ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިރޭ ފުރި ގަތަރު އެއާވޭސްގެ މަތިންދާބޯޓުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑަށް ގެއްލުންތަކެއްވެ އެމަޖެންސީގައި ވެލާނާ އެއާޕޯޓަށް ދެންމެ ޖައްސައިފި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެމަޖެންސީގައި ޖައްސާފައި ވަނީ ހުޅުލެއިން ދޯހާއަށް މިރޭ 8:45 ގައި ފުރި ގަތަރު އެއާވޭސްގެ ބޯޓު QR677 އެވެ.
ބޯޓު ޖެއްސުމަށްފަހު މިހާރު އުޅަނދުން މީހުން ހުސްކޮށްފައިވާކަން އެނގިފައިވެ އެވެ. އެ ބޯޓުގެ އެއްވެސް ފަސިންޖަރަކަށް ގެއްލުންވެފައިނުވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން ބުނެ އެވެ.
ބޯޓަށް ގެއްލުންވެފައި ވަނީ ފުރުމުގެ ކުރިންކަން ނުވަތަ ފަހުންކަން މިހާތަނަށް ނޭނގެ އެވެ. އަދި ކުޑަދޮރަށް ގެއްލުންވާން ދިމާވި ސަބަބު ވެސް އަދި ސާފެއްނުވެ އެވެ.
އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލް މިހާތަނަށް އެމްއޭސީއެލުން ހާމައެއް ނުކުރެ އެވެ.













