އިންޑިއާގެ ސިއްރު އަސްކަރީ މަރުކަޒެއް މޮރިޝަސްގައި ގާއިމްކުރަނީ

އިންޑިއާއިން އަޅަމުންދާ އަސްކަރީ މަރުކަޒު.-- ފޮޓޯ: އަލް ޖަޒީރާ

އިންޑިއާއިން އަޅަމުންދާ އަސްކަރީ މަރުކަޒު.-- ފޮޓޯ: އަލް ޖަޒީރާ

މޮރިޝަސްގެ އަގަލޭގާ އައިލެންޑްގައި އިންޑިއާއިން ސިއްރު އަސްކަރީ މަރުކަޒެއް ހަދަމުންދާކަން އަލް ޖަޒީރާގެ ތަހުގީގީ ނޫސްވެރިކަން ހިންގާ ޔުނިޓުން ހޯދި ސެޓެލައިޓް ފޮޓޯ އާއި މާލީ ޑޭޓާ އަދި އިތުރު ހެކީގެ އެހީގައި ފަޅާ އަރައިފި އެވެ.

އަލް ޖަޒީރާއިން ހޯދި ހެކިތައް ދިރާސާކުރި އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ ކުޑަކުޑަ އާބާދީއެއް އޮންނަ އެ ރަށުގައި ހަދަމުންދާ އެއާސްޓްރިޕް ބޭނުން ކުރާނީ އިންޑިއާ ކަނޑުގެ ސިފައިންގެ މެރިޓައިމް ޕެޓްރޯލް މިޝަންތަކަށް ކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.

މޮރިޝަސްގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާކުރާ ކަމަށް ފުރަތަމަ އަޑުތައް ފެތުރެން ފެށީ 2018 ގަ އެވެ. ނަމަވެސް އިންޑިއާ އާއި މޮރިޝަސްއިން ވެސް ބުނެފައި ވަނީ އަގަލޭގާ އައިލެންޑުގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއު، އަސްކަރީ އެއްވެސް ބޭނުމަކާ ގުޅުމެއް ނެތް ކަމަށެވެ. އެ ތަން ގާއިމްކުރަނީ ރަށުގައި ދިރިއުޅޭ މީހުންގެ ފައިދާއަށް ކަމަށް ބުންޏެވެ.

އަގަލޭގާ އައިލެންޑް އޮންނަނީ މޮރިޝަސްގެ މައި ރަށާ ގާތްގަނޑަކަށް 1،100 ކިލޯމީޓަރު ދުރުގަ އެވެ. ތިން ސަތޭކައެއްގާ މީހުން ދިރިއުޅޭ އެ ރަށުގައި، މިހާރު ބޮޑު ދެ ޖެޓީ އާއި ތިން ކިލޯމީޓަރުގެ ދިގު ރަންވޭއެއް އަޅަމުންދާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެ އެވެ.

"އެ ތަނަކީ އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނާއި މޮޒަމްބީކް ޗެނަލްގައި އިންޑިއާގެ ސާވައިލަންސް ހަރަކާތް އިތުރު ކުރަން ބޭނުންވާ ވައިގެ އަދި ކަނޑުގެ އުޅަނދުތައް ދުއްވޭނެ ގޮތަށް ހަދާ އިންޓެލިޖެންސް ފެސިލިޓީއެއް،" ނިއު ދިއްލީގެ ތިންކްޓޭންކު، އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ އެސޯސިއޭޓް ފެލޯ އަބީޝޭކް މިޝްރާ އަލް ޖަޒީރާއަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބިފައިވާ މައުލޫމާތާއި ގުޅުން ހުރި މީހުންނާ ދެކެވުނު ވާހަކަތަކުން އެނގުނު ގޮތުގައި އެ މަރުކަޒު ބޮޑަށް ބޭނުން ކުރާނީ އަޅުގަނޑުމެންގެ މަނަވަރުތައް މަޑު ކުރުމަށް އަދި ރަންވޭ ބޭނުން ކުރާނީ ޕީ-8އައި ވައިގެ އުޅަނދުތަކުން،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު އަގަލޭގާ އައިލެންޑަށް ވައިގެ އުޅަނދުތައް ޖައްސަން ޖެހެނީ 800 މީޓަރުގެ ކުޑަ ލޭންޑިން ސްޓްރިޕެއް ބޭނުންކޮށްގެންނެވެ. އެއީ މޮރިޝަސްގެ ކޯސްޓުގާޑުގެ ކުދި ވައިގެ އުޅަނދުތަކަށް ކިރިޔާ ބޭނުން ކުރެވޭ ވަރުގެ ތަންކޮޅެކެވެ. ނަމަވެސް އަލަށް ހަދާ ލޭންޑިން ސްޓްރިޕަކީ އެންމެ ބޮޑެތި ޖެޓުތައް ޖެއްސޭ ވަރުގެ ރަންވޭއަކާ އެއް ވަރުގެ ތަނެކެވެ.

އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީގެ ނޭޝަނަލް ސެކިއުރިޓީ ކޮލެޖުގެ ރިސާވާ ސެމުއެލް ބެޝްފީލްޑް އަލް ޖަޒީރާއަށް ވިދާޅުވީ ގައުމުތަކުގެ ނުފޫޒު ފެތުރުމަށް "ހޮޓްސްޕޮޓަކަށް" އިންޑިއާ ކަނޑު ވަމުންދާ ކަމަށެވެ.

"އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނަކީ އެ ގައުމުގެ މަނަވަރުތަކަށް ވައިގެ އެހީ ފޯރުކޮށްދެވޭނެ ގޮތްތަކާއި އޮޕަރޭޝަންތަކަށް ލޯންޗިން ޕެޑުތައް ހުރުން މުހިއްމު ތަނެއް،" އޭނާ ވިދާޅުވި އެވެ.

ބޯޓްތަކުގައި ކޮންސްޓްރަކްޝަން ސާމާނު ހިފައިގެން އިންޑިއާގެ ބަނދަރުތަކުން ފުރައިގެން އަގަލޭގާ އައިލެންޑަށް ދަތުރު ކުރި ބޯޓުތައް އަލްޖަލްޒީރާއިން ވަނީ ދެނެގަނެފަ އެވެ.

ބާރަ ކިލޯމީޓަރުގެ އަގަލޭގާ އައިލެންޑްގައި އިންޑިއާއިން ހިންގާ ބިޔަ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ގައުމުގެ ކުންފުންޏެއްކަމުގައިވާ އެފްކޮންސްއާ އެވެ. އަގަލޭގާ މަޝްރޫއުގެ މަސައްކަތްކުރުމަށްޓަކައި އެ ކުންފުނިން މީހުން ތިބުމަށް އެ ރަށުގެ އުތުރުން ސާފުކޮށްލި ކުޑަ ތަންކޮޅު، މަޝްރޫއުއާ އެއްވަރަށް ބޮޑުވެ، އެތަނަށް އައިސްފައިވާ ބަދަލުތައް ސެޓްލައިޓް ފޮޓޯތަކުން ފެނެއެވެ.

މެރީޓައިމް ޕެޓްރޯލްތައް

އަގަލޭގާ އައިލެންޑްގައި އެ މަސައްކަތް ކުރަން ފެށީ 2015 ވަނަ އަހަރު އިންޑިއާ އާއި މޮރިޝަސްގެ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ދެ ގައުމުން އެއްބަސްވީ އެރަށުގެ ކަނޑާއި ވައިގެ ދަތުރުތަކާ ގުޅޭ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ފުޅާ ކުރުމަށެވެ. އޭގެ ބޭނުމަކީ އެ ރަށުގެ ރަށްވެހިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުން ކަމަށް ބުނެފައިވެ އެވެ.

އަގަލޭގެ މަޝްރޫއަކީ އަސްކަރީ ބޭނުމަކަށް ހިންގާ މަޝްރޫއެއް ނޫން ކަމަށް، މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދް ޖަގްނައުތު މި އަހަރުގެ މޭ މަހު މޮރިޝަސްގެ މަޖިލިސް ޖަލްސާއެއްގައި ވިދާޅުވެފައިވެ އެވެ. އަދި އަގަލޭގާ އައިލެންޑްގައި އަސްކަރީ މަރުކަޒެއް އެޅުމަށް އިންޑިއާއާއެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މޮރިޝަސްގައި އިންޑިއާއިން އެފަދަ މަޝްރޫއު ހިންގުމުގެ ބޭނުމަކީ ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ނުފޫޒު ފަތުރަމުން ދާތީ އެކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ.

އެފްރިކާގެ ގައުމެއްކަމުގައިވާ ޖިބޫޓީގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައި ވާއިރު އެ ސަރަހައްދުގެ ގިނަ ބަނދަރުތަކަށް ޗައިނާއިން ވަދެ ހަދަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވާދަވެރި އިންޑިއާއިން ވެސް މަސައްކަތް ފެށި އެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ކޯސްޓަލް ރޭޑާ ސިސްޓަމް ހަދިޔާކޮށްފައި ވާއިރު، އެ ގައުމުތަކުގެ ތެރޭގައި މޮރިޝަސް އާއި ދިވެހިރާއްޖެ ހިމެނެ އެވެ.

އަލް ޖަޒީރާގެ ތަހުގީގީ ޓީމުން ސުވާލު ކުރުމުން މޮރިޝަސްގެ ސަރުކާރުން ބުނީ އަސްކަރީ މަރުކަޒެއް އެޅުމުގެ އެއްބަސްވުމެއް ނެތް ކަމަށާއި އަގަލޭގާ އައިލެންޑުގައި ގާއިމްކުރާ ފެސިލިޓީތައް ކޮންޓްރޯލް ކުރާނީ އެ ގައުމުން ކަމަށެވެ. އަދި އެހެން ގައުމަކަށް އެ ތަންތަން ބޭނުން ކުރެވޭނީ މޮރިޝަސް ސަރުކާރުގެ ހުއްދަ އޮވެގެން ކަމަށެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އަލް ޖަޒީރާގެ ސުވާލުތަކަށް ޖަވާބުދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox