އާބާދީގެ އެންމެ ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށުގެ ތެރޭގައި އއ. ރަސްދު އާއި އުކުޅަސް ހިމެނިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ރަށްރަށަކީ ދިރިއުޅޭ އާބާދީގެ 70 ޕަސެންޓަށް ވުރެ މަތިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ހަމައެކަނި ދެ ރަށެވެ.
މި ދެ ރަށުގެ ތެރެއިން އާބާދީގެ އެންމެ ބޮޑު ޕަސެންޓަކަށް ވެކްސިން ފުރިހަމަކޮށްފައިވަނީ ރަސްދޫންނެވެ. އެގޮތުން އެ ރަށުގައި ދިރިއުޅޭ 823 މީހުންގެ ތެރެއިން 647 (79 ޕަސެންޓު) މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. އަދި އެ ރަށުގެ 65 އަހަރުން މަތީގެ އާބާދީގެ 99 ޕަސެންޓު މީހުންނާއި ޓޫރިޒަމުގައި މަސައްކަތްކުރާ 96 ޕަސެންޓު މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.
ދެވަނަ އަށް ވެކްސިން ޖެހި އާބާދީ އެންމެ ބޮޑު އުކުޅަހުގެ 74 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކޮށްފި އެވެ. އެގޮތުން އުކުޅަހުގައި ދިރިއުޅޭ 831 މީހުންގެ ތެރެއިން 614 މީހުން ވެކްސިން ފުރިހަމަކޮށްފައިވާ އިރު، 65 އަހަރުން މަތީ އާބާދީގެ އެންމެން ވެކްސިން ފުރިހަމަކޮށްފި އެވެ. އަދި ޓޫރިޒަމުގައި އުޅޭ 96 ޕަސެންޓް މީހުން ވެކްސިން ޖަހައިފި އެވެ.

މި ދެ ރަށަކީ ވެސް ލޯކަލް ޓޫރިޒަމަށް ބަރޯސާވާ އަދި ލޯކަލް ޓޫރިޒަމުގައި ނަން މަޝްހޫރު ދެ ރަށެވެ. އަދި އާބާދީއަށް ވެކްސިން ޖެހުމުގެ ކާމިޔާބާ އެކު، ވެކްސިން ނުޖަހާ ޓޫރިސްޓުންނަށް ދެވޭ ނުވަ ރަށުގެ ތެރޭގައި ވެސް މި ރަށްތައް ހިމެނެ އެވެ.












