ދެ ވަނަ ސިޓީއެއް ތާލިބާނުންގެ އަތް ދަށަށް

ތާލިބާނުން މިހާރު މަސައްކަތް ކުރަނީ  ބޮޑެތި ހުރިހާ ސިޓީއެއްގެ ފުރިހަމަ ކޮންޓްރޯލް ހޯދަން.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުން މިހާރު މަސައްކަތް ކުރަނީ ބޮޑެތި ހުރިހާ ސިޓީއެއްގެ ފުރިހަމަ ކޮންޓްރޯލް ހޯދަން.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 7) - ފާއިތުވި 24 ގަޑިއިރު ތެރޭގައި އަފްގާނިސްތާނުގެ ދެ ސިޓީއެއްގެ ފުރިހަމަ ކޮންޓްރޯލް ތާލިބާނުން ހޯދައިފި އެވެ.

ޖައުޒްޖަން ޕްރޮވިންސްގެ ވެރިރަށް، ޝެބެރްގާން ސިޓީގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ ސިފައިންނާއި ސަރުކާރުގެ އޮފިޝަލުން އެ ސިޓީ ދޫކޮށް ކައިރީގައިވާ އެއާޕޯޓަކަށް ގޮސްފައިވާ ކަމަށެވެ.

"ސިޓީގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ ތާލިބާނުންގެ އަތުގައި،" ޑެޕިއުޓީ ގަވަރުނަރު ގާދިރު މާލިއާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ޝެބެރްގާން ސިޓީއަކީ އަފްގާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ މަސައްކަތްތަކެއް ކުރި ލީޑަރު އަބްދުލް ރާޝިދު ދޮސްތުމް ނިސްބަތްވާ ސިޓީ އެވެ.

ތުރުކީން ސިއްހީ ފަރުވާ ހޯދުމަށް ފަހު އޭނާ އެނބުރި އަފްގާނިސްތާނަށް އައީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް މި ވަގުތު އޭނާ ހުރީ ވެރިރަށް ކާބުލްގައި ކަމަށްވެ އެވެ.

ބޭރު ސިފައިން މިދިޔަ މޭ މަހު އަފްގާނިސްތާނުން ފައިބަން ފެށުމާއެކު ތާލިބާނުން ވަނީ ހަނގުރާމަ ވަރުގަދަކޮށް ރަށްފުށުގެ ބޮޑު ހިސާބެއް ހިފައިފަ އެވެ.

ހުކުރު ދުވަހު ނިމްރޯޒް ޕްރޮވިންސްގެ ވެރިރަށް ޒަރާންޖެ ސިޓީގެ ފުރިހަމަ ކޮންޓްރޯލް ތާލިބާނުންނަށް ލިބުނީ "ހަނގުރާމަ ކުރުމަކާ ނުލަ" އެވެ. އެއީ އެ މީހުންނަށް ހިފުނު ފުރަތަމަ ސިޓީ އެވެ.

އެއާ ހިލާފަށް ޝެބެރްގާން ހިފަން ހަނގުރާމަވެރިން މަސައްކަތް ކުރުމުން އެ މީހުންނާ ދެކޮޅަށް ހަމަލާ ދިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ދޮސްތުމްގެ ގާތް މީހަކު ބުނީ ތާލިބާނުން ސިޓީ ހިފާފައިވާ ކަމަށެވެ.

ދޮސްތުމް އަކީ 1990 ގެ އަހަރުތަކުގައި އަފްގާނިސްތާނުގެ އުތުރުގައި ތާލިބާނުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ހަނގުރާމަވެރިން ނެރުނު މީހެކެވެ. އޭނާގެ ގްރޫޕުން ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ދޮސްތުމްގެ ގްރޫޕުގެ މެމްބަރުން ޝެބެރްގާން ދޫކޮށް ފިލުމުން ސަރުކާރަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ. ސަރުކާރުން އުއްމީދު ކުރީ ހަނގުރާމަވެރި ގްރޫޕުތަކުގެ އެހީއާއެކު ތާލިބާނުން ބަލިކުރެވޭނެ ކަމަށެވެ.

ބޭރުގެ ސިފައިން އަފްގާނިސްތާން ދޫކޮށް ދާން ފެށުމާ ދިމާކޮށް ތާލިބާނުން ވަރުގަދަ ކުރި ހަނގުރާމައިގައި ފުރަތަމަ ފަހަރަށް ޕްރޮވިންސެއްގެ ވެރިރަށް ހިފީ ހުކުރު ދުވަހު އެވެ.

"ނިމްރޯޒް ޕްރޮވިންސްގެ ވެރިރަށް، ޒަރަންޖް ސިޓީ ވަނީ ތާލިބާނުންގެ އަތް ދަށުގައި،" ޑެޕިއުޓީ ގަވަރުނަރު ރޫހު ގުލް ހައިރްޒާދް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުގެ ހުޅަނގު ދެކުނުގައި އިރާނު ބޯޑަރު ކައިރީގައި އޮންނަ ސިޓީ ތާލިބާނުންގެ ހިފީ "އެއްވެސް ހަނގުރާމަ ކުރުމަކާ ނުލައި" ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަނީ ހަނގުރާމަވެރިން މަގުތަކުގައި އުޅޭއިރު، އާއްމުން އުފާ ފާޅުކުރާ މަންޒަރެވެ. ނަމަވެސް އެއީ ސައްހަ ވީޑިއޯތަކެއް ކަމެއް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޒަރަންޖް ސިޓީ ހިފުމަށް ފަހު ތާލިބާނުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އެ ތަނުގެ ޖަލުގެ ގޭޓުތައް ހުޅުވުމެވެ.

އެއާއެކު ބަންދުކޮށްފައި ތިބި ތާލިބާން ހަނގުރާމަވެރިންނާއި އާއްމު ކުށްވެރިން ވެސް މަގުތަކަށް ނިކުތެވެ. ޓްވިޓާގައި ދައުރުވި ވީޑިއޯތަކުން ފެނުނީ ގިނަ ބަޔަކު ސަރުކާރު އޮފީސްތައް ލޫޓުވާ ތަކެތި ވަގަށް ނަގަމުން ދިޔަ މަންޒަރެވެ.

"ތާލިބާނުން ފެތުރި ޕްރޮޕެގެންޑާގެ ސަބަބު ސިފައިންގެ އަމާން ދިނީ،" ނަން ހާމަ ނުކުރާ އެ ސިޓީގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.

ޒަރަންޖް އާއި ޝެބެރްގާންގެ ކޮންޓްރޯލް ގެއްލުމާ ގުޅޭ ގޮތުން އަފްގާން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެ ދެ ސިޓީ ހިފުމުގެ ކުރިން ހުކުރު ދުވަހު ތާލިބާނުން ވަނީ އަފްގާނިސްތާން ސަރުކާރުގެ މީޑިއާ އިންފޮމޭޝަން ޑިޕާޓްމަންޓުގެ ވެރިޔާ ވެސް އަވަހާރަކޮށްލާފަ އެވެ.

މިދިޔަ ހަފްތާގައި ތާލިބާނުން ވަނީ އިސް އޮފިޝަލުންނަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމަށް ބުނެފަ އެވެ. އެއީ ސަރުކާރުން ދޭ ވައިގެ ހަމަލާތަކުގެ ރައްދުގަ އެވެ.

އަފްގާނިސްތާނުގެ ދިގު ދާހިލީ ހަނގުރާމަ ހޫނުވީ މިދިޔަ މޭ މަހު ބޭރުގެ ސިފައިން ފައިބަން ފެށުމުންނެވެ. މިހާރު ވެސް ރަށްފުށުގެ ބޮޑު ހިސާބެއް ކޮންޓްރޯލް ކުރަނީ ތާލިބާނުންނެވެ. އަދި ޕްރޮވިންސް ވެރިރަށްތައް ހިފުމަށް ކެނޑިނޭޅި ދަނީ ހަމަލާ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox