ލީގު ފޭވަރިޓަކީ ސިޓީ، ރޭހުގައި ޔުނައިޓެޑް ވެސް އޮންނާނެ: ސޯލްޝެއާ

Aug 7, 2021, 4:57 AM
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮގަސްޓް 7) - އިނގިރޭސި ޕްރިމިއާ ލީގުގެ ކުރިއަށް އޮތް ސީޒަނުގެ ފޭވަރިޓަކީ މެންޗެސްޓާ ސިޓީ ކަމަށާއި ލީގު ހޯދުމުގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑް ވެސް ވާދަކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ސިޓީން މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދިއިރު، ދެ ވަނައިގައި ނިންމާލީ ޔުނައިޓެޑް އެވެ. ސިޓީ ތަށި ހޯދީ ޔުނައިޓެޑަށް ވުރެ 12 ޕޮއިންޓް ކުރީގައި އޮވެގެންނެވެ. މިއީ ސިޓީން އެންމެ ފަހުން ހަތަރު ސީޒަނުގެ ތެރޭގައި ލީގު ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.

އާ ސީޒަނުގެ ކުރިން އިނގިރޭސި ކްލަބްތަކުން ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެންމެ ރަނގަޅު ޓްރާންސްފާތަކެއް މިހާތަނަށް ކުރީ ޔުނައިޓެޑުންނެވެ. އެ ޓީމުން ވަނީ އިނގިރޭސި ތަރި ޖޭޑަން ސަންޗޯ އާއި ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާންގެ ޓްރާންސްފާ ނިންމައިފަ އެވެ. މީގެ އިތުރުން ބާންލީގެ ގޯލްކީޕަރު ޓޮމް ހީޓަން ވެސް ވަނީ އަލުން ޔުނައިޓެޑާ ގުޅިފަ އެވެ.

ވާދަވެރި އެހެން ޓީމުތަކުގެ ޓްރާންސްފާ އަށް ބަލާއިރު ސިޓީން ވަނީ ޖެކް ގްރީލިޝް ގަނެފަ އެވެ. އަދި ސިޓީން ހެރީ ކޭންގެ ސޮއި ހޯދުމަށް ވެސް މަސައްކަތް ކުރެ އެވެ. މަޝްވަރާތައް ރަނގަޅަށް ގޮސްފިނަަމަ ޗެލްސީން އަލުން ރޮމެލޫ ލުކާކޫ ގެންނާނެ އެވެ. ލުކާކޫ ގަންނަން ޗެލްސީން ފުރަތަމަ ކުރި ދެ ބިޑް އިންޓަ އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ މީޑިއާ އަށް އިންޓަވިއުއެއް ދެނީ.-- ފޮޓޯ: އޭއެފްޕީ

ސޯލްޝެއާ ބުނީ ކުރިއަށް އޮތް ސީޒަނަކީ ލީގުގެ ތާރީހުގައި އެންމެ އުނދަގޫ އެއް ސީޒަނަށް ވާނެ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ފޭވަރިޓަކީ ސިޓީ. މިދިޔަ އަހަރުތަކުގައި ސިޓީ އާއި ލިވަޕޫލުން ރޭހުގެ ކުރީގައި އޮތީ. އެކަމަކު މި ފަހުން ޗެލްސީ ވެސް ވަރުގަދަވެއްޖެ. ލީގަށް ވާދަކުރާނެ ފެންވަރު ހުރި އެ ރޭހުގައި އޮންނާނެ ޓީމެއް އަހަރެމެންނަކީ ވެސް. ލީގަށް ވާދަކޮށް ތަށި ހޯދޭނެ ފެންވަރު ހުރި ކްލަބެއް އަބަދުވެސް އަހަރެމެންނަކީ،" ސޯލްޝެއާ ބުންޏެވެ.

"އެންމެ ފަހުގެ ޗެމްޕިއަން (ސިޓީ) ފަހަތަށް ޖައްސާލާފައި ކުރި ހޯދާ ޓީމެއް މި ފަހަރުގެ ޗެމްޕިއަނަކަށް ވާނީ. އެހެންވީމަ ޗެލެންޖްކުރަން ޖެހޭނީ ސިޓީއާ،"

ޔުނައިޓެޑުން މިދިޔަ ސީޒަނުގައި ގޯލްކީޕަރުން ބޭނުންކުރީ ބަހާލައިގެންނެވެ. ބޮޑެތި މެޗުތަކުގައި ޑީން ހެންޑަސަން އާއި ޑޭވިޑް ޑެހެއާ ކުޅެފައިވެ އެވެ. މި ފަހަރު ޔުނައިޓެޑުން ތިން ވަނަ ކީޕަރަކަށް ހީޓަން ގެނައިއިރު، ސޯލްޝެއާ ދެކޭގޮތުގައި ހީޓަން އަކީ ވެސް އެއް ވަނަ މަގާމަށް ވާދަކުރެވޭނެ ފެންވަރު ހުރި މޮޅު ކީޕަރެކެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ދެން އިތުރު ކުޅުންތެރިއަކު ގެންނާނީ ކްލަބް ދޫކޮށްލާ ކުޅުންތެރިންނަށް ބެލުމަށް ފަހު އެވެ. ސޯލްޝެއާ ބުނީ ދެން ޓްރާންސްފާއެއް ފުރިހަމަކުރެވިއްޖެނަމަ އެއީ ބޯނަހެއް ކަމަށެވެ.

ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވި ފަހުން އެ ޓީމަށް އަދި ތަށްޓެއް ނުލިބެ އެވެ. އެކަަމަކު، ޖެހިޖެހިގެން ދެ ސީޒަނުގައި ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީ މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަަނަ ހޯދައި ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރުމުން ޔުނައިޓެޑްގެ ސީނިއާ މެނޭޖްމަންޓުން ނިންމީ ސޯލްޝެއާ އަށް އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދޭށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސޯލްޝެއާ އަށް މި ސީޒަނުގައި ޔުނައިޓެޑް ގޮވައިގެން ތަށްޓެއް ނުހޯދިއްޖެނަމަ މަގާމު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ވަނަ ދުވަހު ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox