފޫޒު ގަދަ އަފްގާނިސްތާނުގެ އަންހެން ގަވަރުނަރު ސަލީމާ މަޒާރީ. އޭނާ މަސައްކަތް ކުރަނީ ތާލިބާނާ ދެކޮޅު ލަޝްކަރެއް އުފެއްދުމަށް.-- ފޮޓޯ: އޭއެފްޕީ

ޗަރްކިންތު، އަފްގާނިސްތާން (އޯގަސްޓު 6) - އުތުރު އަފްގާނިސްތާނުގެ ރަށްފުށުގެ ހިސާބުގަނޑުގައިވާ ޑިސްޓްރިކްޓެއްގައި ޕިކަޕު މަޑުމަޑުން ދުއްވަމުން ދާއިރު، އޭގެ ކުރީ ސީޓުގައި އިނީ ސަލީމާ މަޒާރީ އެވެ. އޭނާ އިނީ ޕިކަޕްގެ ރޭޑިއޯއިން އަފްގާނިސްތާނުގައި މަގްބޫލު ލަވަތަކެއް ޖަހައި އަޑު އަހާށެވެ.

ފިރިހެނުންގެ ނުފޫޒު ގަދަ އަފްގާނިސްތާނުގައި މަޒާރީ އަކީ އަންހެން ގަވަރުނަރެކެވެ. އޭނާ މި ވަގުތު އުޅެނީ ވަރުގަދަ މަސައްކަތެއްގަ އެވެ. އެއީ ގައުމުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރަމުންދާ ހަނގުރާމަވެރި ތާލިބާނުންނާ ދެކޮޅު ލަޝްކަރެއް އުފެއްދުމުގެ މަސައްކަތެވެ.

"ލޯބިވާ ބިން... ތިބާއަށްޓަކައި އަހަރެންގެ ފުރާނަ ގުރުބާންކޮށްލާނަން،" ރޭޑިއޯއިން ޖަހާފައިވާ ލަވައިގައި ކިޔަމުން ދެ އެވެ. މި ދުވަސްވަރު މަޒާރީ އޭނާގެ ޑިސްޓްރިކްޓުގެ ރައްޔިތުންގެ ކިބައިން އެދެމުން ދަނީ އެކަމަށެވެ؛ ގައުމަށްޓަކައި ފުރާނަ އަތް މައްޗަށް ލައިގެން ނިކުތުމަށެވެ.

މިދިޔަ މޭ މަހުން ފެށިގެން ތާލިބާނުން ވަނީ ރަށްފުށުގެ ބޮޑު ހިސާބެއްގެ ކޮންޓްރޯލް ހޯދާފަ އެވެ. އެ މީހުންގެ މަސައްކަތް ވަރުގަދަ ކުރީ 20 އަހަރު ވަންދެން އެމެރިކާއިން ކުރި ދިގު ހަނގުރާމަ ނިމުމަކަށް ގެނެސް، ބޭރުގެ ފައުޖުތަކުން އަފްގާނިސްތާނުން ފައިބަން ފެށުމުންނެވެ.

ތާލިބަނުން ހިފި ރަށްފުށުގެ ގިނަ ހިސާބުތަކުގެ އާއްމު ދިރިއުޅުމަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް މަޒާރީ ގަވަރުނަރުކަން ކުރައްވާ ޗަރްކިންތު ޑިސްޓްރިކްޓުގައި ތާލިބާނުންގެ ސަބަބުން ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައިސްދާނެ ކަމުގެ ބިރު އެބަ އޮތެވެ.

"އިންސާނީ ހައްގުތަކަށް އަރައިގަންނަ ބަޔަކީ ތާލިބާނުން،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ތާލިބާނުންގެ ވެރިކަމުގައި އަންހެނުންނާއި އަންހެން ކުދިން ތައުލީމު އެނގެނުން މަނާ ކުރި.-- ފޮޓޯ: އޭއެފްޕީ
ތާލިބާނުންގެ ވެރިކަމުގައި އަންހެނުންނާއި އަންހެން ކުދިން ތައުލީމު އެނގެނުން މަނާ ކުރި.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުންގެ ވެރިކަމުގައި އަންހެނުންނާއި އަންހެން ކުދިން ތައުލީމު އެނގެނުން މަނާ ކުރި.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުން މީގެ ކުރިން އަފްގާނިސްތާނުގައި ވެރިކަން ކުރިއިރު، އަންހެނުންނާއި އަންހެން ކުދިން ތައުލީމް ހާސިލް ކުރުމާއި ވަޒީފާއަށް ދިޔުން މަނާކުރި އެވެ. އެ މީހުންގެ ވެރިކަން 2001 ގައި ވެއްޓުނު ފަހުން ވެސް އާއްމުންގެ ވިސްނުމަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.

"އިޖުތިމާއީ ގޮތުން، މީހުން ތިބީ އަންހެން ލީޑަރަކު ބަލައިގަންނަން ތައްޔާރަކަށް ނޫން،" މަޒާރީ އޭއެފްޕީއަށް ވިދާޅުވި އެވެ.

މަޒާރީއަކީ ހަޒާރާ ކޮމިއުނިޓީގެ މެމްބަރެކެވެ. އެ މީހުންނަކީ ޝިއައީންނަށް ވާތީ ސުންނީ ތާލިބާނުންގެ ހަމަލާތައް އަމާޒުވެ އެވެ. ތާލިބަނުންގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޓާގެޓަކަށް ވެސް އެ މީހުން ވަނީ ވެފަ އެވެ. މިދިޔަ މޭ މަހު ހަޒާރާ ކޮމިއުނިޓީގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 80 ކުދިން މަރުވި އެވެ.

މަޒާރީ ގަވަރުނަރުކަން ކުރައްވާ ޑިސްޓްރިކްޓުގައި އެއް ބައި މިހާރު ވެސް އޮތީ ތާލިބާނުންގެ އަތް ދަށުގަ އެވެ. އެހެންވެ އޭނާ ގިނަ ވަގުތުތަކެއް ހޭދަކުރައްވަނީ ތާލިބާނުންނާ ދެކޮޅު ލަޝްކަރަކަށް މެމްބަރުން ހޯދައި، ޑިސްޓްރިކްޓު ދިފާއު ކުރެވޭނެ ގޮތްތައް ހޯދުމަށެވެ.

މަޒާރީގެ ލަޝްކަރުގެ މެމްބަރަކު ހަތިޔާރު ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
މަޒާރީގެ ލަޝްކަރުގެ މެމްބަރަކު ހަތިޔާރު ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މަޒާރީގެ ލަޝްކަރުގެ މެމްބަރަކު ހަތިޔާރު ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

އެ ޑިސްޓްރިކްޓުގެ އެތައް ސަތޭކަ ބަޔަކު ވަނީ ދިރިއުޅުމުގެ ކަންކަން ހުއްޓާލުމަށް ފަހު މަޒާރީގެ ލަޝްކަރާ ގުޅިފަ އެވެ. އޭގެ ތެރޭގައި ދަނޑުވެރިންނާއި، ބަކަރި ހުއިހައްޕާ މީހުންނާއި ލޭބަރުން ހިމެނެ އެވެ.

"އަޅުގަނޑުމެންގެ ސިފައިންގެ އަތުގައި ބަޑިއެއް ނެތް. އެހެންވެ އެ މީހުން ގޮސް ގެރި އާއި ބަކަރި އާއި ބިންކޮޅު ވެސް ވިއްކާލައިގެން ފައިސާ ހޯދީ. އެ ފައިސާއަށް ހަތިޔާރު އެއް ކުރީ،" މަޒާރީ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކާއި ރެޔަކު ހަނގުރާމައިގެ ކުރީ ސަފުގައި އެ މީހުން ހިތްވަރު ކުރަނީ އެއްވެސް ކަހަލަ އުޖޫރައެއް ނުލިބި، އުޖޫރައެއް ނުވެސް ލިބޭނެކަން އެނގި ތިބެ."

ޑިސްޓްރިކްޓް ފުލުހުންގެ ވެރިޔާ ސަޔިދު ނަޒީރު ގަބޫލުކުރައްވާ ގޮތުގައި ތާލިބާނުން މުޅި ޑިސްޓްރިކްޓު އެއްކޮށް ހިފާފައި ނުވަނީ އާއްމުން ނިކުމެ ލަޝްކަރެއް ހަދާފައި ވާތީ އެވެ.

"އަޅުގަނޑުމެންނަށް ކުރި ހޯދެނީ ރައްޔިތުންގެ މަސައްކަތުން،" ތާލިބާނުންނާ ދެކޮޅަށް ހަމަލާ ބަދަލު ކުރުމުން ފަޔަށް ލިބުނު ގެއްލުމަކަށް އަދިވެސް ފަރުވާ ކުރަމުންދާ ނަޒީރު އޭއެފްޕީއަށް ވިދާޅުވި އެވެ.

ޑިސްޓްރިކްޓުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މަޒާރީ އުފެއްދި ލަޝްކަރުގައި މިހާރު 600 މެމްބަރުން އެބަ އުޅެ އެވެ. އޭގެ ތެރެއިން އެކަކަކީ 20 އަހަރު ވަންދެން ދަނޑުވެރިކަން ކުރުމަށް ފަހު ހަތިޔާރު ހިފައިގެން ނިކުތް އުމުރުން 53 އަހަރުގެ ސަޔިދު މުނައްވަރެވެ.

"އަޅުގަނޑުމެންނަކީ މީގެ ކުރިން އަތްތެރި މަސައްކަތް ކުރާ މީހުންނާއި އެހެން މަސައްކަތްތައް ކުރި މީހުން. ދިރިއުޅުމަށް ހުރަސް އެޅުނީ އެ މީހުން [ތާލިބާނުން] ހަމަލާ ދިނުމުން،" އޭނާ ބުންޏެވެ.

"އެ މީހުން ކައިރީގައި ހުރި އަވަށެއް ހިފައި އެ ތަނުގައި ހުރި ކާޕެޓުތަކާއި މުދާތައް ލޫޓުވައިގެން ގެންދިޔައީ... އަޅުގަނޑުމެންނަށް މަޖުބޫރުވީ ހަތިޔާރު ގަނެ، ދިފާއުގައި ނިކުންނަން."

އުމުރުން 21 އަހަރުގެ ފާއިޒު މުހައްމަދަކީ ވެސް އެ ލަޝްކަރުގެ މެމްބަރެކެވެ. އޭނާ ތާލިބާނުންނާ ދެކޮޅަށް ނިކުތީ ޕޮލިޓިކަލް ސައިންސް ކިޔަވަމުން ގޮސް، ތައުލީމު ވެސް މަޑު ޖައްސާލުމަށް ފަހު އެވެ.

އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ހަނގުރާމައެއްގެ މަންޒަރު ފެނުނީ މީގެ ތިން މަސް ކުރިން ތާލިބާނުން ނިކުތުމުންނެވެ. އޭގެ ފަހުން މިހާރު އޭނާ ވަނީ ތިން ފަހަރެއްގެ މަތިން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކޮށްފަ އެވެ.

ތާލިބާނުންނާ ދެކޮޅަށް ހަމަލާ ދޭން ތައްޔާރަށް.-- ފޮޓޯ: އޭއެފްޕީ
ތާލިބާނުންނާ ދެކޮޅަށް ހަމަލާ ދޭން ތައްޔާރަށް.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުންނާ ދެކޮޅަށް ހަމަލާ ދޭން ތައްޔާރަށް.-- ފޮޓޯ: އޭއެފްޕީ

"ހަނގުރާމަ އެންމެ ވަރުގަދަކޮށް ދިޔެއީ މީގެ ދުވަސްކޮޅެއް ކުރިން، އެއް ރޭ މަތިން ހަތް ހަމަލާ އައި،" އޭނާ ބުންޏެވެ.

ޗަރްކިންތު ޑިސްޓްރިކްޓުގެ އާއްމުންގެ ހިތްތަކުގައި ތާލިބާނުންނާ މެދު ވަނީ ބިރުވެރިކަމެވެ. ދެހާސް އެއް ވަނަ އަހަރުގެ ކުރިން ތާލިބާނުންގެ ވެރިކަމުގައި ދިމާވި ކަންކަން އެ މީހުންގެ ހަނދާނުން އަދި ފޮހެވިގެންނެއް ނުދެ އެވެ.

ގަވަރުނަރު މަޒާރީ ދެކިވަޑައިގަންނަވާ ގޮތުގައި ތާލިބާނުންނަށް ފުރިހަމަ ކޮންޓްރޯލް ލިބިއްޖެ ނަމަ އަންހެން ލީޑަރަކު ހުރުުމުގެ ފުރުސަތު ނުދޭނެ އެވެ.

"އަންހެނުންގެ ތައުލީމަށް ހުރަސް އަޅާނެ. ޒުވާނުންނަށް ވަޒީފާއެއް ނުލިބޭނެ،" ލަޝްކަރުގެ ކޮމާންޑަރުންނާ އެކު ހަނގުރާމައަށް ތައްޔާރުވުމާ ގުޅޭ ގޮތުން އޮތް ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox